އާ ޓެކްނޮލިޖީތައް ތައާރަފް ވެގެން އައި ނަމަވެސް، ޓެކްނޮލޮޖީގެ ޚިދުމަތްތަކުން އެއްވެސް މީހަކު ބާކީވެގެން ނުވާނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އުފައްދާފައިވާ، ދިވެހި ބަހުން ވާހަކަދައްކާ ފުރަތަމަ ވާޗުއަލް އެސިސްޓެންޓް "އެވީ" އުރީދޫ މޯލްޑިވްސް އިން މިއަދު ވަނީ ތައާރަފުކޮށްފައެވެ.

އެކަމަށް ހާއްސަކޮށްގެން މޭންހެޓަން ބިޒްނަސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ވާޗުއަލް އެސިސްޓެންޓް ތައާރަފް ކޮށްދެއްވުމަށްފަހު މިނިސްޓަރު ޝައުނާ ވިދާޅުވީ ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު އަބަދުވެސް އޮންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، މުޖުތަމައުން ބަޔަކު ބާކީވެގެންދާނެ ކަމުގެ ކަންބޮޑުވުން ކަމަށެވެ.

އުރީދޫގެ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނަމަވެސް ޓެކްނޮލޮޖީގެ އެއްވެސް ޚިދުމަތަކުން އެއްވެސް ރައްޔިތަކުން ބާކީ ވެގެން ނުވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

"ވަކި އުމުރުފުރާއަކަށް ނުބަލައި ކޮންމެ މީހަކަށް ވެސް ޓެކްނޮލޮޖީގެ ޚިދުމަތް ލިބެންޖެހޭނެ. އެއްވެސް މީހަކު އެ ޚިދުމަތުން ބާކީ ވެގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ދިވެހި ބަހުން ވާހަކަ ދައްކާ ވާޗުއަލް އެސިސްޓެންޓެއް ތައާރަފުކުރުމަކީ ރާއްޖެ ޓެކްނޮލޮޖީގައި ކުރާ ދަތުރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އޫރީދޫން ތައާރަފްކުރި އެ ޚިދުމަތާއެކު އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭނގޭ މީހުންނަށް ވެސް ޚިދުމަތްތައް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫގެ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހަމައެއާއެކު ދިވެހި ބަހުން މުއާމަލާތް ކުރެވޭ މިފަދަ ވާޗުއަލް އެސިސްޓެންޓެއް ތައާރަފުކުރުމަކީ، ގިނަ ބަޔަކަށް އޭގެ ބޮޑު ފަސޭހައެއް ލިބޭނެ ކަމެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.

އުރީދޫން މިއަދު ތައާރަފު ކުރި ވާޗުއަލް އެސިސްޓެންޓް "އެވީ" މެދުވެރިކޮށް ކަސްޓަމާ ކެއާ ހޮޓްލައިން 929 ނަންބަރަށް ގުޅުމުގެ ބަދަލުގައި ޑޭޓާ، ވޮއިސް އަދި އެސްއެމްއެސްގެ ބާކީ ހުރި ވަރު ބަލައިލެވޭނެއެވެ. އަދި ބިލުތަކާ ބެހޭ މައުލޫމާތު ވެސް ހޯދޭނެއެވެ.