24 Oct 2022, 14:42
ރަޝިއާގެ ސައިބީރިއާގެ ސިޓީއެއްގެ އިމާރާތެއްގެ މައްޗަށް ހަނގުރާމަ މަތީ ޖެޓެއް ވެއްޓި، އެ ޖެޓުގައި ތިބި ޕައިލެޓުން މަރުވެއްޖެއެވެ.
ރަޝިއާގެ އެސްޔޫ-30 ފައިޓާ ޖެޓު ސައިބީރިއާގެ އިމާރާތެއްގެ މައްޗަށް ވެއްޓުމުގެ ސަބަބުން އާންމުންގެ އެއްވެސް ބަޔަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ސައިބީރިއާގެ ގަވަރުނަރު އިގޯވް ކޮބްޒޭވް ވަނީ ވިދާޅުވެފައެވެ.
މި ޖެޓު ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި އަލިފާން ރޯވިއިރު، ރަޝިއާގެ ފަޔާފައިޓަރުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.
ރަޝިއާއިން އުފައްދާ އެސްޔޫ-30 ފައިޓާ ޖެޓަކީ އެ ގައުމުން އަމިއްލައަށް އުފައްދާ ހަނގުރާމަމަތީ މަތިންދާބޯޓެކެވެ. މި ބޯޓު ވެއްޓުނު ސައިބީރިއާގެ އިރުކުޓްސްކް ސިޓީއަކީ އެސްޔޫ-30 އުފައްދާ ސިޓީއެކެވެ.
ރަޝިއާގެ އެމަޖެންސީ މިނިސްޓްރީން ބުނެފައިވާ ގޮތުން މި ޖެޓު ވެއްޓިފައިވަނީ ޓްރެއިިނިންއެއްގެ ތެރެއިންނެވެ.
ހަ ލައްކައަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިރުކުޓްސްކް ސިޓީއިން އުފައްދާ މި ޖެޓަކީ ސީރިއާ ހަނގުރާމައިގައިވެސް ބޭނުންކުރާ ހަނގުރާމަމަތީ މަތިންދާބޯޓެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ރަޝިއާގެ ޔެސްކް ސަރަހައްދަށްވެސް އެ ގައުމުގެ ސުޚޮއި އެސްޔޫ-34ގެ ބޯޓެއް ވެއްޓި، 15 މީހުން ވަނީ މަރުވެފައެވެ.
ރަޝިއާ-ޔޫކްރޭން ހަނގުރާމައިގައިވެސް ބޭނުންކުރާ މި ޖެޓުތައް ރަޝިއާގެ ސަރަހައްދުތަކަށް ވެއްޓުމުގެ ސަބަބުން އެކި ގޮތްގޮތުން ރަޝިއާއަށް ގެއްލުންވަމުން އަންނައިރު، ހަނގުރާމަ ވަރުގަދަކުރުމަށް ރަޝިއާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.