މިހާތަނަށް އެޅުވި އެންމެ ކާމިޔާބު އެއް ޝޯ ކަމަށްވާ "ގޭމް އޮފް ތުރޯންސް"ގެ ފިނާލޭ ކަމު ނުދާ ކަމަށް އެ ޝޯގެ އެކްޓަރެއް ކަމަށްވާ މެއިސީ ވިލިއަމްސް ބުނެފިއެވެ.

ގިނަ ބައެއްގެ މެދުގައި ބޮޑު ލޯތްބެއް ހޯދާފައިވާ ގޭމް އޮފް ތުރޯންސްގެ ފަހު ސީޒަނަށް ދިޔަ އިރު އެ ޝޯ ކުރިއަށްގެންދިޔަ ގޮތާ ބެހޭ ގޮތުން ބެލުންތެރިންގެ މެދުގައި އޮތީ ހިޔާލު ތަފާތުވުން އުފެދިފައެވެ. އަދި ޝޯ ނިމުނު އިރު އެ ޝޯ ނިންމާލާފައިވަނީ އެތައް ފޭނުންނެއް ރުޅި އަރުވާލާފައެވެ.

ޝޯގެ ފަހު ސީޒަން ޕްރޮމޯޓު ކުރުމަށް ބޭއްވި ހަފުލާތަކުގައި ޝޯގެ އެކްޓަރުންނާ ސުވާލު ކުރުމުން ވެސް ގިނަ ބަޔަކު ދެމުން ދިޔައީ ވަރަށް ނުސީދާ ޖަވާބުތަކެކެވެ. ޝޯ މޮޅުވާނެ ކަމަށް ބުނެ ކާސްޓުންގެ މެދުގައި ޖޯކް ޖެހިއެވެ. ނަމަވެސް އެ އެކްޓަރުންގެ ތެރެއިން ގިނަ ބަޔަކަށް ވެސް ޝޯގެ ފަހު ސީޒަން ކަމު ނުދާކަން މިހާރު ދަނީ ހާމަވަމުންނެވެ.

ގޭމް އޮފް ތުރޯންސްގައި އާރިޔާ ސްޓާކްގެ ރޯލުން ފެނުނު މެއިސީ ބުނެފައިވަނީ މުޅި ޝޯ ފެށުނީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އަދި ފުރަތަމަ ސީޒަންތަކަށް އާންމުންގެ ފަރާތުން ލިބެމުން ދިޔައީ މުޅިން ވެސް ތައުރީފު ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ފަހު ސީޒަންތަކަށް ދިޔަ އިރު ޝޯގެ ފެންވަރު ދަށްވި ކަމަށް އޭނާ ބުންޏެވެ. އަދި މުޅި ޝޯ ނިމުނު އިރު އެއްވެސް ވަރަކަށް ކަމު ނުދާ ކަމަށް އޭނާ ބުންޏެވެ.

ޖޯޖް އާރުއާރު މާޓިން ލިޔެފައިވާ "އަ ސޯންގް އޮފް އައިސް އެންޑް ފަޔާ"އަށް ބިނާކޮށް އުފެއްދި ގޭމް އޮފް ތުރޯންސް އަށް ސީޒަނަކަށް ދެމިގެން ދިޔައެވެ. އެ ޝޯގެ އެންމެ ފަހު ސީޒަން 2019ގައި ދައްކާފައިވާ އިރު އެ ޝޯގެ ޕްރީކުއެލްއެއް، "ހައުސް އޮފް ދަ ޑްރެގަން"ގެ ނަމުގައި މިހާރު ދައްކަމުންދެއެވެ.