އޮޕެރާ ލަވަކިޔުންތެރިޔާ މަރިއްޔާ ކާލަސްގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމުގައި އޭނާގެ ރޯލުން ފެނިގެންދާނެ ތަރިއަކަށް އެންޖެލީނާ ޖޯލީ ހޮވައިފިއެވެ.

މަރިއްޔާ އަކީ 20 ވަނަ ގަރުނުގެ އެންމެ ނަން މަޝްހޫރު އަދި ނުފޫޒުގަދަ އެއް އޮޕެރާ ހުށަހެޅުންތެރިޔާއެވެ. ގިނަ ފާޑުކިޔުންތެރިން ބުނާ ގޮތުގައި އޭނާ ފާހަގަކުރެވުނީ، އޭނާގެ އަޑަށް ގެންނަ ތަފާތު ބަދަލުތަކަށާއި އޭނާގެ ހުށަހެޅުންތައް ގެނެސްދޭ 'ޑްރެމެޓިކް' ގޮތްތަކުންނެވެ.

އެ ފިލްމު އުފައްދަނީ، ޕްރިންސަސް ޑަޔާނާގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު 'ސްޕެންސާ' އުފެއްދި ޕަބްލޯ ލަރެއިންއެވެ. އަދި ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރަނީ މަޝްހޫރު ސީރީޒް ޕީކީ ބްލައިންޑާސްގެ ސްކްރިޕްޓް ލިޔުނު ސްޓީވަން ނައިޓްއެވެ.

މަރިއްޔާގެ ބަޔޮޕިކްއާ ގުޅޭ ގޮތުން ނެރެފައިވާ ބަޔާނެއްގައި އެންޖެލީނާ ބުނެފައިވަނީ އޭނާ މަރިއްޔާގެ ރޯލު ކުޅެން ނިންމާފައިވާ ކަމަށާއި އެ ޒިންމާ އޭނާ ވަރަށް ސީރިއަސްކޮށް ނަގާ ކަމަށެވެ. އަދި ޑައިރެކްޓަރު ލަރައިންގެ މަސައްކަތް ކަމުދާ ކަމަށާއި ސްޓީވަން ނައިޓް އާއެކު މަސައްކަތް ކުރަން ލިބުމަކީ އެންޖެލީނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަށް ވުން ކަމުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

"މި މަސައްކަތަށް އަހަންނަށް ދެވެން އޮތް އެއްޗެއް ދޭނަން،" އެންޖެލީނާ ބުނެފައިވެއެވެ.

ފިލްމާ ގުޅޭގޮތުން ލަރެއިން ބުނީ، އޭނާ އެންމެ ލޯބިކުރާ ދެ ކަންތައް ކަމުގައިވާ ސިނަމާ އާއި އޮޕެރާ ގުޅުވައިގެން ކަމެއް ކުރަން ލިބުމަކީ ވަރަށް ދުވަސްވީ ހުވަފެނެއް ކަމަށެވެ.

ހޮލީވުޑްގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާ އެވޯޑު އެއް ފަހަރު ހޯދައި ގްލޯޑެން ގްލޯބް އެވޯޑްތަކެއް ވެސް ހޯދާފައިވާ ޖޯލީ އެންމެ ފަހުން ފެނިފައިވަނީ މާވެލްގެ "ދި އިޓާނަލްސް" އިންނެވެ.