އޭއެފްސީ ކަޕުގައި ސައޫދީ އަރަބިއްޔާގެ އަލް އިއްތިފާގު އަތުން ރޭ ވީބީ އައްޑޫ އެފްސީ 6-3 ލަނޑުން ބަލިވި މެޗުގައި ކުޅުންތެރިންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރިކަމަށް ވީބީގެ ކޯޗު ޖޭން ވަންލީ ބުނެފި އެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖަހާނެ ރަނުގެ އެތަށް ފުރުޞަތު ތަކެއް ލިބުނު ނަމަވެސް އެފުރުސަތުގެ ބޭނުން ހިފިފައި ނުވާކަމަށް ވަންލީ ފާހަގަ ކުރިއެވެ.

"ޓީމުގެ ކުޅުންތެރިންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި. އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނީ އަހަރެމެން ކޮޅަށް ކުރީކޮޅު ވަތް ލަނޑުތަކުގެ ސަބަބުން. އެމީހުން ވަރަށް ފުރިހަމަ އަށް މެޗު ކޮންޓްރޯލް ކުރަމުން ދިޔަ." މެޗަށް ފަހު ބޭއްވި ނޫސް ކޮންފަރެންސްގައި ވީބީގެ ކޯޗު ވަންލީ ބުންޏެވެ.

ސަސްޕެންޝަނުގެ ސަބަބުން އެއްވަނަ ކީޕަރު އަބުދުﷲ ޒިޔަޒަން އާއި ފޯވަޑް ރައިޓް ޗާލްސް ގަޔޭ އަދި ފައިރޫޒް އާދަމް ސަމީރު ނެތި ކުޅުނު ވީބީގެ ލަނޑުތައް ޖެހީ ސިއަރަލިއޯނުގެ ފޯވަޑް އަބޫ ޑެސްމަންޑް މަންސާރީ އާއި ޝަމްވީލް ގާސިމް (ބޮންޑާ) އަދި ބަދަލު ކުޅުންތެރިޔާ މުހައްމަދު ހުސޭން (އޮއިއްޓޭ) އެވެ.

ވަންލީގެ އިތުރުން ރޭގެ މެޗަށް ފަހު އަލް އިއްތިފާގް ޓީމުގެ ކޯޗް ކްރޮއޭޝިއާގެ ބްރަންކޯ އިވަންކޮވިޗެވް ބުނީ، ލިބުނު ކާމިޔާބީ އަކި ހިތްހަމަ ޖެހޭ ވަރުގެ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މެޗުން މޮޅުވެ، ގްރޫޕްގެ ލީޑް ފުޅާ ކުރެވެމުން، ކުރިއަށް ހުރި މެޗްތަކުގައި މަސައްކަތް ކުރާނީ އާހިތްވަރަކާއެކު ދެންހުރި މެޗްތައް ކާމިޔާބު ކުރަން ކަމަށް ވެސް ރޭގެ ނިއުސް ކޮންފަރެސްގައި އިވަންކޮވިޗެވް ބުންޏެވެ.

"ކުޅުންތެރިން ދެއްކީ ބަލާހިތްވާ ވަރުގެ މޮޅު ކުޅުމެއް. ނަތީޖާ އާ މެދު ހިތް ހަމަ ޖެހޭ." އިރާނުގެ ކުރީގެ ވޯލްޑް ކަޕް ކޯޗު ބުންޏެވެ.

ގްރޫޕް ސްޓޭޖްގައި ވީބީ މިހާތަނަށް ކުޅުނު ތިން މެޗުން އެންމެ ޕޮއިންޓެއް ލިބިފައިވުމުން ދެ ވަނަ ބުރަށް ދިއުމަށް އެޓީމަށް ވަނީ ދަތިތަކާ ކުރިމަތި ލާންޖެހިފައެވެ. އެގޮތުން ބާކީ އޮތް ތިން މެޗުން މޮޅުވާން މަޖުބޫރު ވެފައި ވާއިރު، އެވަރުން ވެސް ގިނަވެގެން ވީބީއަށް ލިބޭނީ 10 ޕޮއިންޓެވެ. އެކަމަކު ގްރޫޕްގެ އެއްވަނާގައި އޮތް އިއްތިފާގަށް މިހާރު ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ދެ ވަނާގައިވާ ކުވޭތުގެ އަލްކުވޭތު އެފްސީ އާއި ލުބުނާނުގެ އަލްއަހްދު އެފްސީއަށް ވެސްވަނީ ހަތަރުޕޮއިންޓް ލިބިފައެވެ.