28 Jul 2010, 10:38
14:30
އިނދެ ވަރިކޮށްފައިވާ ފިރިމީހާގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ފުލުހުން ހައްޔަރުކުރި އަންހެން މީހާގެ މައްސަލައިގެ ތަހްޤީޤް ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މިދިޔަ ހަފްތާގައި މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައި ވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު ހިނގި އެ ހާދިސާގައި މަރުވި މއ. އެދުރުގޭ، އުމުރުން 34 އަހަރުގެ، ހަސަން ޝާހިދު މަރާލި ކަމަށް އޭނާގެ ކުރީގެ އަނބިމީހާ ހ. ބައިކަނޑިގޭ އުމުރުން 21 އަހަރުގެ މަރިޔަމް ނަޒާހާ އަމިއްލަ އަށް އިއުތިރާފްވުމާ ގުޅިގެން 24 ގަޑިއިރު ނުވަނީސް އެމައްސަލަ ޖިނާއީ ކޯޓަށް ހުށަހަޅައިފައި ވަނިކޮށެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ނަޒާހާ ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
ޝާހިދު މަރުވެފައި ވަނީ ނަޒާހާ ދިރިއުޅޭ ހ. ބައިކަނޑިގޭ ތެރޭގައި ޝާހިދު ހުއްޓާ އޭނާގެ ބުރަކައްޓަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ޝާހިދަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ފުލުހުން ނަޒާހާ ހައްޔަރުކޮށްފައި ވަނީ އެ މައްސަލަ ބަލަމުން ދަނިކޮށް އޭނާ އަމިއްލަ އަށް ފޯނުކޮށް، ޝާހިދުގެ ގަޔަށް ވަޅި ހެރީ އޭނާ ކަމަށް ބުނެ އަމިއްލަ އަށް އިއުތިރާފްވެގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.