ނައިބު ރައީސް ކަމަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ވަހީދުއްދީން (ޑީން) އާއި 14 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ނިންމައިފި އެވެ. އެ ބޭފުޅުން މަޖިލީހުން ރުހުން ދިނުމަށް ހުށަހެޅީ ގަނޑުކޮށެއް ނޫނެވެ. ކޮންމެ ބޭފުޅަކަށް ވެސް ވަކިވަކިން ރުހުން އޮތްތޯ ބެލުމަށް ތަޅުމަށް ހުށަހެޅުމަށް ކޮމެޓީން ނިންމި އެވެ.

ސަރުކާރާ ބައިޔަތު ހިފާފައިވާ ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ނައިބު ރައީސާއި ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ނިންމީ ކޮމެޓީގެ އަގުލަބިއްޔަތުންނެވެ. ނައިބު ރައީސް އާއި ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދެއްވީ ކޮމެޓިއަށް މިއަދުގެ ޖަލްސާއަށް ހާޒިރުވި 10 މެންބަރުންގެ ތެރެއިން ހަ މެންބަރުންނެވެ. ކޮމެޓީގެ މުގައްރިރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު މުޖުތާޒު ފަހުމީ ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. ނަމަވެސް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި އެމްޑީޕީގެ ނައިބު ރައީސް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ އިތުރުން މަޑެވެލީ ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

މިއަދު 11:15 ގައި ބޭއްވި ބައްދަލުވުމުގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށް ނިމުމުން އެ މައްސަލާގެ ރިޕޯޓް ވަނީ މަޖިލީހުގެ ރައީސް ހުށަހަޅާފަ އެވެ.