23 Oct 2022, 09:01
މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އާ އަލްބަމް "މިޑްނައިޓްސް" ރިލީޒްކުރުމާއެކު ރެކޯޑުތައް މުގުރަން ފަށައިފިއެވެ.
ޓޭލާގެ 10 ވަނަ ސްޓޫޑިއޯ އަލްބަމް "މިޑްނައިޓްސް" ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފައެވެ. އެ އަލްބަމް ރިލީޒްކުރަން ތައްޔާރުވި އިރު ފޭނުން ތިބީ ކެތްމަދުވެފައެވެ.
އެންމެ ފަހުން އަލްބަމް ރިލީޒްކުރާ ވަގުތު ޖެހުމާއެކު ގިނަ ފޭނުންތަކެއް ސްޓްރީމިން ސާވިސް ސްޕޮޓިފައިއަށް ވަގުތުން ވަނެވެ. ނަތީޖާއެއްގެ ގޮތުން ސްޕޮޓިފައި ވެސް އިރުކޮޅަކަށް ކްރޭޝްވިއެވެ.
ސްޕޮޓިފައިއިން މާގިނަ އިރެއް ނުވެ ނުވެ ދެން ނެރުނީ ބަޔާނެކެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޓޭލާގެ މިޑްނައިޓްސް އަކީ ސްޕޮޓިފައިގެ ތާރީހުގައި ވެސް 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ސްޓްރީމް ކޮށްފައިވާ އަލްބަމް ކަމަށެވެ.
އެ ރެކޯޑާ ބެހޭ ގޮތުން ޓޭލާ ބުނެފައިވަނީ އެއީ އޭނާއަށް ގަބޫލުކުރަން ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި ޓޭލާގެ ފޭނުންނަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށްވެސް އޭނާ ބުންޏެވެ.
ޓޭލާގެ އަލްބަމުގައި 13 ލަވަ ހިމެނެއެވެ. ނަމަވެސް އަލްބަމްގެ އިތުރު ރެންޑިޝަންއެއް ވެސް ޓޭލާ ވަނީ ނެރެފައެވެ. އެއީ "މިޑްނައިޓްސް (ތުރީ އޭ އެމް އެޑިޝަން)" އެވެ. މި އެޑިޝަންގައި އިތުރު ހަތް ލަވަ ހިމެނެއެވެ. އެއާއެކު މުޅި މިޑްނައިޓްސް އަލްބަމްގައި ޖުމްލަ 20 ލަވަ ހިމެނެއެވެ.