އަންނަ މަހު ގަތަރުގައި ފަށާ ވޯލްޑްކަޕަށް މަހަކަށްވުރެ ކުޑަތަންވެފައިވަނިކޮށް ފްރާންސްގެ ގައުމީ ޓީމުގެ ޑިފެންސްގެ މައި އެއް ތަނބުކަމަށްވާ ރަފައެލް ވަރާންގެ ކަކުލަށް އަނިޔާވެއްޖެއެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ރޭ ބައްދަލުކުރި މެޗުގައި ޔުނައިޓެޑަށް ކުޅޭ ވަރާންއަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފައެވެ.

އޭނާއަށް އަނިޔާވެގެން ދަނޑުން ހިނގައިފައި ފޭބިނަމަވެސް އޭނާގެ ކަކުލަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް އީއެސްޕީއެން އިން ރިޕޯޓުކުރެއެވެ.

ރޭގެ މެޗަށްފަހު މީޑީއާއާ ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ވަރާންއަށް ލިބިފައިވާ އަނިޔާގެ ވާހަކަދައްކަން އަދި މާ އަވަސްކަމަށެވެ.

އޭނާއަށް ވެފައިވާ އަނިޔާގެ ތަފްސީލުތައް އެނގޭނީ 24 ގަޑިއިރު ފަހުންކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރުމެން އެންމެންނަށް ވެސް ފެނުނު އޭނާއަށް އަނިޔާވެގެން ފޭބިތަން. އެކަމަކު މިކަހަލަ އަނިޔާއެއްގައި އެއްޗެއް ބުނުމުގެ ކުރިން މިކަމުގައި މެޑިކަލް ޓީމު ބުނާ އެއްޗެއް ބަލަން ޖެހޭ،" ޓެން ހާގް ބުންޏެވެ.

ގަތަރުގައި ފަށާ ވޯލްޑަކްޕް ފެށެން ބާކީ އޮތީ 29 ދުވަހެވެ. 2018 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބު ކުރި ޓީމުގައި ހިމެނޭ ވަރާންގެ އިތުރުން އެ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އެންގޯލޯ ކަންޓޭއަށް ވެސް ވަނީ އަނިޔާވެފައެވެ. އެ އަނިޔާއާ ގުޅިގެން ވޯލްޑްކަޕްގައި ކަންޓޭއަށް ނުކުޅެވޭނެކަމަށް ގިނަ މީޑިއާތަކަކުން ބުނެއެވެ.

މީގެއިތުރުން އެ އަހަރުގެ ވޯލްޑްކަޕްގައި މޮޅު ކުޅުމެއް ދެއްކި ޕައުލް ޕޮގްބާއަށް ވެެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ޕޮގްބާވަނީ މިހާރު ފަރިތަކުރުންތައް ފަށައިފައެވެ. އޭނާ މި ސީޒަނުގައި އަދި އެއްވެސް މެޗެއް ކުޅެފައި ނުވާއިރު ވޯލްޑްކަޕަށް އޭނާ ފިޓް ނުވެދާނެކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.