މިދިޔަ އަހަރުގެ އޮގަސްޓް މަހު ކުރެއްދޫ އައިލެންޑް ރިސޯޓަށް ހަނީމޫނަށް ގޮސް އުޅެނިކޮށް އެކްސިޑެންޓެއްގައި އިނގިރޭސި ދެމަފިރިން މަރުވި މައްސަލައިގައި އެކްސިޑެންޓްވި އުޅަނދު ދުއްވި ރިސޯޓުގެ މުވައްޒަފުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލް އަށް ލިބިގެންވާކަމަށް ދައުލަތުން ބުނެފި އެވެ.

އިނގިރޭސި ދެމަފިރިން މަރުވި މައްސަލައިގައި އެކްސިޑެންޓްވި ކުއައުޑްބައިކް ދުއްވި އެ ރިސޯޓުގެ ގެސްޓް ރިލޭޝަންސް އޮފިސާ ޓްރޭނީގެ މަގާމުގައި ހުރި ސުވިޑަންގެ، ފިލިޕް އިއުޖެއިން ފްޓްރާ ގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.

ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށެވެ. އަދި ހަމަ އެ މާއްދާގެ (ރ)ގައި ބުނެފައިވަނީ އެފަދަ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށެއް ކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ.
އެ މައްސަލައިގެ ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ އެއްގަމުދަތުރު ފަތުރާއި ބެހޭ ގާނޫނުގެ ދަށުން ފިލިޕްގެ މައްޗަށް ދައުވާނުކޮށް ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ އުފުލީ ކީއްވެގެންތޯ ދައުލަތާއި ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެއްގަމު ދަތުރުފަތުރާއި ބެހޭގާނޫނުގައި އެބާވަތުގެ ކަންތައްތަކަށް ޖިނާއީ އަދަބެއް ކަނޑައެޅިފައި ނުވާކަމަށެވެ.

ވަކީލު ވިދާޅުވީ އެ ދެމަފިރިން މަރުވީ ފިލްޕްގެ އިހުމާލުން ވީ އެކްސިޑެންޓަކުން ކަމަށްވާތީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވީ މުޅި މުޖުތަމައުގެ މަސްލަހަތަށް ރިއާޔަތްކޮށް ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގައި ބުނާގޮތުން ތަހުގީގުކުރާ ފަރާތުން މައްސަލަ ހުށަހެޅުމުން ހެއްކާއި ގަރީނާ ވަޒަންކުރުމަށް ފަހު ދައުވާކުރުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލް އަށް ލިބިގެންވާކަމަށެވެ.

ފިލްޕްގެ ގާނޫނީ ވަކީލު އަރީފް އަހުމަދު ނަސީމް ވިދާޅުވީ މަރުވި ދެމަފިރިންނަކީވެސް އަދި ފިލިޕް އަކީ ވެސް މުސްލިމެއް ނޫންކަމަށާއި އެހެންކަމުން އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އުސޫލުން އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

ރައްދުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެމީހުންނަކީ އިސްލާމީ ދައުލަތެއްގައި ތިބި ބައެއްކަމަށް ވާތީ އާއި އަދި މީގެ ކުރިންވެސް ބިދޭސީއެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ދައުލަތުން ކޮށްފައިވާތީ ފިލިޕްގެ މައްޗަށް ވެސް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އުސޫލުން ދައުވާކުރެވޭނެ ކަމަށެވެ.

އަރީފް ވިދާޅުވީ ކުއައުޑް ބައިކަށް އެދެމަފިރިން އެރީ އަމިއްލަ އިހުތިޔާރުގައި ކަމަށާއި ފިލިޕް ބުނެގެން ނޫން ކަމަށެވެ. އެކަމުގައި ފިލިޕްގެ ޒިންމާއަކީ ކޮބައިކަން ސާފުވާން ޖެހޭކަމަށް އަރީފް ވިދާޅުވި އެވެ.

އަރީފަށް ރައްދުދެއްވާ ދައުލަތުގެ ވަކީލު ވިދާޅުވީ އެދެމަފިރިން ކުއައުޑްބައިކަށް އެރީ ފިލިޕްގެ އެދުމުގެ މަތިންކަމަށް ބުނެ ބައެއް ގެސްޓުން ތަހުގީގަށް ބަޔާން ދީފައިވާކަމަށެވެ.

ވަކީލު އެހެން ވިދާޅުވުމުން އެ މީހުން މިވަގުތު ރާއްޖޭގައި ތިބިތޯ ސާފުކުރުމަށް ގާޒީ ވަނީ ދައުލަތަށް އަންގާފަ އެވެ.
އެ ދެމަފިރިންގެ މަރުވުމާއި ދައުވާއާ ނުގުޅުވޭނެކަމަށް ފިލިޕްގެ ވަކީލު ވިދާޅުވުމުން ދައުލަތުގެ ވަކީލު ރައްދުގައި ވިދާޅުވީ ފިލިޕްގެ އަމަލަކީ ގަސްތުގައި މީހަކު މެރުން ކަމަށް ނުވިނަމަވެސް އެ ދެމަފިރިން މަރުވާން ދިމާވި އަމަލު ހިންގީ ފިލިޕް ކަމަށް ވާތީ އިސްލާމީ ޝަރީއަތުގައިވާ އަދަބު އޭނާއަށް ލިބެންޖެހޭނެ ކަމަށެވެ.

ވަކީލު ވިދާޅުވީ ކުއައުޑު ބައިކްގެ މެނުއަލްގައި ވާގޮތުން އެ އުޅަނދަށް އެރުވޭނީ އެންމެ މީހަކު ކަމަށާއި ނަމަވެސް ތިން މީހުންނާއި އެކީ ކުއައުޑުބައިކް ދުއްވުމަކީ އެއާއި ޚިލާފަށް އޭނާކޮށްފައިވާ ކަމެއްކަމަށެވެ.

ތިން މީހުންނާއި އެކު ކުއައުޑު ބައިކް ދުއްވުމަކީ ފިލިޕް ރަނގަޅަށް ކުރި އަމަލެއްތޯ ގާޒީ ވަނީ ތަކުރާރުކޮށް ފިލިޕްގެ ވަކީލު އަރީފް ކުރެން އައްސަވާފަ އެވެ. ނަމަވެސް އަރީފް ސީދާ ޖަވާބެއް ނުދެއްވި އެވެ. އޭނާ ވިދާޅުވީ އެ ރިސޯޓުގެ އެހެން މީހުންވެސް ކުއައުޑުބައިކަށް ގިނަ މީހުން އަރުވައިގެން ދުއްވާކަމަށެވެ.

ގާޒީ ވިދާޅުވީ އެއީ އެ ސުވާލުގެ ޖަވާބު ނޫންކަމަށާއި ބޭނުންވަނީ ސިދާ ޖަވާބު ކަމަށެވެ. އަދި އެގޮތަށް ސުވާލުކުރުމުން އަރީފް ޖަވާބު ނުދެއްވުމުން އެދުވަހު ފިލިޕް އެއުޅަނދު ދުއްވީ ދުއްވަންޖެހޭ ގޮތަށް ތޯ ނުވަތަ ނޫންތޯ ސާފުކޮށްދިނުމަށް ގާޒީ އެއްސެވުމުން އަރީފް ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ ސުވާލުގެ ޖަވާބު ދެއްވާނެ ކަމަށެވެ.