ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ދިރާގުޓީވީގެ ލައިސަންސް އާ ކުރުމުގެ ފުރުސަތު ބަންދުވެފައި ވީނަމަވެސް އެ ޓީވީގެ ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ދިރާގުން ބުނެފިއެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގެނައި އެންމެ ފަހުގެ އިސްލާހުގައި ވަނީ އަންނަ ޖެނުއަރީން ފެށިގެން ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދެން ލިބޭނީ ދިވެހީންގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށެވެ.

ނަމަވެސް ދިރާގަކީ 100 ޕަސެންޓް ދިވެހި ކުންފުންޏެއް ނޫނެވެ. އެކުންފުނީގެ މެޖޯރިޓީ ހިއްސާ މިހާރު އޮންނަނީ ބަހުރައިންގެ ބަޓެލްކޯއަށެވެ.

އެކަމާ ގުޅިގެން ދިރާގުން ބުނީ ދިރާގަށް ލައިސަންސް އައުކުރެވޭނޭ ގޮތެއް ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކާއި އަދި ބްރޯޑްކާސްޓިން ކޮމިޝާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެކަމުގައި ހައްލެއް ނުލިބިއްޖެނަމަ، މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ޚިދުމަތުގެ ލައިސެންސް އަންނަ އަހަރުގެ ޖެނުއަރީ މަހުގައި މުއްދަތު ހަމަވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުގެ ކަސްޓަމަރުންނަށް ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގާއި ކަމާ ބެހޭ މުއައްސަސާތަކާއެކު ކުރިއަށްގެންދާ މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް އިތުރު މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ދިރާގު ޓީވީއަކީ އާއްމުންގެ މެދުގައި މަޝްހޫރު ޓީވީއަކަށް ވާއިރު އަދިވެސް އެ ޚިދުމަތް ގާއިމުކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު ޓީވީން ވަނީ 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ ހައި ޑެފިނިޝަންގައި ރާއްޖޭގެ 85 ޕަސަންޓް ގޭބިސީއަށް (90 ރަށަށް) ލިބުމުގެ މަގު ފަހިކޮށްދީފައެވެ.