އެކި މީހުންނަށް ލޯބިކުރަނީ އެކި ބާވަތުގެ މިއުޒަކަށެވެ. އެކަކަށް ކަމުދާ ލަވައަކީ އަނެކަކަށް ކަމުދާ ލަވައަކަށް ނުވެދާނެއެވެ. ނަމަވެސް ގިނަ ބަޔަކު ވަރަށް ފޫހިވާ ލަވަތަކެއް ވެސް ހުރެއެވެ.

އަބަދު ރޭޑިއޯއިން އެއް ލަވަތަކެއް އަޑު އަހަން ޖެހުމަކީ އަޑު އަހާ މީހުން ވަރަށް ފަސޭހައިން އެ ލަވައެއްގެ މަތިން ފޫހިވާން މެދުވެރިވާ އެއް ސަބަބެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޮޑެތި ހިޓު ލަވަތައް ރިލީޒްވެފައިވާއިރު އޭގެ ތެރޭގައި ގިނަ މީހުންނަށް އެނގޭ، އަބަދު އަޑު އިވިއިވި ހުންނަ ލަވަތައް ހިމެނެއެވެ.

ނަމަވެސް މި ލަވަތަކަކީ ގިނަ ފަހަރަށް ވަރަށް ބޮލަށް އުނދަގޫވާ ލަވަތަކެވެ. މި ފާހަގަކޮށްލަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ނެރުނު ހިޓު ލަވަތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުނުދާ އަދި މިހާރު އަޑު އަހަން އުނދަގޫ ލަވަތަކެވެ.

ދެސްޕަސީތޯ – ލުއީ ފޮންޒީ އަދި ޑެޑީ ޔެންކީ

މިހާތަނަށް ދުނިޔޭގެ އެތައް ރެކޯޑުތަކެއް މުގުރާފައިވާ މި ލަވައަކީ އަދި އަދަށް ދާން ދެންވެސް ޔޫޓީއުބްގައި އެންމެ ގިނަ ބަޔަކު ބަލާފައިވާ ލަވައެވެ. ދެހާސް ސަތާރަ ވަނަ އަހަރު ނެރުނު މި ލަވައަށް މިހާރު ގާތްގަނޑަކަށް ބިލިއަން ވިއުސް ލިބެން ގާތް ވެއްޖެއެވެ. ލަވަ ނެރުނު ދުވަސްކޮޅު މި ވަރު ލަވައެއް ނެތެވެ. މި ލަވަ ނުޖަހާކަށް ދިމާލެއް ނެތެވެ.

ބޭބީ – ޖަސްޓިން ބީބާ އަދި ލޫޑަކްރިސް

ބޭބީ އަކީ ޖަސްޓިން ބީބާ ވަގުތުން މަޝްހޫރުކޮށްދިން އަދި މުޅި ދުނިޔޭގެ ސަމާލުކަން އޭނާއަށް ހޯދައިދިން ލަވައެވެ. އޭނާގެ އުމުރުން އެންމެ 14 އަހަރުގައި ނެރުނު މި ލަވައަކީ މިހާތަނަށް އެންމެ ގިނަ ޑިސްލައިކް ލިބިފައިވާ އެއް ލަވައެވެ.

ބޭބީ ޝާކް – ޕިންކް ފޮންގް

ކުޑަކުއްޖެއް އުޅޭ ގެއެއް ނަމަ އެންމެ ފުރަތަމަ އިވޭނީ މި ލަވައެވެ. ކޮންމެ ކުޑަ ކުއްޖަކަށް ވެސް އެންމެ ފުރަތަމަ ދަސްކޮށްދޭ އެއް ލަވައަކީ މިހާރު މި ލަވައެވެ. އަދި ސޯޝަލް މީޑިއާގެ ކޮންމެވެސް ހިސާބަކުން މި ލަވަ އަޑު ނީވޭ ހަފުތާއެއް ނުދާނެއެވެ.

ފްރައިޑޭ – ރިބެކާ ބްލެކް

އުމުރުން 14 އަހަރުގައި ރިބެކާ ބްލެކް ނަމަކަށް ކިޔާ ކުއްޖަކު ނެރުނު ފްރައިޑޭ ވެގެންދިޔައީ ގިނަ ބަޔަކު ވަގުތުން ރުޅި އަރުވާލި ލަވައަކަށެވެ. ހުކުރު ދުވަހު ކުރާ ކަންތައް ކިޔައިދޭ މި ލަވައިގައި އަޑާއި މިއުޒިކުގެ ސަބަބުން އެތައް ބަޔަކު ވަގުތުން މި ލަވައަށް ޑިސްލައިކް ދިނެވެ. ނަމަވެސް ރޭޑިއޯތަކުން ލަވަ މެދުކެނޑުމެއް ނެތި ޖަހަމުން ދިޔައެވެ.

މިއީ އިންޓަނެޓުގެ ގިނަ ބަޔަކަށް އެންމެ ކަމުނުދާ ލަވަތަކެކެވެ. ނަމަވެސް ކިޔުންތެރިންގެ ތެރޭގައި ތަފާތު ފޫހިވާ ލަވަތައް ހުންނާނެއެވެ. އެ ލަވަތަކަކީ ކޮބާ ހެއްޔެވެ؟ އަދި އެ ލަވަ ދެކެ ފޫހިވަނީ ކީއްވެ ހެއްޔެވެ؟