24 Oct 2022, 13:37
އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ ޕްރޮފައިލް ޝީޓް، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވަގުތުން ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ވަނީ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް މިހާރު ވިޔަފާރިތަކުގެ ޕްރޮފައިލް ޝީޓު ވަގުތުން ޖެނެރޭޓު ކުރެވޭނެ ކަމަށެވެ. އަދި އެހެން ފަރާތްތަކަށް ފަސޭހަކަމާ އެކު ހިއްސާ ވެސް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ޓުވީޓުގައި، ވިޔަފާރި ރަޖިސްޓްރީކުރުމަށް ފަހު ބޭންކް އެކައުންޓު ހުޅުވުން ފަދަ ކަންކަމުގައި ބޭނުންވާ ކޯޕަރޭޓް ޕްރޮފައިލް ޝީޓު ބިޒްނަސް ޕޯޓަލް އިން ލިބޭނެ ކަމަށް ބުނެފައިވެއެވެ.
ހަމައެއާއެކު، އާދައިގެ ޕްރޮފައިލް ޝީޓެއް ނުވަތަ އިތުރު މައުލޫމާތު ހިމަނައިގެން ޕްރޮފައިލް ޝީޓު ނެގުމުގެ ފުރުސަތު މިހާރު ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ކުރި ޓުވީޓުގައިވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ބޭންކުތަކާއި އެހެނިހެން ޚިދުމަތްދޭ ތަންތަނަށް ވިޔަފާރިތަކުން ފޮނުވާ ޕްރޮފައިލް ޝީޓަކީ ސައްޙަ އެއްޗެއްތޯ ބެލުމަށް ކޮންމެ ޕްރޮފައިލް ޝީޓެއްގައި އެއަށް ޚާއްސަ ވެރިފިކޭޝަން ކޯޑެއް އިންނާނެއެވެ.
އޭރުން އެ ކޯޑު ބޭނުންކޮށްގެން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް، އެ ޝީޓުތަކުގެ ސައްޙަކަން ބެލޭނެއެވެ.
އެ ޚިދުމަތާ އެކު އިކޮނޮމިކް މިނިސްޓްރީގެ ކައުންޓަރުން ޕްރޮފައިލް ޝީޓު ދިނުމުގެ ބަދަލުގައި، އޮންލައިންކޮށް އެކަން ކުރުމަށް ބާރުއަޅަން ފަށާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އަކީ ވިޔަފާރި ރަޖިސްޓްރީގެ ކަންކަމާއި، ވިޔަފާރިތަކަށް ބޭނުންވާ އެކި ހުއްދަތަކާއި އިންވެސްޓުކުރުމުގެ ކަންކަން ކުރުމަށް ބޭނުންކުރާ ޕޯޓަލްއެކެވެ.