27 Oct 2022, 09:30
ކޮމްޕިއުޓާ ސިސްޓަމް ނުވަތަ ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ) މާބޮޑަށް ހޫނުވާ ނަމަ އެކަން ހައްލުކުރެވިދާނެ އެއް ގޮތަކީ އަފްޓާމާކެޓް އެއާ ކޫލާއެއް ބޭނުން ކުރުމެވެ.
ޖަރުމަނުގެ ހާޑްވެއާ އުފައްދާ ކުންފުނި ރައިޖިންޓެކް އިން މަޝްހޫރު މޯފިއަސް އަފްޓާމާކެޓް ޖީޕީޔޫ ހީޓްސިންކްގެ އާ ވާޝަނެއް ދާދިފަހުން ވަނީ ނެރެފައެވެ. އަލަށް ތައާރަފުކުރި ހީޓްސިންކް ނުވަތަ ހޫނުމިން ދަށްކޮށްދޭ ޑިވައިސް އުފައްދާފައި ވަނީ ކަޅު ކުލައިގެ އެނޮޑައިޒްޑް އެލްމިނިއަމްގައި އަޅުވާފައި ހުންނަ ދެ ފަންކާއެއްގެ އެހީގައި ހޫނު ދަށްކޮށްދޭ ގޮތަށެވެ.

ކޮމްޕިއުޓަރާ ގުޅުންހުރި އެކިއެކި ހާޑުވެއާ އުފެއްދުމުގައި މަޝްހޫރު ކުންފުނި، ރައިޖިންޓެކްއިން އަލަށް ނެރުނު ހޫނުމިން ދަށްކުރާ މިޑިވައިސް "މޯފިއަސް 8069" ނެރެފައިވަނީ މިދިޔަ ހަފުތާ ބަންދުގައި މާބޮޑު ރަސްމިއްޔާތެއް ނުބާއްވާ، އިގޯސް ލެބް މެދުވެރިކޮށެވެ. އިގޯސްލެބް އަކީ ކޮމްޕިއުޓަރުގެ ބާވަތްތަކާއި، ކޮމްޕިއުޓަރާ ގުޅުންހުރި އެކިއެކި ސާމާނު ތައާރަފު ކުރުމުގައި މަޝްހޫރު ވެބްސައިޓެކެވެ.
މޯފިއަސް 8069 އިން ހޫނު ދަށް ކޮށްދޭ ގޮތް އެފަދަ ގިނަ އެހެން ބައެއް ކޫލާތަކާ ވަރަށް ތަފާތެވެ. އެގޮތުން މޯފިއަސް 8069 އަކީ އެހެން ކޫލާތަކާ އަޅާ ބަލާއިރު ލުއި ޑިވައިސްއެކެވެ.

އޭގެ ބަރުދަނުގައި އެންމެ 515 ގްރާމް (1.1 ޕައުންޑް) ހުންނައިރު، އޭގެ ދިގު މިނުގައި ހުންނަނީ 245 މިލިމީޓަރެވެ. މިފަދަ އެހެން ކޫލިން ޑިވައިސެއް ކަމަށްވާ އާރުޓީއެކްސް 3090 އެފްއީ ކޫލަރުގެ ބަރުދަނުގައި ޕީސީބީއާއެކު 2125 ގްރާމް (4.7 ޕައުންޑް) ހުރެއެވެ. އޭގެ ދިގު މިނުގައި 313 މިލިމީޓަރު ހުރެއެވެ.
ރައިޖިންޓެކް އިން ބުނާގޮތުގައި އެމީހުންގެ މި ކާމިޔާބު އުފެއްދުން ޒަމާނީ ހުރިހާ ޖީޕީޔޫތަކެއްގެ މެމޮރީ މޮޑިއުލްތައް ފިނިކޮށްދޭނެއެވެ.

މި ކޫލިންސިސްޓަމްގެ އަގާއި އެފަދަ އިތުރު މައުލޫމާތު ރައިޖިންޓެކްއިން ހާމަކުރާނީ އަންނަ ހަފުތާ ތެރޭގައި އެ ސިސްޓަމް ބާޒާރަށް ނެރެން ކައިރިވުމުންނެވެ.