04 Apr 2012, 12:53
ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި މިރޭ ބެންފިކާއާ ދެކޮޅަށް ޗެލްސީ ނިކުންނައިރު، ޕްރެޝަރު ބޮޑީ ޗެލްސީ އަށެވެ.
ސަބަބަކީ މަލްޓި މިލިއަން ޑޮލަރުގެ ޓީމު ބަލިވެއްޖެނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމުގެ ބިރު އޮތުމެވެ. އެއީ އިނގިރޭސި ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމަށް ޗެލްސީ އަށް އަމިއްލަ ބާރު ނެތުމުންނެވެ. އިނގިރޭސި ލީގުގެ ގަދަ ހަތަރަކަށް ނުހޮވި ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނީ މުބާތުގެ ޗެމްޕިއަންކަން ހޯދައިގެން އެކަންޏެވެ.
މިރޭގެ މެޗުން މޮޅުވާޓީމެއް ސެމީ ފަނަލުގައި ބައްދަލުކުރަން ޖެހޭނީ ރޭ އޭސީ މިލާނާ ދެކޮޅަށް ކުޅެ 3-1 ލަނޑުން މެޗު ކާމިޔާބު ކުރި، ޗެމްޕިއަން ބާސެލޯނާއާ އެވެ.
މިރޭގެ ބޮޑު މެޗުގެ ކުރިން މީޑިއާއަށް ދިން އިންޓަވިއުގައި ޗެލްސީގެ ކޯޗް ރޮބާޓޯ ޑިމަޓެއޯ ބުނީ، ލީގުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކުރުމުގައި ޓީމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް އައިވަރީ ކޯސްޓުގެ ފޯވާޑް ސޮލަމަން ކަލޫ ކާމިޔާބު ކުރި ހަމައެކަނި ލަނޑުން ބެންފީކާ އަތުން ފުރަތަމަ ލަގުގައި މޮޅުވުމުން މިރޭވެސް މޮޅުވުމުގެ އުންމީދުގައި ތިބި ކަށެވެ.
"މެޗަށް ނިކުންނާނީ ހިތްވަރާއެކު. ކޮންމެ ޓީމަކީ ވެސް މޮޅު ޓީމެއް. ކާމިޔާބު ހޯދުމަށް ޗެލްސީ ފަހެއް ނުޖެހޭނެ،"ޑިމަޓެއޯ ބުންޏެވެ.
އޭނާ ބުނީ، އިދިކޮޅަށް ނިކުންނަ ބެންފިކާ އަކީ ބަލިޓީމެއް ނޫންކަމަށާއި މިރޭގެ މެޗުގައި ޗެލްސީގެ ކުޅުންތެރިން އެކަމަށް ސަމާލުވާން ވަރަށް މުހިންމު ކަމަށެވެ.
ކުއާޓާގެ އަނެއް މެޗުގައި މިރޭ ރެއާލް މެޑްރިޑާއި އެޕޮއެލް ބައްދަލުކުރާއިރު، ފުރަތަމަ ލެގު 3- 0އިން ކާމިޔާބުކުރީ ރެއާލެވެ.