ވަކީލުކަމުގެ ޚާއްސަ ހުއްދަ އޮތް މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭގޮތައް މަޖިލީހުން ފާސްކުރުމާ ގުޅިގެން، ހަމަހަމަކަމުގެ ހައްގު ގެއްލޭކަމަށް ބުނެ، ލޯ ގްރެޖުއޭޓުންގެ ޕެޓިޝަނެއް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ވަނީ 2020ވަނަ އަހަރު ގާނޫނީ ވަކީލުކަމުގެ ޚާއްސަ ހުއްދަ ދީފައިވާ މީހުން ބާ އިމްތިހާނުހަދަން ނުޖެހޭކަމަށް ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން، ލޯ ގްރެޖުއޭޓުން ހުށަހެޅި ޕެޓިޝަނުގައި ވަނީ 2020ވަނަ އަހަރު ލޯ ގްރެޖުއޭޓުވި ދަރިވަރުންނަށް ޚާއްސަ ހުއްދައެއް ދިނީ އޭރު ގައުމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާތީކަމަށެވެ.

ނަމަވެސް 2020ވަނަ އަހަރުގެ ފަހުން ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮއްވާ ގްރެޖުއޭޓްވި އެހެން ދަރިވަރުންނަށް ޚާއްސަ ހުއްދައެއް ލިބުމުގެ ފުރުސަތު ފަހިކޮށްދީފައި ނުވާކަން އެ ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ. އަދި ލައިސަންސް ނުލިބި ގިނަދުވަސް ވުމާއި އިމްތިހާނު ބޭއްވުން ލަސްވުމުގެ ސަބަބުން ވަކި ބައެއްގެ މަސައްކަތް ކުރުމުގެ ހައްގަށް ހުރަސްއެޅިފައި ވާކަމަށް އެ ޕެޓިޝަނުގައިވެއެވެ.

އެ ޕެޓިޝަންގައި ލޯ ގްރެޖުއޭޓްވި ދަރިވަރުން އެދިފައި ވަނީ، އަސާސީ ހައްގުތަކާ ތައާރަޒްވާ ޤާނޫނުތައް ބާތިލްވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު، 2020ވަނަ އަހަރުގެ ފަހުން ލޯ ގްރެޖުއޭޓްވި ދަރިވަރުންގެ ހަމަހަމަކަމުގެ ހައްގު ގެއްލޭތީ، އެ އިސްލާހު ތަސްދީޤް ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށެވެ.

މި ޕެޓިޝަންގައި ސޮއިކޮށްފައި ވަނީ 81 ދަރިވަރުންނެވެ. ނަމަވެސް ޕެޓިޝަންގައި ސޮއިކޮށްފައިވާ އެންމެންނަކީ މިއަހަރު ބާއްވަން ހަމަޖެހިފައިވާ ބާ އިމްތިހާނުގައި ބައިވެރިވާ މީހުންނެއް ނޫނެވެ.

ބާ އިމްތިހާން ބާއްވަން ހަމަޖެހިފައިވާ ތާރީޚަކީ އަންނަ މަހުގެ 19 ވަނަ ދުވަހެވެ. ބާ ކައުންސިލުން އެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަތުން ނަގަން ނިންމި ފީ އަކީ 10،000ރުފިޔާއެވެ. ނަމަވެސް އެ އަދަދު ބޮޑުކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ފަހުން އެ އަދަދު ވަނީ 6،500 ރުފިޔާއަށް ކުޑަކޮށްފައެވެ.

ވަކީލު ކަމުގެ ހުއްދަ ހޯދުމަށް، ބާ އިމްތިހާނު ފުރިހަމަކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ރާއްޖޭގައި ހަދާ ފުރަތަމަ ބާ އިމްތިހާނެވެ.