މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ބިރުވެރި ފިލްމު ފްރެންޗައިޒް "ކޮންޖަރިން"ގެ ހަތަރު ވަނަ ފިލްމުގެ މަސައްކަތް ފަށައިފިއެވެ.

ހަގީގީ ވާހަކަތަކަކަށް ބިނާކޮށް އުފައްދަމުން އަންނަ ކޮންޖަރިން ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ރިލީޒްކޮށްފައި ވަނީ 2013 ވަނަ އަހަރުގައެވެ. އެއަށްފަހު ތަފާތު ވާހަކަތަކާއެކު ތިން ފިލްމު ނެރެފައިވާއިރު ހަތަރު ވަނަ ފިލްމުވެސް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ ފިލްމުތައް ޑައިރެކްޓު ކުރި ޖޭމްސް ވާން އެވެ.

ހަގީގީ ބިރުވެރި ހާދިސާތައް ތަހުގީގުކުރަން އުޅުނު ދެމަފިރިން ކަމަށްވާ އެޑް އަދި ލޮރެއިންގެ ޓޭޕްތަކަށް ބިނާކޮށް ތިން ފިލްމު ހަދާފައިވާއިރު ހަތަރު ވަނަ ފިލްމު ވެސް ބިނާ ކުރާނީ އެމީހުންގެ ޓޭޕަކަށެވެ. ނަމަވެސް މިފަހަރު އަލިއަޅުވާލާނެ ވާހަކައެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުރަތަމަ ތިން ފިލްމުގައި ލީޑް ރޯލުން ފެނުނު ވެރާ ފާމިގާ އާއި ޕެޓްރިކް ވިލްސަން މި ފިލްމުން ވެސް ފެންނާނެ ކަމަށް ބެލެވޭއިރު އަދި މިހާތަނަށް އެކަމާ ގުޅޭ އެއްބަސްވުމެއްގައި އެކްޓަރުން ސޮއިކޮށްފައެއް ނުވެއެވެ.

ކޮންޖަރިން ސީރީޒްގެ ފުރަތަމަ ފިލްމަކީ މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ލިބުނު ބިރުވެރި ފިލްމެވެ. އެގޮތުން 20 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި އެ ފިލްމަށް ވަނީ 320 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މި ފިލްމު ސީރީޒްއަކީ މިހާރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ބިރުވެރި ސީރީޒްއަށް ވެފައިވާއިރު މި ފިލްމު ފްރެންޗައިޒްގެ އާމްދަނީ 2.2 ބިލިއަން ޑޮލަރަށް އަރައެވެ.