ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު މުހައްމަދު މުސްތަފާ ތިމަރަފުށީ މެންބަރު ކަމުގައި ހުންނެވި އިރު ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލަށް ތާއިދު ކުރައްވާފައިވާ އިސްލާހެއް ފާސް ކުރުމުން މަޖިލީހުގެ ތަޅުން ހޫނުވެއްޖެވެ.

މިއަދު މެންދުރު ފަހު 1:30ގައި ވޯޓަށް އަހަން ހުރި ކަންތައްކުގެ ތެރޭގައި ކޮމެޓީ މަރުހަލާ ނިމި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ގެވެށި އަނިޔާގެ ބިލަށް ހުށަހަޅާފައިވާ ތިން އިސްލާހަކަށް މުސްތަފާ ތާއިދު ކުރައްވާފައިވެ އެވެ. އެ އިސްލާހުތަކަށް ވޯޓަށް އަހަން ފެށުމާ އެކު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ ކޮޅަށް ތެދުވެވަޑައިގެން، މުސްތަފާގެ ތާއިދު ކުރައްވާފައިވާ އިސްލާހަށް ވޯޓަށް ނޭހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނާ އެކު އެހެން މެންބަރުން ވެސް މަޖިލީހުގެ ތަޅުމުގައި އަޑު ގަދަކުރައްވައި ހެއްދެވި އެވެ. އެ ބޭފުޅުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަލީ ވަހީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ދެ ބޭފުޅުން ވަނީ ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން މުސްތަފާގެ ތާއިދު ކުރައްވާފައިވާ އިސްލާހުތަކަށް ވޯޓަށް ނޭހޭނެ ކަމަށް ވިދާޅުވެފަ އެވެ.

މެންބަރުން ފެންމަތިކުރުވި ޝަކުވާތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މުސްތަފާގެ ތާއިދު ކުރައްވާފައިވާ އިސްލާހަށް ވޯޓަށް އައްސަވަނީ މަޖިލީހުގެ ކައުންސިލް ޖެނަރަލްގެ ލަފާގެ މަތިން ކަމަށެވެ. އަދި މުސްތަފާ ތަންސީލު ކުރައްވަމުން ގެންދިޔަ ތިމަރަފުށީ ގޮނޑި ގެއްލުނުކަން ކަނޑައެޅިފައި ވަނީ އޭނާގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ހިސާބުން ކަމަށް ނާޒިމް ވިދާޅުވި އެވެ. ވުމާ އެކު މުސްތަފާގެ މައްޗަށް ހުކުމް އައުމުގެ ކުރިން އޭނާ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވިޔަސް އަދި ތާއިދު ކުރައްވާފައިވާ އިސްލާހުތަކަށް ވެސް ވޯޓަށް އެއްސެވޭނެ ކަމަށް މަޖިލީހުގެ ކައުންސިލް ޖެނަރަލް ލަފާދެއްވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކައުންސިލް ޖެނަރަލްގެ ލަފާ ދެއްވާފައިވާ ވާހަކަ ވިދާޅުވުމުން ވެސް މެންބަރުން ވެސް ހުއްޓާނުލައި މަޖިލީހުގައި އަޑުގަދަ ކުރަމުން ދިއުމުން މަޖިލިސް ޖަލްސާ ވަނީ މަޝްވަރާ އަށް މެދުކަނޑާލާފަ އެވެ.