24 Oct 2022, 11:33
އައިފޯނާއި، އައިވޮޗު ބޭނުންކޮށްގެން ހުޅުވާ ހޯމް ލޮކް ސިސްޓަމެއް އެޕަލްއިން ތައާރަފު ކޮށްފިއެވެ.
ގޭގެ މައި ދޮރު ނުވަތަ މައި ގޭޓު ތަޅުލާން ބޭނުންކުރެވޭނެ އެ ސިސްޓަމް އެމެރިކާގައި ހުންނަ އެޕަލްގެ ފިހާރަތަކުން މިހާރު ދަނީ ވިއްކަމުންނެވެ.
އެޕަލް ވޮޗް ނުވަތަ އައިފޯނުން ތަޅު ހުޅުވާލެވޭ ގޮތަށް ހަދާފައިވާ މިތަޅަކީ ބޭރު ދޮރުތަކަށް ޚާއްޞަ ތަޅަކަށް ވާއިރު، އެޕަލްގެ ފިހާރަތަކުން މި ސިސްޓަމް ވިއްކަނީ 329 ޑޮލަރަށެވެ.
ގެއަށް ބޭނުންވާ ސާމާނު އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ކުންފުންޏެއް ކަމަށްވާ ލެވެލް ހޯމްއިން އެޕަލްގެ އެކްސްކްލޫސިވް ޑިވައިސްއެއްގެ ގޮތުގައި އުފެއްދި ލެވެލް ލޮކް+ ދޮރެއްގައި ހަރުކުރުމުން، އެޕަލްގެ ސޮފްޓްވެއާގައި އެންއެފްސީ އާއި ސެކިއުރިޓީ ޓޯކަން ބޭނުންކުރާ ފީޗާއެއް ކަމަށްވާ އެޕަލް ހޯމް ކީ ބޭނުންކޮށްގެން އެތަޅު ހުޅުވައި އަދި ތަޅުލައި ހެދޭނެއެވެ.
އެ ސިސްޓަމްގެ އެންމެ ޚާއްޞަ އެއް ފީޗާއަކީ ރައްޓެހިންނަށް ނުވަތަ ތިމާގެ މީހުންނަށް ނުވަތަ އެހެންވެސް މީހަކަށް އެތަޅު ހުޅުވުމުގެ ފުރުޞަތު ދޭން ބޭނުންނަމަ މެސެޖަކުން ތަޅުދަނޑި ފޮނުވާލެވޭކަމެވެ. އަދި ތަޅުދަނޑި ފޮނުވަން ބޭނުން ނޫން ނަމަ ދުރު ހިސާބެއްގައި ހުރެފައިވެސް އެތަޅު ހުޅުވާލެވޭނެއެވެ.
އެ ޑިވައިސްއަކީ އެޕަލްއިން 2021 ވަނަ އަހަރުން ފެށިގެން ނެރެން ތައްޔާރުވަމުން އަންނަ އުފެއްދުމެއް ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އެ ތަޅު ބޭނުން ކުރާ ބައެއް މީހުން ވަނީ އޭގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވާ ކަމަށް ބުނެފައެވެ. އެގޮތުން މީގެ ކުރިން ގެއިން ބޭރަށް ދާނަމަ އަބަދުވެސް ޖެހެނީ ޖީބަށް ތަޅުދަނޑިއެއް ލައިގެން ދާން ކަމަށާއި، އެކަމަކު މިހާރު ޑިޖިޓަލް ވޮލެޓެއްގައި ތަޅުދަނޑި އަބަދުވެސް ރައްކާކުރެވިފައި އޮންނާތީ ވަރަށް ފަސޭހަ ކަމަށް އެ މީހުން ބުނެއެވެ.
ފާއިތުވި އަހަރުތަކުގައި އެޕަލްއިން ތައާރަފު ކުރި ގިނަ ސޮފްޓްވެއާ ފީޗާތަކުގެ މަގުސަދަކީ އައިފޯން ބޭނުންކުރާ މީހުންނަށް އެ ފޯނުތައް ބޭނުން ކުރެވޭނެ އިތުރު މަގުތައް ފަހިކޮށްދީ، އައިފޯން ބޭނުން ކުރާ މީހުން އެހެން ބްރޭންޑުތަކަށް ބަރޯސާވުން ހުއްޓުވުމެވެ. އެގޮތުން އަލަށް މި ތައާރަފު ކުރި ހޯމް ކީ ލޮކް ސިސްޓަމް ގެންގުޅޭ މީހަކުވެސް އައިފޯނަކުން އެންޑްރޮއިޑް ފޯނަކަށް ބަދަލު ކުރުމުގެ ފުރުސަތު ވަރަށް ކުޑަވާނެކަމަށް ދިރާސާކުރާ ފަރާތަތަކުން ދެކެއެވެ.
އެޕަލްގެ މިފަދަ އާދަޔާ ޚިލާފު އުފެއްދުންތައް ކުރިމަގުގައިވެސް ފެންނާނެކަމަށް ރިޕޯޓްތައް ބުނާއިރު، ގޭގައި ބޭނުން ކުރެވޭނެ ސްމާޓް-ހޯމް ޑިވައިސްތަކަށް އެ ކުންފުނިން އިސްކަން ދޭނެ ކަމަށް ބެލެވެއެވެ.
ހޯމް ކީގެ އިތުރުން އެޕަލްއިން ވަނީ ބީއެމްޑަބްލިއު އާއި ހިއުންޑައިގެ ބައެއް ކާރުތައް ހުޅުވޭނެ ސޮފްޓްވެއާއަކާއި ބައެއް ހޮޓެލްތަކުގެ ކޮޓަރިތައް ހުޅުވޭނެ ސޮފްޓްވެއާ ވެސް ތައާރަފު ކުރާނެކަން އިއުލާންކޮށްފައެވެ.