ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން އެތުލެޓިކޯ ބިލްބާއޯ ބަލިކޮށް އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

ރޭ ބާސާގެ އަމިއްލަ ދަނޑުގައި ބިލްބާއޯއާ ދެކޮޅަށް ކުޅުނު އެ މެޗު ބާސާއިން ކާމިޔާބކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ބާސާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ވަނީ ތިން ގޯލު ޖަހައިފައެވެ.

އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ބާސާއަށް ގޯލު ހުޅުވައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އުސްމާނޭ ޑެމްބެލޭއެވެ. އޭނާ އެ ގޯލު ޖަހައިފައިވަނީ ރޮބާޓް ލެވެންޑޯސްކީ ނަގައިދިން ހުރަހަކުންނެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ބާސާގެ ސާޖިއޯ ރޮބާޓޯ ގޯލެއް ޖަހައި މެޗުގެ ލިޑު ވަނީ ފުޅާކޮށްފައެވެ. އެ ގޯލަކީ ޑެމްބެލޭ ތަނަވަސްކުރި ފުުރުސަތެއްގެ ބޭނުން ހިފައިގެން އޭނާ ޖެހި ގޯލެކެވެ.

ލެވެންޑޯސްކީ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ ބާސެލޯނާ

ޑެމްބެލޭގެ އެހީތެރިކަމާއެކު މެޗުގެ 22 ވަނަ މިނެޓުގައި ލެވެންޑޯސްކީ ބާސާގަ ތިން ވަނަ ގޯލު ޖެހިއެވެ. ޑެމްބެލޭ ޖައްސާލި ޕާސް ލެވެންޑޯސްކީ އެނބުރިލައިފައި އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބާސާގެ ފެރާން ޓޮރެސް ވަނީ މެޗުގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ވެސް ޑެމްބެލޭ ތަނަވަސް ކުރި ފުރުސަތަކުން ޖެހި ގޯލެކެވެ.

އެ މެޗުން މޮޅުވެ ބާސެލޯނާ ވަނީ އެއްވަނައިގައި އޮތް ރެއާލްއާ ތިން ޕޮއިންޓް ގާތަށް ޖެހިލައިފައެވެ. ބާސާ ތާވަލުގެ ދެވަނައިގައި އޮތީ 28 ޕޮއިންޓާއެކުއެވެ. އަދި އެއްވަނައިގައި ރެއާލް އޮތީ 31 ޕޮއިންޓާއެކުއެވެ. ރޭގެ މެޗުން ބަލިވި ބިލްބާއޯ ތާވަލުގެ ހަ ވަނައިގައި އޮތީ 18 ޕޮއިންޓާއެކުއެވެ.