23 Oct 2022, 14:12
އިންޑިއާގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝް އަމްބާނީ ދުބާއީން ވިލާއެއް ގަނެފިއެވެ.
ޚަބަރުތައް ބުނާ ގޮތުން މުކޭޝް ގަނެފައިވަނީ މޫދު ކައިރީ ހުންނަ 'ޕާމް ޖުމެއިރާ' ނަމަކަށް ކިޔާ ވިލާއެކެވެ. އެއީ ދުބާއީގެ އެންމެ އަގު ބޮޑު ރިއަލް އެސްޓޭޓް ވިޔަފާރީގެ މުއާމަލާތް ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ޕާމް ޖުމެއިރާ އޭނާ ގަނެފައި ވަނީ ކުވެއިތުގެ އާއިލާއެއް ކަމަށްވާ މުހައްމަދު އަލްޝާޔާއިންނެވެ. މި އާއިލާއަކީ، ބައިނަލްއަގުވާމީ މަޝްހޫރު ރީޓެއިލް ބްރޭންޑުތައް ކަމަށްވާ ސްޓާބަކްސް އާއި އެޗްއެންޑްއެމް އާއި ވިކްޓޯރިއާސް ސީކްރެޓް ފަދަ ބްރޭންޑްތަކުގެ ވިޔަފާރިތައް ދުބާއީގައި ހިންގާ އާއިލާއެވެ.

މުކޭޝް އަމްބާނީ --
އިންޑިއާގެ އަމްބާނީ އާއިލާ އަކީ އެ ގައުމުގެ އަދި ދުނިޔޭގެވެސް އެންމެ މުއްސަނދި އެއް އާއިލާއެވެ. އިންޑިއަން ބިލިއަނަރުގެ ގޮތުގައި މަޝްހޫރުވެފައިވާ މުކޭޝް އަމްބާނީ އަކީ ރިލައެންސް އިންޑަސްޓްރީސް ލިމިޓެޑްގެ ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރެވެ. އިންޑިއާގެ އެންމެ އަގުހުރި ކުންފުނި ރިލައެންސްގެ އަގު މިހާރު 84 ބިލިއަން ޑޮލަރަށް އަރައެވެ.
މުކޭޝް އަމްބާނީ ދަނީ ދުނިޔޭގެ އެކި ހިސާބުތަކުން ބިމާއި އެކި ކަހަލަ ޕްރޮޕަޓީތައް ގަންނަމުންނެވެ. އެގޮތުން ރިލައެންސްއިން އެންމެ ފަހުން ގަނެފައިވަނީ އިނގިރޭސިވިލާތުގެ ސްޓޯކް ޕާކްއެވެ. އެއީ، މެމްބަޝިޕް ގަނެގެން ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމަށް ފުރުސަތުދޭ ގޮތަށް އެގައުމުގައި ހުޅުވި ފުރަތަމަ ކަންޓްރީ ކްލަބެވެ. އެތަން ރިލައެންސްއިން ގަނެފައިވަނީ 79 މިލިއަން ޑޮލަރަށެވެ. އެތަން މަރާމާތަށް މިހާރު ބަންދުކޮށްފައިވާއިރު އަންނަ އަހަރު ހުޅުވުމަށްވަނީ ހަމަޖެހިފައެވެ.