04 Apr 2012, 14:10
ބޭންކޮ އޮފް މޯލްޑިވެސް (ބީއެމްއެލް)ގެ ހިދުމަތަށް އެދޭ ފޯމުތަކަށް ބަދަލުގެނެސް ފައިސާ ނެތި ގިނަދުވަސް ވެފައިވާ އެކައުންޓުތައް ބަންދުކުރަން އެބޭންކުން ނިންމައިފި އެވެ.
ބީއެމްއެލްއިން މިއަދު ބުނީ ބޭންކުގެ ހިދުމަތަށް އެދޭ ފޯމުތަކަށް ބަދަލުގެނައީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކޮށްފައިވާ "މޯލްޑިވުސް ފައިނޭޝަލް ޓުރާންޝެކުޝަން ރިޕޯޓިން ރެގިއުލޭޝަން" އަމަލުކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ހިދުމަތަށް އެދޭ ފޯމާ އެކު އިތުރު މައުލޫމާތު ފޯމެއް ހުށަހަޅަންޖެހެ އެވެ.
ބޭންކުން ބުނީ ކުންފުނިތަކުން ހިދުމަތަށް އެދޭނަމަ ފުރަން ޖެހޭ ފޯމު ތަފާތުވާބެ ކަމަށާއި އާންމުން ފުރަން ޖެހޭނީ ވަކި ފޯމެއް ކަމަށެވެ. އެ ފޯމް ބޭންކުގެ ބްރާންޗްތަކުން ލިބޭނެ ކަމަށްވެސް ބުންޏެވެ.
އާ ފޯމް ފުރަންޖެހެނީ އަލަށް އެކައުންޓު ހުޅުވުމާއި، ބޭނުން ނުކުރާ އެކައުންޓު ބޭނުން ކުރަން ފެށުމާއި، ޑެބިޓު ކުރެޑިޓު ކާޑުގެ ޙިދުމަތް ހޯދުމާއި، ޕީއޯއެސް މެޝިންގެ ޙިދުމަތް ހޯދުމާއި، އިންޓަނެޓް ބެންކިން ގެ ހިދުމަތް ހޯދުމާއި، ކުރެޑިޓް ފެސިލިޓީއަށް އެދުމާއި، ކުރެޑިޓު ފެސިލިޓީއަށް ބަދަލުގެނައުން ނުވަތަ ކުރެޑިޓު ލިމިޓު އިތުރުކުރުމަށެވެ.
މީގެ އިތުރުން ބޭންކުން މިއަދު ބުނީ އެކައުންޓްގައި އެއްގޮތަކަށްވެސް ފައިސާނެތި ހަމަސް ދުވަސް ވެފައިވާ އެކައުންޓުތަކާއި ފައިސާހުނަންވާ އަދަދަށް ފައިސާ ނެތި
ދެ އަހަރު ދުވަސްވެފައިވާ އެކައުންޓުތަށް ބަންދުކުރާނެ ކަމަށެވެ.
ބީއެމްލްގެ އެކައުންޓެއްގައި އެންމެ މަދުން ފައިސާހުނަން ޖެހޭއަދަދަކީ ރުފިޔާ އެކައުންޓެއްނަމަ 100 ރުފިޔާ އެވެ. ޑޮލަރު އެކައުންޓެއްނަމަ 10 ޑޮލަރެވެ.
އެއްވެސް މުއާމަލާތެއްކޮށްފައި ނުވާތާ ދެ އަހަރުވެފައިވާ ރުފިޔާ އެކައުންޓުތައް 200ރ. ޗާޖް ކުރާނެ ކަމަށާއި ޑޮލަރު އެކައުންޓެއް ނަމަ 20 ޑޮލަރު ޗާޖް ކުރާނެ ކަމަށްވެސް ބޭންކުން ބުންޏެވެ.