23 Oct 2022, 10:08
ދުނިޔޭގެ ޚަބަރުތައް ބަލަން ޓިކްޓޮކް ބޭނުން ކުރާ ޒުވާނުން އިތުރުވަމުން އަންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ޚަބަރު ހޯދައި އެކަމަށް ބަރޯސާވާ މިންވަރު އިތުރުވާއިރު މިއީ އާންމުކޮށް ދޮގު ވާހަކަތައް ވެސް އެންމެ ފަސޭހައިން ފަތުރާ ޕްލެޓްފޯމުތަކެވެ. އެހެންކަމުން މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ކަމާ ގުޅުން ހުރި ފަރާތްތަކުން ބުނެއެވެ.
އެމެރިކާގެ ޕިއު ރީސާޗް ސެންޓަރުން ދާދި ފަހުން ހެދި ދިރާސާއަކުން ހާމަވެފައިވާގޮތުގައި ޓިކްޓޮކް ބޭނުންކޮށްގެން ޚަބަރު ހޯދާ މީހުންގެ އަދަދު އަންނަނީ ކޮންމެ އަހަރަކު އިތުރުވަމުންނެވެ. އެގޮތުން އުމުރުން 18 އަހަރާއި 29 އަހަރުގެ ޒުވާނުން ހިއްސާކުރި މައުލޫމާތަށް ބިނާކޮށް ހެދި ދިރާސާއިން އެނގިފައިވާގޮތުގައި މިއަހަރު އެކަނި ވެސް ޓިކްޓޮކް ބޭނުންކޮށްގެން ޚަބަރު އާންމުކޮށް ހޯދާ މީހުންގެ އަދަދު ވަނީ 28 ޕަސެންޓަށް އަރާފައެވެ.
މިދިޔަ އަހަރު އެ އަދަދު ހުރީ 18 ޕަސެންޓުގައެވެ. އޭގެ ކުރީ އަހަރު އެ އަދަދު ހުރީ ނުވަ ޕަސެންޓްގައެވެ.
މިއާއެކު ޚަބަރު ބެލުމަށް މީގެ ކުރިން ގެންގުޅުނު ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގެ މަގުބޫލުކަން އަންނަނީ މަޑުމަޑުން ދަށްވަމުންނެވެ. އޭގެތެރޭގައި ފޭސްބުކާއި ޓްވިޓާ އަދި ރެޑިޓް ހިމެނެއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ މިޑްޓާމް އިލެކްޝަންސް އަންނަ މަހު އޮތް އިރު ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެކެވެ. އެއާއެކު ޓިކްޓޮކްގައި ދައުރުވާ މައުލޫމާތަށް އޮންނަ ސަމާލުކަން އިތުރުވާނެއެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ވެސް ސޯޝަލް މީޑިއާ ބޭނުންކޮށްގެން ކެނޑިޑޭޓުންނާ ގުޅުން ހުރި ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނާ މައްސަލަތައް ހޫނުވެފައިވެއެވެ.
އެފަދަ މައްސަލައެއް ފެންމަތި ވިޔަ ނުދިނުމަށް ޓިކްޓޮކުން ވަނީ ސިޔާސީ ފަރާތްތަކުން ފައިސާ ދީގެން އިންފްލުއެންސަރުން ޕްރޮމޯޓު ކުރާ ޕޯސްޓްތައް ޑިލީޓްކުރާނެ ކަމަށް ބުނެފައެވެ. އަދި މައުލޫމާތު ސައްހަތޯ ބެލުމަށް ފެކްޓް-ޗެކިން ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ޓިކްޓޮކުން ބުނެއެވެ.