އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ބްރައިޓަން ބަލިކޮށް ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލާ ގާތަށް ޖެހިލައިފިއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ބްރައިޓަން އަތުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ސިޓީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެއެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ސިޓީން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އާލިން ބްރައުޓް ހާލަންޑު ޖެހި ގޯލެކެވެ.

އެ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ބްރައިޓަންގެ ހާފު ތެރެއިން ސިޓީގެ ބަނާޑޯ ސިލްވާއަށް ބްރައިޓަންގެ ވިސް ޑަންކް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ހާލަންޑު ޖެހި ގޯލެކެވެ. އެ ގޯލާއެކު ހާލަންޑު ވަނީ 11 މެޗު ކުޅެ 17 ގޯލު ޖަހައިފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓު ތެރޭގައި ބްރައިޓަންއިން ގޯލެއްޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އެ ގޯލުޖެހީ ލެއަންޑްރޯ ޓްރޮސާޑްއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީއާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޕްރިމިއާ ލީގް

ނަމަވެސް މެޗުގެ 75 ވަނަ މިނެޓުގައި ސިޓީގެ ކެވިން ޑިބްރޭނާ ޖެހި ގޯލަކުން ސިޓީ ވަނީ މެޗުގެ ލީޑު އިތުރަށް ފުޅަކޮށްފައެވެ. އެ ގޯލަކީ ބަނާޑޯ ސިލްވާ ދިން ޕާހަކުން ޑިބްރޭނާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ޖެހި ރީތި ގޯލެކެވެ.

އެ ނަތީޖާއިން ސިޓީ މޮޅުވެ އެ ޓީމު ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލާ ޕޮއިންޓެއް ގާތަށް ޖެހިލައިފައެވެ. ތާވަލުގެ ދެވަނައިގައި ސިޓީ އޮތީ ކުޅުނު 11 މެޗުން ލިބުނު 26 ޕޮއިންޓާއެކުއެވެ. އަދި މެޗުން ބަލިވި ބްރައިޓަން 11 މެޗުން ލިބުނު 15 ޕޮއިންޓާއެކު އޮތީ ތާވަލުގެ އަށް ވަނައިގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ ސިޓީއަށް ވުރެ އެއް މެޗުން މަދުން ކުޅެ 27 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައެވެ. ލީގުގައި މިރޭ އާސެނަލް ސައުތު އެމްޓަންއާ ދެކޮޅަށް ކުޅޭއިރު އެ މެޗުން މޮޅުވެގެން އެ ޓީމަށް އެއްވައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގޭނެއެވެ.