23 Oct 2022, 09:05
މިހާރު އަޅުވަމުން އަންނަ އެންމެ ބޮޑު ޓީވީ ޝޯ "ހައުސް އޮފް ދަ ޑްރެގަން"ގެ ފުރަތަމަ ސީޒަންގެ އެންމެ ފަހު އެޕިސޯޑް އިންޓަނެޓުގައި ލީކް ވެއްޖެއެވެ.
އެންމެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެ ޝޯއަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަންނަ ހައުސް އޮފް ދަ ޑްރެގަންގެ ފިނާލޭ ބެލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. އެމެރިކާގައި ކޮންމެ އާދިއްތަ ދުވަހެއްގެ ރޭގަނޑު (ރާއްޖޭ ގައި އަންގާރަ ދުވަހު ހެނދުނު) އަޅުވާ ހައުސް އޮފް ދަ ޑްރެގަންގެ އިންތިޒާރުގައި ތިއްބައި އިއްޔެ އިވުނީ އެޕިސޯޑް ލީކުވި ވާހަކައެވެ.
ޝޯގެ 10 ވަނަ އެޕިސޯޑް އެއްކޮށް މިހާރު ލީކުވެފައިވާއިރު އެ އެ އެޕިސޯޑް ޓޮރެންޓް ސައިޓްތަކުން ވެސް ލިބެން ހުރި ކަމަށް އެ ޝޯ ދައްކާ އެޗްބީއޯއިން ބުންޏެވެ.
އެ މައްސަލަ ދިމާވެފައިވަނީ ޑިސްޓްރިބިއުޝަން ޕާޓްނަރެއްގެ ސަބަބުން ކަމަށް އެޗްބީއޯއިން ބުނެއެވެ. އެގޮތުން އެ މައްސަލައިގެ ފަހަތުގައި ވަނީ ޔޫރަޕާއި މެދުއިރުމަތި އަދި އެފްރިކާގެ ޑިސްޓްރިބިއުޝަން ޕާޓްނަރުން ކަމަށް އެޗްބީއޯއިން ބުނެއެވެ.
އެޗްބީއޯއިން ބުނެފައިވަނީ އެ މައްސަލައިގައި މިހާރު ވަރަށް ވަރުގަދައަށް އިންޓަނެޓް މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. އަދި އިންޓަނެޓަށް އެ އެޕިސޯޑް އަޕްލޯޑް ކުރަމުން އަންނަ ވަރަކަށް ޑިލީޓްކުރަމުން އަންނަ ކަމަށް ވެސް އެޗްބީއޯއިން ބުނެއެވެ.
އެޗްބީއޯއިން ބުނެފައިވަނީ ހައުސް އޮފް ދަ ޑްރެގަންގެ ފަހު އެޕިސޯޑް ރަސްމީކޮށް ރިލީޒްކުރުމުން 4ކޭ ކޮލިޓީގައި ފޭނުންނަށް ބަލަން ލިބޭނެ ކަމަށެވެ. ލީކުވެގެން އުޅެނީ އެންމެ މޮޅު ކޮލިޓީގެ އެޕިސޯޑެއް ނޫނެވެ.
ހައުސް އޮފް ދަ ޑްރެގަންގެ މައި ޝޯ "ގޭމް އޮފް ތުރޯންސް"އަށް ވެސް މިފަދަ މައްސަލައެއް ދިމާވިއެވެ. އެ ޝޯގެ ހަތްވަނަ ސީޒަންގެ އެޕިސޯޑެއް ވަނީ އޮންލައިންކޮށް އިންޓަނެޓަށް ލީކުވެފައެވެ.