24 Oct 2022, 10:20
ޗާގޯސް މައްސަލައިގައި ކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމައަށް ދިފާއުކޮށްފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޖަރުމަނުގައި ހުންނަ، "އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ" (އިޓްލޮސް)ގައި ކުރިއަށް ދާ ދިވެހިރާއްޖެ އާއި ޗާގޮސް (ފޯޅަވަހި)އާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.
އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ 2019ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން އިޓްލޮސް އަށް 'ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ' (މުޢާހަދާ) ގެ ދަށުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހުތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެހެންނަމަވެސް ޓްރައިބިއުނަލުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މައްސަލަ ބެލުމަށް ނިންމިއެވެ.
އޭޖީ އޮފީހުން ބުނީ ޓްރައިބިއުނަލްގެ އެ ނިންމުމާ ގުޅިގެން ދެން ކުރިއަށް ދިޔައީ ދެ ގައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުހަލާ ކަމަށެވެ. އެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދީގެން ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށްވުމުން ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަނުކުރެވުނު،" އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
އޭޖީ އޮފީހުން ބުނީ ރާއްޖޭގެ ދިފާޢު ބިނާކޮށްފައިވަނީ ތިން ކަމެއްގެ މައްޗަށް ކަމަށެވެ. އެއީ:
މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، ބައިނަލްއަޤްވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށް އެއީ ބޭސް ޕޮއިންޓްއެއް ކަމަށް ނުބަލައި އެ ސަރަޙައްދު ބައިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެނަމަ ދިވެހިރާއްޖެއަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަޙައްދެއް ލިބިގެންދާނެތީ، ސަރަޙައްދު ބައިކުރަން މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިޢުތިރާޒްކުރުން.
- ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަކީ އައުޓާ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ޚާއްޞަކޮށް އުފައްދާފައިވާ ކޮމިޝަންއެއް ކަމަށްވާތީއާއި މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕަރޓުން ފަދަ ޚާއްޞަ ޚަބީރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއްކަމުގައިނުވާތީ، ދިވެހިރާއްޖޭގެ ފަރާތުން
(ސީއެލްސީއެސް) އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ، އައުޓާ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ލިބިފައިނުވާކަމަށް ހުށަހެޅުން.
- ދިވެހިރާއްޖެއިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓާ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމަވާ ހާލަތުގައިވެސް، އައުޓާ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ ނެޗުރަލް ޕްރޮލޯންގޭޝަން އާގުޅޭ ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިނުވާތީ، މޮރިޝަސްއަށް އައުޓާ ކޮންޓިނެންޓަލް ޝެލްފް ޙައްޤުވެގެން ނުވާކަމަށް ބަޔާންކުރުން.
އެ ބަޔާނުގައި ވަނީ މައްސަލައިގެ ލިޔުމުން ޖަވާބުދާރީވުމުގެ މަރުޙަލާ ނިމުމުން، އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ އެ މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 17 އިން ފެށިގެން މިއަދާ ހަމައަށް، ޓްރައިބިއުނަލްގައި ކުރިއަށް ދާނެ ކަމަށެވެ. އަދި މިއަދު މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު، އެ މައްސަލަ ބައްލަވާ ޓްރައިބިއުންލަގެ ސްޕެޝަލް ޗެމްބަރުގެ ފަރާތުން މައްސަލައާ ގުޅޭ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލައިގައި ގޮތެއް ކަނޑައެޅުން ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
މިބާވަތުގެ އެހެން މައްސަލަތަކުގައި ވެސް އާންމު އުސޫލުން ނިންމުންތައް ނިންމާ ހަމަތަކަށް ބަލާއިރު، މުއާހަދާގައި ބަޔާންކޮށްފައިވާ ބައިނަލްއަގްވާމީ ގާނޫނީ ހަމަތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ޓްރައިބިއުނަލުން ކަނޑައަޅާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އަދި ބައިނަލްއަގްވާމީ އުސޫލުތަކަށް ރިޢާޔަތްކުރާއިރު، ޢާންމު އުސޫލެއްގެ ގޮތުން ދެގައުމުގެ މެދުގައި އޮންނަ ފުށުއަރާ ސަރަހައްދުގެ ބައި ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލުން ކަމަށް އެ ބަޔާނުގައިވެއެވެ.
"އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިޔުން،"
ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ، އެހެންނަމަވެސް ހައްލުކުރެވިފައިނުވާ މައްސަލައެކެވެ.
ޗާގޮސް ޑީކޮލޮނައިޒޭޝަން ރިޒޮލިއުޝަނާ ގުޅިގެން އދ. ގައި ރާއްޖެއިން ވޯޓުދިނުމާ ގުޅޭ ގޮތުން ވެސް އޭޖީ އޮފީހުން ވަނީ މައުލޫމާތު ހިއްސާ ކޮށްފައެވެ. އެ އޮފީހުން ބުނީ ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅުވައިގެން އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަން އެ އޮފީހުން ފާހަގަކުރެއެވެ. އަދި އދ. ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
"އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު "އައިސީޖޭ އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" އަށް ބަލާއިރު، އެ އޮޕީނިއަންގައި އިނގިރޭސިވިލާތުން ޗާގޮސް އިސްތިއުމާރުކޮށްފައިވާ ކުރުމަށް ނިމުމަކަށް ގެނެސް އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރަން ޖެހޭކަމަށް ކަނޑައަޅުއްވާފައިވޭ،" އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.
އެ އޮފީހުން ބުނީ އައިސީޖޭ އޮޕީނިއަންއާ ގުޅިގެން، ހަ މަސްދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަނެއްވެސް 2019 އަހަރު ފާސްކޮށްފައިވާ ކަމަށެވެ.
"އެ ރިޒޮލިއުޝަން ނެރެފައިވަނީ 116 ގައުމުގެ ތާއިދާއެކުގައިކަމާއި، އެ ރިޒޮލިއުޝަނާ އިދިކޮޅަށް ރާއްޖެއިން ވޯޓުލާފައިވަނީ، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް 2010 ވަނަ އަހަރު ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިޢުތިރާޒުކޮށް، 2011 ވަނަ އަހަރު "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީ،"
އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެއަކީ ޑީކޮލޮނައިޒޭޝަންއަށް އަބަދުވެސް ތާއީދުކުރާ ގައުމަކަށްވެފައި، މިހާރު މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށެވެ. ވުމާއެކު ރާއްޖެއިންވެސް މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ ޖެނެރަލް އެސެމްބްލީގައި ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، މިހާރު ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓަނީ ޖެނެރަލް ފާހަގަކުރެއްވި ކަމަށެވެ.
ޔޫއެން ޖެނެރަލް އެސެމްބްލީގައި ބަހުސްކުރެވޭ ވަކި ކަމެއްގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅިފައިވާ، ކަމެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އަދި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) އަށް ބަލާއިރު، ޚާރިޖީ ސިޔާސަތު ކަނޑައެޅުމާއި، ހިންގުމާއި، އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ރައީސްއަށް ލިބިގެންވާ ބާރެއް ކަން ވެސް އެ އޮފީހުން ފާހަގަކުރެއެވެ.
ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަކީ ރާއްޖެ ބައިވެރިވެފައިވާ މުޢާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމަންޖެހޭ، މުޅިން ތަފާތު މައްސަލައެއް ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
އެ އޮފީހުން ބުނީ އައިސީޖޭގެ ނިންމުން ތަންފީޒުކޮށް ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް އދ. ގެ ޖެނެރަލް އެސެމްބްލީގައި ތާއީދުކޮށް ވޯޓު ލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.