"އަބުދުﷲ ބިން މަސްއޫދު ވިދާޅުވިއެވެ. ފެނުން ގަސް ފަޅާފަދައިން މިއުޒިކްގެ ސަބަބުން ހިތުގައި ނިފާގުކަން އުފެދެއެވެ. ޒިކުރުގެ ސަބަބުން ހިތުގައި އީމާންކަން އުފެދެއެވެ."

***

"ޔޫ އާ އިން ލަވް ދާނީ....." ދާނިޔާ އައްޔާޝް ހުރި ހިސާބާއި އަރާ ހަމަވީއިރު ހިތް ސިއްރުން ނިކަން ފޮނިގޮތަކަށް ކަންފަތްބުޑުގައި ކިޔައިލިއެވެ. މޫނަށް އެކީ ރަތްވެގެން ދިޔުމާއެކު ހެދުމާއި ހުރިހާ އެއްޗެހިވެސް ގަޔަށް ބާރުވެލިހެން ހީވިއެވެ. ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އަމިއްލަ ހިތުގެ ހާލައިމެދު ހަމްދަރުދީވެސް ވެވުނެވެ. އޭނައާއި އައްޔާޝް ނުގުޅޭކަން އަމިއްލަ ހިތަށް ވިސްނާދިނަސް ހިތް އެކަމާއި އަރައިރުންވަނީއެވެ. ލޯބިވެ ދެފަރާތުގެ ކެމިސްޓްރީ ދިމާވެއްޖެއްޔާ އެނިމުނީއެވެ. ލޯބީގެ ވާހަކައިގާ ނުގުޅުން އެ ލަފުޒު އޮވެގެން ނުވާނެއެވެ.

"ހައި...."އައްޔާޝްއަށް ދާނިޔާގެ މޫނުމަތި ކިޔާލަން ފަސޭހަވީކަން ނޭގެއެވެ.

އައްޔާޝްއާއި ވާހަކަދައްކައިލަން ލިބުނު ފުރުސަތު އޭނައަށް ނަގައިލެވުނެވެ. ގަތް ލަދުންނާއި ހާސްވިވަރުން އޮޅެމުން ރަކިވަމުން ރަކި ހިންޏަކާއެކު ގޮސް ގޯޅިން ލަނބަލައިލެވުނީއެވެ. ސިޑިން ދުވަމުން ދުވަމުންގޮސް ބެލްކަންޏާއި ހަމަވީއިރު އޭނަ ހުރީ މައިނޭވާލެވިފައެވެ. ނިކަން ސިއްރުން މަގަށް ބަލައިލީ އައްޔާޝް ހުރެދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް އައްޔާޝްގެ ރީތި ސޫރައިން ފިނިކަމެއް ލިބުމުގެ ނަސީބެއް ނުލިބުނެވެ. އައްޔާޝް އެހާ އަވަހަށް އެތަނުން ގޮސް ނިމިއްޖެއެވެ. ލިބުނު މާޔޫސްކަމާއެކު ތުންފަތުން ހިނިތުން ފޮހެން މާ ގިނައިރެއް ނުނެގިއެވެ.

ކޮޓަރިއަށް ވަދެފައި އުއްޑުން އެނދަށް ވެއްޓިގަތުމާއެކު ދާނިޔާ ސީލިންއަށް ބަލަން އޮތެވެ.

"ކިހާ މޮޔަ...އެ ޗާންސްވެސް ގެއްލުވައިލެވުނީ. ދެން އޭނަ އަނގައިން ބުނާނެ ކަމެއްވެސް ނޭގޭ..އެޓްލީސްޓް ފްރެންޑަކަށް ވެވުނުނަމަ...ގްރްރްރް.." ދާނިޔާ އެނދުގައި ދެފައި ތަޅައިގަތެވެ.

"ދާނިޔާ.."މަންމަ ގޮވަން ފެށުމުން އަވަހަށް ތެދުވެ ބުރުގާ ރަގަޅުކޮށްލަމުން މޫނުމަތި ރީތިކޮށްލިއެވެ.

"ލައްބަ މަންމާ.."

"އަދާރާ އަންނަންވާއިރަށް ޕާސްތާ ހަދާށޭ ކިޔާފައި އަދި ތިހުންނަނީ. ގްރޫޕް ސްޓަޑީއަށޭ ކިޔާފައި ކޮންމެ ދުވަހަކު އަދާރާ މިގެއަށް ފޮނުވަން އެކުއްޖާގެ މީހުން ހިތްހަމަޖެހޭތަ؟ ނިގާބު އަޅައިގެން އަޅުވެރިކޮށް އުޅޭ ކުދިން އާއްމުކޮށް އެކުވެރިންގެ ގެއަށްވެސް ނުދާކަމަށް މަންމައަށް އިވިފައި އޮތީ....." ނަބީލާ ކާ ބަޔާއިދިމާލަށް ހިނގައިގަތެވެ."މަންމަ ޖޫސް ގިރާލާނަން. އަނބު ގެނައިން ދޯ...."

"އަލަނާސިޖޫސް ބޯ ހިތުން އަލަނާސިއެއް ގެނައީ.......މިދުވަސްކޮޅު މިގޭގައި ފިރިހެނަކު ނެތީމަ އަދާ އެ އަންނަނީ...."

"އޯ......"

"ދޮންބެއާއި އަދާ ގުޅުވުން ކިހިނެއްވާނެ؟"

"ހައްދު ފަހަނަޅާފައިވާ ޖަމާއަތެއްގެ ކުއްޖަކާއި މަންމައަށް ވައްތަރީ. ބަދިގޭގައި އުޅޭއިރުވެސް މޫނުފޮތިކޮޅު ނުނަގާވިއްޔަ. ނުބައި މާނައެއް ނުނަގައްޗޭ ދާނިޔާ. ދާނިޔާގެ އެކުވެރިއަކަށްވާން މަންމައަށް އަދާ ކިތަންމެހާވެސް ރަގަޅު. އެކަމަކު ނިގާބު އެޅުމަކީ ކޮންމެހެން ދީނުގައި އޮތްގޮތެއް ނޫންކަމަށާއި އެގޮތަށް އެއުޅެނީ ހައްދުފަހަނަޅާފައިވާ މީހުންކަމުގައި ބައްޕަ ބުނުއްވި. ދާއޫދުއާއި ބައްޕަގެ ޚިޔާލު އެއްގޮތް. އެހެންވީމަ ދާއޫދު ހަޔާތުގެ ބައިވެރިޔަކަށް އަދާފަދަ ކުއްޖެއް ޚިޔާރުކުރާނެހެން ހިޔެއްނުވޭ. މަންމައަށްވެސް އަޑުއިވެނީ އެމީހުން ކިޔާ އެއްޗެހި...................." ނަބީލާ ކޮތަޅުން އަލަނާސި ނެގިއެވެ.

"އެންމެނަކީ މުސްލިމުންނެއް ނޫންތަ؟"

"މުސްލިމުންގެ ތެރޭގައިވެސް ފާސިގުން އުޅޭ. ސުންނީންގެ އިތުރުން ޝީއާ އަހުމަދިއްޔާ އިބާދީ ސޫފީއިން އެހެންގޮސް އެކި ނަން ކިޔާ ޖަމާއަތްތައް އުޅޭ. މަންމަމެންނަކީ ސުންނަތް ޖަމާއަތުގެ އަހުލުވެރިން. އެއީ ހަގީގަތުގައި އެންމެ ރަގަޅު މަގު ޚިޔާރުކުރި މީހުން. ދާނިޔާއަށް އެނގޭތަ؟ މިހާރު އެބަތިބި ޚަވާރިޖުން.....އަދާރާ އަކީ އެ ޖަމާއަތުގެ ފިކުރޭ މަންމަގެ ހިތް ބުނަނީ. ކޮންމެ ކަމެއްގައިވެސް މެދުމިނަށް އުޅުނީމަ ހަމަޖެހިގެން އުޅެވޭނީ. އެއްވެސް ކަމެއްގައި ހައްދުފަހަނަޅާ ދެވިހިފާކަށް ނުވާނެ...." މަންމަގެ ދުލުން އެ ލަފުޒުތައް ބޭރުވިޔަސް އެއީ ހަގީގަތުގައި ދާނިޔާގެ ބައްޕައާއި ބޭބެގެ ވިސްނުން ހުންނަގޮތެވެ.

އެ ގޭތެރެއިން ދާނިޔާގެ ކަންފަތަށް އަބަދު އިވޭނީ ދީނީ ނޫނީ ސިޔާސީ ވާހަކަތަކެވެ. ބައެއްފަހަރު ބައްޕަގެ އެކުވެރިން އެގޭގެ ސިޓިންރޫމްގައި ކޮފީގައި ތިބޭއިރު ހޫނު ބަހުސްތަކުން ބޮލަށް އުދަގޫވެ އެހެން ޕްލެނެޓަކަށް ހިޖުރަކުރަންވެސް ހިތަށް އެރި ކިތަންމެ ފަހަރެއް އައެވެ. ސަރުކާރާއި ދެކޮޅު ޚިޔާލުތަކާއި މަޝްވަރާތަކުގެ އަޑުވެސް ދޭތެރެއަކުން އިވެއެވެ. ނާއިބު ރައީސްގެ ޒުވާން ދަރިފުޅަށް ހިތް ކިޔުނުފަހުން އޭނައަށް ދުޢާކުރެވެނީ ބައްޕަ ސަރުކާރާއި އެއްބައިވުމަށެވެ. އެނޫނީ އޭނައަށް ކާމިޔާބުވާނެ އަލިމަގެއްނެތެވެ. ކޮންމެ ގޮތެއްވިޔަސް ބައްޕަވަނީ ދާނިޔާމެންނަށް ދީނަށް އުޅެން ދަސްކޮށްދީފައެވެ. ނަމާދު ގަވާއިދުން ކުރުމަށް އާދަކުރުވާ ދޭތެރެއަކުން ދީނީ ނަސޭހަތްދީހަދައެވެ. އޭނަ ނަމާދުކުރަނީ ބައްޕަގެ އަމުރަށް ކިޔަމަންވުމަށެވެ.

ދާނިޔާ އިރުއިރުކޮޅާ ކުޑަދޮރު ކައިރީ ހުއްޓި ބޭރަށް ބަލައެވެ.

"މާ ވަރަކަށް ބޭރަށް ތިބަލަނީ ކީއްވެ؟" ނަބީލާ ސުވާލުކުރިއެވެ.

"މި ބިޔަ ގަސް ފެނުމުން ސްޓްރެސް ފިލާ..މަންމައަށް އެނގޭތަ؟ ތާޒާ ވަޔާއި ވިޓަމިންޑީ ހޯދުމުގެ ވަސީލަތަކީވެސް އޭސީގެ ދަށުން ނުކުތުން..ކަސްރަތުކޮށް ހިނގާލާހެދުން. މަންމަވެސް ގޭގައި މާ ގިނަވަގުތު ހޭދަކުރާތީ ކަންބޮޑުވޭ. ފަތިހު ހިނގާލަން މަންމަވެސް ދާންވީނު......." ދާނިޔާ މަންމައާއި ހަތަރުކަޅި ހަމަނުކުރަން މަސައްކަތްކުރިއެވެ. މަންމައަށް ޝައްކުވެއްޖެއްޔާ އޭނަގެ ދެފައި ބިންދާލާނެކަން ޔަގީނެވެ.މަންމައާއި ކުރީގެ އެކުވެރިޔާ ޑޮކްޓަރ ޝުވޭކާރުގެ ދުޝްމަންކަމަކީ އޭނަވެސް ދެނެހުރި ހަގީގަތެކެވެ.

ޕާސްތާއާއި ޖޫސް ތައްޔާރުކޮށް ނިމުމުން މޭޒުމަތި ތައްޔާރުކުރަން ދާނިޔާއާއި ހަވާލުކޮށްފައި މަންމަ ޓީވީ ހުޅުވާލައިގެން ބަލަންފެށީ ސިޔާސީ ޕްރޮގްރާމެކެވެ.

***

އާރިސް ކާކޮޓަރިއަށް ވަންއިރު އޮރެންޖް ބޮކީގެ ރަން އަލިން އެތަން ވިރުވާއަޅައެވެ. ލޮލަށް ފިނިކަން ގެނެސްދޭފަދަ ފަނޑު އައްޔެކެވެ. އާރިސް ފްރިޖް ހުޅުވާލާފައި އައިސްކްރީމް ޓައްޕެއްނެގި ގޮތަށް ކާންފެށީ ބަނޑަށް ޖެހިފައިވާ މީހެއްފަދައިން އަވަސްއަވަހަށެވެ.ޓައްޕުގެ މެދަކާއި ހަމަޔަށް ދިޔަތަނާ މީހެއްގެ ފިޔަވަޅުގެ އަޑުއިވުމުން ތެދުވާން ހަދައިގެން އަތުން ސަމުސާ ދޫވެ ތަޅުންމަތީގައި ޖެހުނު އަޑު ރޭގަނޑުގެ ހިމޭންކަން މުގުރާލައިފިއެވެ.

"ބިރުން ހަލާކުވެއްޖެ.....ތިއްތިބެ ކީއްކުރަނީ؟"

"ކަނީ.ނުފެނޭތަ؟"

"އެބަފެނޭ. މިއޮތް ފިނި ފިނި ފްރީޒިން ރޭގެ ދަންވަރު ސިއްރުން އައިސްކްރީމްކާނީ ކޮންމެވެސް ކަމެއްވީމައެއްނު..." މިނަލް އާރިސްއާއި ޖެހިގެން އިށީންގޮތަށް މޫނަށް ބަލަހައްޓައިގެން އިންގޮތުން އާރިސްއަށް އުދަގޫވިއެވެ. މިނަލް އައިސްކްރީމް ޓައްޕު އަތުލައިގެން ރަހަ ބަލައިލިއެވެ. އަދި ލަސްލަހުން ކާންފެށިއެވެ."ތިއްތި. މަންމަ ބުނީ ތެދު ވާހަކައެއްތަ؟"

"މަންމަ ކީކޭ ބުނެގެންތަ ތިގޮތަށް ބަލަހައްޓައިގެން ތިއިނީ؟"

"ބުނީމަ ރުޅި ނާންނައްޗޭ......" މިނަލް ހީކަރުވާގޮތްވިއެވެ."ކުޑަކޮށް ބިރުވެސް ގަނޭ. ތިއްތިއަށް ހަގީގަތުގައިވެސް މިގެއިން މީހުން ފެންނަނީތަ؟ ހޯންޓެޑްތަ؟ އެއިޓް ފީޓްގެ ޑެވިލްއެއް ފެނުން ނޮޓް ނޯމަލް. އިޓްސް...ސޯ. ޑޭމް ފްރީކީ..ސުޕަނެޗުރަލްގެ މަންޒަރެއްނު ތިފެނުނީ......."

"މަންމައަށްވެސް ސިއްރުތައް ފޮރުވައިގެން ނުހުރެވޭ....................."އާރިސް ކުޑަކޮށް ބޯ ހޫރައިލިއެވެ.

"ހަގީގަތުގައި އެ ވާހަކަ ބުނީ މަންމައެއްނޫނޭ....."މިނަލް ހިނިގަނޑެއްޖަހައިލިއެވެ." ތިއްތި ދޮރުގައި ތަޅައިގަތްއިރު މާކް ޕަބްޖީކުޅެން ހޭލާ އޮތް ގަޑިއެއްކަމުން ތެދުވެގެން އައީޔޯ. މަންމަ ކޮފީތަބައް ހިފައިގެން ދަންވަރު މައްޗަށް ދާތީ ކިއުރިއަސްވެގެން މާކްވެސް ފަހަތުން ދިޔައީމަ ސިއްރު ފަޅާއެރީ. މާކް ބުނި އެހެން ނުކިޔައްޗޯ. ހީ ވޯޒް ސުޕަ އެކްސައިޓެޑް. ދެން އެ ސީން ކިޔާދީބަލަ................."

"ހީވާގޮތުން..އައިމް ޕޮސެސްޑް........"އާރިސް ލޯ ހަނިކޮށްލަމުން ބަލައިލިއެވެ.

"ޔަގީންތަ؟"މިނަލްއަށް ތެދުވެވުނެވެ. ފަހަތަށް ފިޔަވަޅެއް އެޅިއެވެ. ދެވަނަ ސިކުންތުކޮޅުގައި ހަޅޭއްފަޅޭއް ޖަހަމުން ދުއްވައިގަތުމުން އާރިސްއަށް ހެވެން ފެށުނެވެ. ހުއްޓާނުލާ އިރުކޮޅެއްވާންދެން ހުނުމަށްފަހު އައިސްކްރީމްގެ ބާކީ ހުސްކޮށްލާފައި ތެދުވެގެންގޮސް ޓެރެސްއަށް އެރިއެވެ.

"ފުންމާލާ ހާރިސް. އެއްވެސް ކަމެއްނުވާނެ. ހާރިސް ފުންމައިލާ....."

"ޝަޓަޕް...."ހާރިސްއަށް ބާރަށް ބުނެވުނެވެ.

"ޖަމްޕް ހާރިސް."

"ބުނެފީމެއްނު ހުއްޓާލާށޭ..އަހަންނަށް އުދަގޫނުކުރޭ.........."ހާރިސް ރެއިލިންމަތީގައި ގޮށްމުށްކަވާފައި ޖެހުމަށްފަހު ވަށައިގެން ހޯދައިލިނަމަވެސް ވާހަކަދައްކާފަރާތެއް ނުފެނުނެވެ. އޭނައަށް އެއިވެނީ ކާކުގެ އަޑެއްހެއްޔެވެ؟ ޔަގީނުންވެސް ދަންނަ މީހެއްގެ އަޑެއްނޫނެވެ. އޭނަގެ ލޮލަށް އެހެން މީހުންނަށް ނުފެންނަ މީހުން ފެނި ކަންފަތަށް އަޑުއިވެނީ ކީއްވެހެއްޔެވެ؟ މިކަމުގެ ހައްލަކީ ކޮބާބާވައެވެ. އެތައް ސުވާލެއް އެއްފަހަރާ ސިކުނޑީގައި ހިނގައިގަތެވެ. އޭނަގެ ބައްޕައާއި މި ވާހަކަ ހިއްސާކުރަންވީއެވެ. ބައްޕަ އެހީތެރިވާނެއެވެ. ބައްޕައަކީ އެކުވެރިއެއްވެސްމެއެވެ. އެފަދަ ކަންތަައްތަކުގައި ބައްޕަގެ ތަޖުރިބާ ހުންނާނެއެވެ. އެކަމަކު ބައްޕަ ރާއްޖޭގެ ހިންގުމުގެ ހުންގާނުގައި ހުރުމުން ބޮޑެތި ޒިންމާތަކެއް އުފުލަމުން ގެއަށް ވަނުމާއެކު އޭނަގެ މައްސަލަތައް ބައްޕައަށް ހުށަހަޅައިގެން ބޮލުރިހުމަށް ނުވާނެބާވައެވެ. ހާރިސް ބޭނުންވީ ސިކުނޑިއަށް ލުޔެއް ހޯދުމަށެވެ. އޭނަ ހޯދީ ވޭޕްގެ އެހީތެރިކަމެވެ. ވޭޕްކުރުމަކީީ ހުރިހާކަމެއްގެ ހައްލުކަމުގައި ދެކުނެވެ. ނަމަވެސް އެއިން ލިބުނު ހިތްހަމަޖެހުމެއްވެސް ނެތެވެ.

***

އަދާރާއާއި ދާނިޔާ ޕާސްތާ ރަގަޅަށް ކައިގެން ކިޔަވަން ކޮޓަރިއަށްވަނެވެ.ތަޅުންމަތީގައި އަޅާފައިވާ ރަގެއްގެ މަތީގައި ދެކުދިން އިށީދެލައިގެން ތިބީ ދެފައި ވަށްކޮށްލައިގެންނެވެ. ކުރިމަތީގައި ފޮތްތަކާއި ކިޔަވަންގެންގުޅޭ ސާމާނު އަތުރާފައެވެ. ގަޑިއެއްހާއިރު ފަހުން ކިޔެވުން ނިމުނުއިރު ދާނިޔާގެ މޫނުމަތިން ވަރުބަލިކަން ފެންނާންފެށިއެވެ. އޭނަ އިރުކޮޅެއްވާންދެން އަދާރާގެ ލޮލަށް ކަޅި ހުއްޓާލައިގެން އިނެވެ. އަދާރާއާއި އެހާ ގާތްކޮށް އުޅޭއިރުވެސް ސިއްރުވެރިކަމުން މިކުއްޖާގެ ސިއްރުތައް އޭނައަށް ހާދަ ނޭގެއޭ ހިތަށް އެރިއެވެ. ސިއްރުވެރި އަންހެންކުއްޖެކެވެ. ލޯ ފިޔަވާ އެހެން ތަނެއްވެސް ފެންނަނީއެއް ނޫނެވެ. މަޑުނޫކަމުގެ ތެރޭ ފަތާ މުށިކުލައިގެ ލޮލުގައި ހުންނަ ރީތިކަން ފުރިހަމަކޮށްދެނީ ބޯ އެސްފިޔަތަކުންނެވެ. އެސްފީނާވެރިއެއްގެ ވިހަ ލޮލުގެ ޝިކާރައަކަށްވެއްޖެއްޔާ އަދާރާގެ ލޮލުގެ ދުވަސްދިޔައީއެވެ. އޭނަ އެސްފީނާވެރިއަކަށް ނުވިކަމީ ނަސީބެކެވެ. އެވަރަށް އަދާރާގެ ލޮލަށް ތައުރީފުކުރެވެއެވެ.

"އަދާ. އަހަރެން މިހެން ބުނީމަ ރުޅި ނާންނައްޗޭ. ކީއްވެ މޫނު ފޮތިކޮޅު ނުނަގަނީ؟ ފްރެންޑުން ކައިރީގައިވެސް ނުނަގަމެއްނު....."

"މީހާގެ މޫނާއި ސިފަ މުހިއްމުތަ ދާނީއަށް؟ ސިފަ ނުފެނުނަސް އެމީހެއްގެ ހިތާއި ފުރާނަ ރީތިކުރީމަ އެމީހާވެސް ރީތިވީ، އަހަރެން އާއްމުކޮށް މީހުންނަށް ލޯވެސް ނުދައްކަން. އައިނުއަޅައިގެން މަގުމަތީގައި އުޅެނީ. އެކުވެރިންނާއި ފެމިލީއަށް މިގޮތަށް ލޯ ފެންނާނީ.....އެކަމަކު މޫނު ދައްކަން ޖެހޭ ހާލަތެއް ނާންނާތީ ނުދައްކަނީ.. ކޮމްފޮޓަބްލް ނޫންވީމަ....."

ދާނިޔާ އެސްފިޔަތައް ތިރިކޮށްލައިފިއެވެ. އެސުވާލު ކުރެވުނު މޮޔަހީވިއެވެ.

"ތިބުނީ ރަގަޅަށް...."

"އަހަރެމެން ބެސްޓްފްރެންޑްސް އެކަމަކު އަހަރެންގެ ސިފަ ދާނީއަކަށް ނުފެނޭ ދޯ.........."އަދާރާގެ މަޑު ހުނުމުގެ އަޑު އެތާ ފެތުރިގެން ދިޔައެވެ.

"އިޓްސް އޯކޭ...."

"ދާނީގެ ބައްޕައަކީ ޝޭޚެއް. އޭނަ ނިގާބާއި ބެހޭގޮތުން ބުނުއްވަނީ ކީކޭ؟ޝޭޚު ޔާސިރުގެ ދަރުސް އަދި ނުބަލަން. ވަގުތެއްވެސް ނުވޭ. ގޭގައި އުޅެންޖެހެނީ ވަރަށް ބިޒީކޮށް....ކިޔެވުމާއި ގޭގެ މަސައްކަތާއި އަޅުކަމަށް ގިނަވަގުތު ދެވެނީ."

އެކި ވާހަކަދެއްކުމުގެ ތެރޭގައި އަދާރާ ކޮންމެވެސް ވަރަކަށް ޒާތީ މައުލޫމާތުތައް ހިއްސާކުރިއެވެ. ދާނިޔާގެ ހިތުގައި އަދާރާއަށް އޮތް ގާތްކަމާއި ބޮޑުވީ އަދާރާގެ ލޯބިވެރިޔާ ހުޝާމްގެ ފޮޓޯތައް ދެއްކުމުންނެވެ.

"ދާނިޔާ އެއްވެސް މީހެއްގެ ގާތު ނުކިޔައްޗޭ. ތިން އަހަރުވާންދެން ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނި ކުރަން އޮތް ދުވަހު ހުޝާމް.......އޭނަ ހަފްލާއަށް ނައީ. އެންމެންވެސް އެތާ ތިބި. މިބުނީ ގާޒީންނާއި ދެފަރާތު އާއިލާއާއި އެންމެން......."

ދާނިޔާ ސިހޭގޮތްވިއެވެ.

"އެއީ ކީއްވެތަ؟އަދާގެ ކޮން ކުށެއް އޮވެގެންތަ؟"

"ﷲ ދެނެވޮޑިގެންވަނީ.އަދިވެސް އޭނައަށް ހެޔޮ ވިސްނި އަނބުރާ އަންނާނެކަމަށް އިންތިޒާރުކުރަނީ. އެންމެ ލޯބިވާ މީހަކު މަރުވެގެންވެސް އެވަރަށް ރޮވޭނެކަމެއް ނޭގޭ. އަހަރެން ރޮއި ނުކައި ނުބޮއި ހާލު ދެރަވެގެން އެންމެފަހުން ހޮސްޕިޓަލުގައި އެޑްމިޓްކުރި. ކިޔަވާހިތެއް އެހެން ކަމެއްކުރާހިތް ނުވެ މާޔޫސްކަމާއި އަނދިރިކަން ވަށައިލި. ޑިޕްރެޝަންއަށް ބޭސްކާން ޖެހުނު. އޭނަ....އޭނަ އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލީ..އެވަރުންވެސް ލޯތްބަކީ ކޮންކަހަލަ އެއްޗެއް. އަހަރެންގެ ހިތުން ހުޝާމް ފިލައިގެނެއް ނުދިޔަ. ހިތުގައި ރަސްކަން ކުރަނީ އަދިވެސް އެ ފިރިހެނާ. ލޯތްބަކީ ކޯންޗެއްކަން ދަސްކޮށްދިނީ އޭނަ. އެކަމަކު އެދުވަހު އޭނަ އަހަރެން އެންމެންގެ ތެރޭ ލަދުގަންނަވައިލި. ނިކަމެތިކޮށްލި. ލަދުންނާއި ހިތާމައިން ހިތް ހަމަ ފަޅައިގެން ދިޔައީ...އެއްވެސް މީހެއްގެ ކުރިމަތީ އިސްއުފުލާ ބަލައިލާނެ ހިތްވަރެއްވެސް ނުލިބުނު........"ވާހަކަދައްކަމުންގޮސް އަދާ ބާރަށް ރޯންފެށިއެވެ.

"އިޓްސް އޯކޭ. ކެތްކުރޭ އަދާ....."ދާނިޔާ އަދާރާގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ. "ދެރަގޮތެއްނުވާނެ އިންޝާﷲ. ﷲއަށް އިތުބާރުކުރޭ. ތިކަމުގެ ފަހަތުގައި ކޮންމެވެސް ހިކުމަތެއްވާނެ. އެކަން ދެނެވޮޑިގެންވަނީ ހެއްދެވިފަރާތް..އަހަރެމެންނަށް އެކަން ނޭގެނީ..އަދި އޭނައަށް އެހިތިކަން ފެންނާނެ. މީހަކަށް ދެރައެއް ދީފައި އަނެކަކަށް އުފަލުގައި ނޫޅެވޭނެ........"

އެތައް އިރެއްފަހުން އަދާރާ ރުއިން ހުއްޓާލާފައި ފާޚާނާއަށްވަދެ މޫނުދޮވެ ތާޒާވެލައިގެން އައުމަށްފަހު ދާނިޔާ ގެނެސްދިން ފޮނި އެއްޗެއް ކެއެވެ. އެވެސް ފޮތިކޮޅު ހިއްލާލައިގެން ދާނިޔާއަށް ނުފެންނަގޮތަށެވެ. އަދާރާގެ ބޮޑު ބޮޑު ދެލޯ ދުޅަވެފައިވިޔަސް ލޮލުގެ ރީތިކަމަށް ބަދަލެއްނާދެއެވެ.

"އަހަރެން ސިއްރެއް ބުނަންތަ؟"

ދާނިޔާގެ ހުރިހާ ސަމާލުކަމެއް އަދާރާ އަތުލިއެވެ.

ނުނިމޭ