24 Oct 2022, 11:07
އަޔުޝްމަން ކުރާނާ ކުޅުނު ފިލްމުތަކުގެ ތެރެއިން 'ވިކީ ޑޮނާ'އަށްވުރެ އެންމެ ފަހުން ރިލީޒްކުރި ފިލްމު 'ޑޮކްޓަރު ޖީ'ގެ މަސައްކަތް އުނދަގޫ ކަމަށް އޭނާ ބުނެފިއެވެ.
ބޮލީވުޑް ޚަބަރުތައް ގެނެސްދޭ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަޔުޝްމަން ބުނީ، ވިކީ ޑޮނާ ފިލްމަކީ ބޮލީވުޑަށް ނެރުނު މުޅިން އާ ވައްތަރެއްގެ ފިލްމެއް ކަމަށެވެ. އެ ފިލްމަށް ފަހު، ވިކީ ޑޮނާއާ އެއްގޮތް ފިލްމުތައް އުފެއްދުން އާންމުވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޑޮކްޓަރު ޖީ ކުޅެފައިވާ ގޮތް މުޅިން ތަފާތު ވުމުން އެެ ފިލްމުގެ މަސައްކަތް އޭނާއަށް މާ އުނދަގޫ ކަމަށް އަޔުޝްމަން ބުންޏެވެ.
''އެއީ އަހަރެންގެ ޒޯން، އަހަރެންގެ ޖޯންރާ ކަމުގައި ވިޔަސް، އެ ފިލްމުގެ މަސައްކަތް މާ ޗެލެންޖިން،" އަޔުޝްމާން ބުނެފައިވެއެވެ.
މީގެ އިތުރުން އަޔުޝްމާން ބުނީ، ފިލްމެއް ކުޅޭއިރު އޭނާއަށް ސްކްރިޕްޓަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އޭނާގެ ފިލްމީ ކެރިއަރުގައި ދިމާވި ކަމެއް ހިއްސާކުރަމުން ބުނީ، ފިލްމަކަށް އޭނާގެ އަގު ކަނޑައެޅުމަށް ބްލޭންކް ޗެކެއް ޕްރޮޑިއުސަރަކު ހުށަހެޅި ކަމަށެވެ. އެހެންނަމަވެސް، އެ ފިލްމުގައި އޭނާ ބޭނުންވާ ސްކްރިޕްޓު ނެތުމުން އެ ފިލްމު އޭނާ ދޫކޮށްލީ ކަމަށް އަޔުޝްމަން ބުންޏެވެ. އަދި ފައިސާއަށް ވުރެ މުހިންމީ ފިލްމުގެ ސްކްރިޕްޓު ކަމަށް އޭނާ ބުންޏެވެ.
'ޑޮކްޓަރު ޖީ' ފިލްމުގައި އަޔުޝްމާން އާއެކު، ޑރ. ފާތިމާ ސިއްދީގީގެ ރޯލުން ރާކުލް ޕްރީތު ސިންގް ފެންނާނެއެވެ. އަދި، ޑރ. ނަންދިނީ ސްރީވަސްތަވްގެ ރޯލުން ޝެފާލީ ޝާހް އާއި އަޔުޝްމާންގެ މަންމަގެ ގޮތުގައި ޝީބާ ޗަދާ ފެނެއެވެ. ފިލްމު ރިލީޒް ކޮށްފައިވަނީ މި މަހު 14ގައެވެ.
އަނޫބުޓީ ކަޝްޔަޕް ޑައިރެކްޓުކުރާ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ވިނީތު ޖެއިން އާއި އުސްމާން ޝައުކަތުއެވެ. މި ފިލްމަށް އައިއެމްޑީބީ އިން ދީފައިވަނީ 10 އަކުން 1.7ގެ ރޭޓިން އެކެވެ. އަދި، ޓައިމްސް އޮފް އިންޑިއާ އިން ދީފައި ވަނީ ފަހެކުން 4.6ގެ ރޭޓިންއެކެވެ.