04 Apr 2012, 13:19
އިތުރު ދެ މިނިސްޓްރީއެއް ވުޖޫދަށް ގެނައުމުގެ މަސައްކަތަށް ސަރުކާރު ވަނީ ފޫގަޅާފަ އެވެ. އިންސާނީ ހައްގުތަކާއި ޖެންޑާ އަށް މިނިސްޓްރީއެއް ހަދާއިރު އެންވާރުމެންޓް އެންޑް އެނާޖީ މިނިސްޓްރީއެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ. އެ މައްސަލައިގެ ބަހުސް މަޖިލީހުގައި ފެށުމާ އެކު މެންބަރުން ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް މައްސަލައަކީ ހިއުމަންރައިޓްސް މިނިސްޓްރީއެއް އުފެއްދުމުގެ މައްސަލަ އެވެ. ގާނޫނީ ވަކީލުން ވެސް އަދި ސިޔާސީ ވެރިން ވެސް ފެންމަތިކުރައްވާ މައްސަލައަކީ ހިއުމަންރައިޓްސް ކޮމިޝަންގެ މަސައްކަތާއި މިނިސްޓްރީގެ މަސައްކަތް އެއްވެ މަސްހުނިވެދާނެ ކަމުގެ މައްސަލަ އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ދެކެވަޑައިގަންނަވާ ގޮތުން ގާނޫނު އަސާސީ އޮތްގޮތުން ރާއްޖެ އަށް ހިޔުމަންރައިޓްސް މިނިސްޓްރީއެއް ބޭނުމެއް ނުވެ އެވެ. އިންސާނީ ހައްގުތަކާ ބެހޭ ކަންތައް ކުރުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮތުމުން ފުދެ އެވެ.
"ގާނޫނު އަސާސީ އޮތް ގޮތުން ރާއްޖެ އަށް ހިޔުމަންރައިޓްސް މިނިސްޓްރީއެއް ބޭނުމެއް ނުވޭ. ހިއުމަންރައިޓްސް ކޮމިޝަނުން ފުދޭނެ. ފައިސާތައް ބޭކާރު ކުރުމުގެ ބޭނުމެއް ނެތް،" ހުސްނުއްސުއޫދުގެ ރަސްމީ ޓުވިޓާގައި ވިދާޅުވެފައިވެ އެވެ.
ސުއޫދުގެ ނަޒަރުގައި މިނިސްޓްރީއެއް އުފެއްދުމުގެ ބަދަލުގައި ކުރަން ޖެހޭ މަސައްކަތަކީ އެޗްއާރުސީއެމް ގާނޫނުން އިތުރު ބާރުތަކެއް ދިނުމެވެ. އެގޮތަށް މަގުފަހިކުރަން ގާނޫނަށް ވަނީ ބަދަލުތައް ގެންނަން ޖެހިފަ އެވެ.
"މިނިސްޓްރީއެއް އުފެއްދުމުގެ ބަދަލުގައި ގާނޫނު އިސްލާހުކޮށްގެން ހިޔުމަންރައިޓްސް ކޮމިޝަނަށް އިތުރު ބާރުތަކެއް ދިނުން އެކަން ކުރަން ޖެހެނީ،" ސުއޫދު ވިދާޅުވި އެވެ.
ސަރުކާރުގެ ބަސް ސުއޫދުގެ ބަހާ ތަފާތެވެ. ސަރުކާރުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވާ ގޮތުން ހިއުމަންރައިޓްސް ކޮމިޝަން އަކީ ސަރުކާރާއި ވަކިން މިނިވަން ކަމާ އެކު އިންސާނީ ހައްގުތަކުގެ މައްސަލަތައް ބަލާ ތަހުގީގު ކުރުގެ މަސައްކަތް ކުރާ މުއައްސަސާ އެވެ. އަދި އައު މިނިސްޓްރީގެ ސަބަބުން ހިއުމަންރައިޓްސް ކޮމިޝަންގެ މަސްއޫލިއްޔަތަށް ހުރަސް ނޭޅޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ޖެންޑާ ފެލެމީ އެންޑް ހިޔުމަންރައިޓްސް ހުރީމާ އޭގެ މާނައަކީ މިހާރު މިހިރަ ހިޔުމަންރައިޓްސް ކޮމިޝަނުން ކުރާ މަސައްކަތްތައް އަޅުގަނޑުމެން ކުރާނީކީ ނޫން އެ ޑުބްލިކޭޓް ވާގޮތަށް. އެބޭފުޅުންނަށް ދީފައި އޮތް ވަކި މެންޑޭޓެއް އޮވޭ. އެ މެންޑޭޓްތައް ސަރުކާރުން ވަރަށް އަވަހަށް އިއުލާން ކުރާނެ،" މަސްއޫދު ވިދާޅުވި އެވެ.
އޭނާ ދެކިވަޑައިގަންނަވާ ގޮތުން ހިއުމަންރައިޓްސް މިނިސްޓްރީއެއްގެ ސަބަބުން ގައުމަށް އިތުރު އެޑްވާންޓޭޖްތަކެއް ހޯދިދާނެ އެވެ. އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތައް ފަރުމާކޮށް އެކަށައެޅުމުގައި މިނިސްޓްރީއެއްގެ ސަބަބުން ފަސޭހަވާނެ ކަން އެއީ އަލަށް މިނިސްޓްރީއެއް އުފަންކުރުމުގެ ހުއްޖަތެެވެ.
"އަޅުގަނޑުމެންގެ ސިސްޓަމް ކޮމްޕްލައިވާ އިރު އަޅުގަނޑުމެން ހަދާ ގާނޫނުތައް ހިޔުމަންރައިޓްސް އާއި އެއްގޮތަށް ބައްޓަން ކުރެވޭތޯ އަދި ހިޔުމަންރައިޓްސްގައި އެޑުވައިޒު ކުރަން ޖެހޭ ފަރާތެއް ވެސް ހުންނަން އެބަޖެހޭ. އެއީ މަސްއޫލިއްޔަތަކީ،" މަސްއޫދު ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކާ ބެހޭ އިތުރު ކަންތައްތައްތަކެއް ކުރަން ޖެހޭ ނަމަ ގާނޫނަށް ބަދަލުގެނެސް އެ މަސައްކަތްތައް ހިއުމަންރައިޓްސް ކޮމިޝަނަށް ހަވާލުކުރުމުގެ ހިޔާލު ބައެއް ވަކީލުން ފާޅުކުރެއްވިޔަސް ގާނޫނީ ބައެއް ވަކީލުން އެކަމާ އެއްބަހެއް ނޫނެވެ. ގާނޫނީ ވަކީލު އަބްދުﷲ ޝާއިރުގެ ނަޒަރުގައި އިންސާނީ ހައްގުތަކަށް ވަކި މިނިސްޓްރީއެއް އުފެއްދުމަކީ ގާނޫނީ ގޮތުން ކޮމިޝަނާއި މިނިސްޓްރީގެ މެންޑޭޓް ފުށުއަރާނެ ކަމެއް ނޫނެވެ. އަދި އެކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"ހިއުމަންރައިޓްސް ކޮމިޝަނަކީ މީހެއްގެ އިންސާނީ ހައްގެއް ގެއްލިއްޖެއްޔާ އެކަންތައްތަކަށް އެޓެންޑް ކުރަން އޮންނަ ތަނެއް. ބައެއްގެ ހައްގުތައް ގެއްލިފަވޭތޯ ބަލައި އެހައްގުތަށް ކަށަވަރު ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ކުރާނީ ސަރުކާރަށް ދަންނަވައިގެން ހިއުމަން ރައިޓްސް ކޮމިޝަނުން. އެކަމާ ބެހޭ މިނިސްޓްރީއެއް ހުރެއްޖެ ކަމަށް ވެއްޖެއްޔާ ކޮމިޝަނަށް ވެސް ފަސޭހަވާނެ މިނިސްޓްރީއާއި ސީދާ މުއާމަލާތް ކުރަން،" ވަކީލު ވިދާޅުވި އެވެ. "މިސާލަކަށް ފުލުހުންގެ ތެރެއިން ހިނގާ ކަމެއް ވެއްޖެއްޔާ ޖަވާބުދާރީކުރުވާ ސުވާލުކޮށް ކަންތައް ކުރަން މިހާރަށް ވުރެ އެތައް ގުނައެއް ފަސޭހަވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިނިސްޓްރީ އުފެއްދުމުގެ ސަބަބުން އިންސާނީ ހައްގުތަކާ ގުޅޭ އަސާސީ ކަންތައްތައް ސަރުކާރުގެ އޮނިގަނޑުގެ ތެރެއިން ކުރަން ފަސޭހަވާނެ،"
ޝާއިރުގެ ބަހާއި އަދި ސަރުކާރުން ދައްކާ ވާހަކައާ ހިއުމަންރައިޓްސް ކޮމިޝަނުން އެއްބަސްވެ މަރުހަބާ ކިޔަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް މަރިޔަމް އަޒްރާ ވިދާޅުވާ ގޮތުން މިނިސްޓްރީގެ ސަބަބުން އެޗްއާރުސީއެމްގެ މަސައްކަތަށް ބުރުލެއް އެރުމެއް އަދި ހުރަހެއް ވެސް ނެތެވެ. އޭގެ ބަދަލުގައި ދޭހަވަނީ އިންސާނީ ހައްގުތަކަށް ސަރުކާރުން ސަމާލުކަން ދޭ މިންވަރު ކަމަށް އެކަމަނާ ގަބޫލުކުރައްވަ އެވެ.
"މިކަމުގައި އެއްވެސް ފުށުއެރުމެއް އޮތް ކަމަކަށް ކޮމިޝަނަކުން ނުދެކޭ. އޭގެ ބަދަލުގައި ކޮމިޝަނުން ދެކެނީ ސަރުކާރުގެ ތެރެއިން އެ މަސައްކަތް ހިނގައިގަނެ، [ހިއުމަން ރައިޓްސްއަށް] ދެވޭ ސަމާލުކަން އިތުރުވުމަކީ ކުރިއެރުން ލިބޭނެ ކަމެއް ކަމަށް. އެގޮތަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އެ މިނިސްޓްރީ އުފެދޭތީ އަޅުގަނޑުމެން މަރުހަބާ ކިޔަން،" ފަހަކަށް އައިސް މީޑިއާ ގާތް ގުޅުމެއް ބާއްވަވާ އަޒުރާ ވިދާޅުވި އެވެ.
ކޮންމެ މަގުސަދެއްގައިމިނިސްޓްރީއެއް އުފެއްދިޔަސް ޖަވާބުނުލިބޭ ސުވާލުތަކެއް ވެސް އެބަ ހުއްޓެވެ. އަދި އަނެއްކޮޅަށް ބުރަވާ ނަމަ ފައިދާތަކެއް ވެސް ވެދާނެ އެވެ. އެކަމަކު ހަގީގަތަކީ އިންސާނީ ހައްގުތަކަށް ރާއްޖެއިން މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވޭ ބާ އެވެ؟ އެ ސަމާލުކަން އިތުރުކުރަން ވަކި މިނިސްޓްރީއެއް އުފެއްދުން މުހިންމު ބާ އެވެ؟ އިންސާނީ ހައްގުތަކުގެ ހާލަތު މިނިސްޓްރީއެއް އުފައްދާ ފެންވަރަށް ގޯސްބާ އެވެ؟ މިނިސްޓްރީ ވުޖޫދަށް ގެނައުމުގެ ކުރިން މި ސުވާލުތަކަށް ޖަވާބު ހޯދަން ވަނީ ޖެހިފަ އެވެ.