24 Oct 2022, 10:43
ބޮނީ ކަޕޫރާއި ސްރީދޭވީގެ ދަރި ޖާންވީ ކަޕޫރު ފިލްމު އިންޑަސްޓްރީއަށް ނިކުތް ދުވަހުން ފަށައިގެންވެސް ގިނަ ބަޔެއްގެ ފާޑުކިޔުން މެދުނުކެނޑި އޭނާއަށް ދަނީ އަމާޒުވަމުންނެވެ.
މިފަހުން ދިން އިންޓަވިއުއެއްގައި ޖާންވީ ބުނެފައިވަނީ އޭނާ އަކީ ބޮނީ ކަޕޫރާއި ސްރީދޭވިގެ ދަރިއަކަށްވުމުން އޭނާގެ ހުނަރު ހުރިތޯ ބަލަން ފިލްމު އުފައްދާ މީހުން އޭނާއަށް ފުރުސަތެއް ދީފާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ދެ ފިލްމަކުން އޭނާގެ އެކްޓިން ފެނުމުން ހަމަ އެ ޝައުގުވެރިކަން ދެން ހުންނާނެތޯ ޖާންވީ ސުވާލުކުރިއެވެ.
ޖާންވީ ބުނީ، މިހާރު އޭނާއަށް ފިލްމުތައް ލިބެނީ އޭނާ ދެއްކި ހުނަރުން ކަމަށާއި އެއީ އޭނާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ފައިސާ ދީގެން ހޯދާ ފިލްމުތަކެއް ނޫން ކަމަށެވެ.
"އަހަރެންވެސް އަހަރެންގެ ބައްޕަ (ބޮނީ ކަޕޫރު) އަކީވެސް އެހާ މުއްސަނދި މީހެއް ނޫން. އަހަރެންގެ ކޮންމެވެސް ރަނގަޅު ކަމެއް ހުރެގެން ފިލްމަށް ނަގާނީ. އެކަކުވެސް ސްޓާރެއްގެ ދަރިއެއްވީމަ ކާސްޓުކޮށްގެން ގެއްލުން ލިބޭކަށް ބޭނުމެއް ނުވާނެ. އެހާ ހިތްތިރިއެއް ނުވާނެ،" ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުގައި ޖާންވީ ބުންޏެވެ.
އަންނަ މަހު ރިލީޒްކުރާ 'މިލީ'އަށް ފަހު ޖާންވީ ވަނީ ދެ ފިލްމެއްގެ މަސައްކަތް ފަށާފައެވެ. އެގޮތުން، ރާޖްކުމާރު ރާއޮއާއެކު މިސްޓަ އެންޑް މިސިސް މާހީ އާއި ވަރުން ދަވަން އާއެކު 'ބަވާލް'ގެ މަސައްކަތްވެސް އޭނާ ދަނީ ކުރަމުންނެވެ.