މަޝްހޫރު އިލެކްޓްރޯނިކް ވެހިކަލް ކުންފުނި ޓެސްލާގެ ސީއީއޯ އީލޯން މަސްކްގެ މިލްކިއްޔާތުން އަހަރަކަށް ވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި 110 ބިލިއަން ޑޮލަރު މަދުވެއްޖެއެވެ.

މަސްކްގެ މިލްކިއްޔާތުން ބައެއް ގެއްލިފައި ވަނީ ޓެސްލާގެ ހިއްސާއަށް މިދިޔަ އަހަރު ލިބުނު ގެއްލުމުގެ ސަބަބުންނެވެ. އެ ގެއްލުމުގެ އަދަދު، ގޫގަލްގެ ކޯފައުންޑާ ލެރީ ޕޭޖްގެ ޖުމްލަ މިލްކިއްޔާތަށް ވުރެ އިތުރެވެ. ޕޭޖްގެ މިލްކިއްޔާތުގެ އަގަކީ 87.3 ބިލިއަން ޑޮލަރެވެ.

މަސްކުގެ މުއްސަނދިކަން އެންމެ ބޮޑަށް އިތުރުވެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭރު އޭނާގެ މުއްސަނދިކަން 320 ބިލިއަން ޑޮލަރަށް އަރައެވެ. ނަމަވެސް އޭނާގެ މިލްކިއްޔާތުގެ އަގަކީ މިހާރު 209 ބިލިއަން ޑޮލަރެވެ.

އެއާއެކުވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހަކީ އަދިވެސް މަސްކް އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އައި އިރު ޓެސްލާގެ ހިއްސާގެ އަގު ވަނީ 46 ޕަސެންޓް ވެއްޓިފައެވެ. އެއާއެކު މުޅި ކުންފުނީގެ އަގަކީ މިހާރު 672 ބިލިއަން ޑޮލަރެވެ. އެ ކުންފުނީގެ އަގު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެއް ޓްރިލިއަން ޑޮލަރަށް އެރިއެވެ.

މަސްކްއަށް ފަހު، ދެވަނައަށް އެންމެ މުއްސަނދި މީހާ އަކީ އެމޭޒަންގެ ވެރިޔާ ޖެފް ބޭޒޮސް އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 142.7 ބިލިއަން ޑޮލަރަށް އަރައެވެ. އަދި ތިންވަނަ އަށް އެންމެ މުއްސަނދި މީހާ ކަމަށްވާ މައިކްރޮސޮފްޓްގެ ބިލް ގޭޓްސްގެ މިލްކިއްޔާތުގެ އަގު 102.4 ބިލިއަން ޑޮލަރަށް އަރައެވެ.