އިސްލާމް އާބާދު (22 އޮކްޓޯބަރު 2022) : ކުރިއަށްއޮތް ފަސްއަހަރު ޕާކިސްތާނުގައި ބާއްވާ އެއްވެސް އިންތިޚާބެއްގައި ވާދަ ކުރުމުގެ ފުރުސަތާ އަދި ސިޔާސީ މަގާމެއް އަދާކުރުމުގެ ފުރުސަތުން އިމްރާންޚާނު މަހުރޫމު ކުރުމަށް ޕާކިސްތާނުގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން ނިންމި ނިންމުން ކުށްވެރިކޮށް އިމްރާނުގެ ސަޕޯޓަރުން ޕާކިސްތާނުގެ ބޮޑެތި ސިޓީތަކުގައި ވަރުގަދަ މުޒާހަރާ ތަކެއް ފަށަފައިފިއެވެ.

އިމްރާންޚާންގެ ސަޕޯޓަރުން ބުނާގޮތުގައި އޭނާއާ ދެކޮޅަށް ނިންމުން އުވާލަންދެން އެމީހުން މުޒާހަރާތައް ކުރިޔަށްގެންދާނެއެވެ. އަނެއްކޮޅުން އިމްރާންޚާން ވަނީ އިންތިޚާބުތަކާބެހޭ ކޮމިޝަނުގެ މި ނިންމުމަކީ ޕާކިސްތާނުގައި ވެރިކަންކުރާ އެގައުމުގެ ބޮޑު ދެޕާޓީކަމަށްވާ ޕީޕީޕީ އާއި މުސްލިމް ލީގު ނަވާޒް ޕާޓީއަށް ރައްޔިތުންގެ ތާއީދު ނެތުމުން އެދެޕާޓީގެ ފިއްތުންތަކާ ގުޅިގެން ނިންމި ސިޔާސީ ނިންމުމެއްކަމަށް ސިފަކުރައްވައި މިނިންމުން ބާތިލުކޮށްދިނުމަށް އެދި ޕާކިސްތާނުގެ ހައިކޯޓަށް ހުށަހަޅަން ނިންމަވާފައެވެ.

އިމްރާން ޚާނަށް ރައްޔިތުންގެ ސަޕޯޓު އޮތްކަން އެނގޭ އެންމެ ބޮޑު ހެއްކަކީ މިދިޔަ ހަފްތާގައި ބޭއްވި ޕާލަމެންޓްގެ 7 ގޮނޑީގެ ބައި އިލެކްޝަންގައި ވެރިކަންކުރާ ބޮޑު ދެޕާޓީ އާ ވާދަކޮށް އިމްރާނުގެ ޕާޓީ އޭގެތެރެއިން ހަ ގޮނޑި ކާމިޔާބުކުރި ކުރުމެވެ. މީގެއިތުރުން ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުގެ ލޯކަލް ޕާލަމެންޓްގެ އިންތިޚާބުވެސް މިއަހަރުގެ ކުރީކޮޅު ކާމިޔާބުކޮށްފައިވަނީ އިމްރާނު ޚާނުގެ ޕާޓީއެވެ. މިއީ ޒަމާނުއްސުރެ މުސްލިމް ލީގު ނަވާޒް ޕާޓީން ކާމިޔާބު ކުރަމުން އަންނަ އިންތިޚާބެކެވެ.

އިމްރާން ޚާންގެ ދިފާއުގައި އާންމުން މުޒާހަރާ ކުރަނީ

މުސްލިމް ލީގު ނަވާޒް ޕާޓީއަކީ ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފުގެ ޕާޓީއެވެ. މިއަހަރުގެ ކުރީކޮޅު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ޚާނު ދުރުކުރީ ޕީޕީޕީ އާއި މުސްލިމް ލީގު ނަވާޒް ޕާޓީ ގުޅިގެން އަދި ޚުދު އިމްރާން ޚާނުގެ ޕާޓީގެ ބައެއް މެންބަރުންގެވެސް ތާއީދު އެކަމަށް ހޯދައިގެންނެވެ.

އިމްރާން ޚާނުގެ ޕާޓީގެ ބައެއް މެންބަރުން އޭނާއާ ދެކޮޅަށް ވޯޓު ދެއްވީ ފައިސާގެ ނުފޫޒާއި ރިޝްވަތުގެ ބާރުގައި ކަމަށް އިމްރާންޚާން ތުހުމަތު ކުރައްވައެވެ. މީގެއިތުރުން އިމްރާން ޚާން މަގާމުން ދުރުކުރުމުގައި އެމެރިކާއިން ޕާކިސްތާނުގެ އަސްކަރިއްޔާއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ނަތީޖާއެއްގެ ގޮތުން އަސްކަރިއްޔާވެސް އޭނާ ބޭރުކުރުމަށް ނުފޫޒު ހިންގިކަމަށް އިމްރާން ޚާން ވަނީ ތުހުމަތު ކުރައްވާފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއަކީ ސިޔާސީ މައިދާނަށް ވަރަށް ބޮޑަށް ބާރާއި ނުފޫޒު ހިންގާ މުއައްސަސާއެއްކަމަށް ޒަމާނުއްސުރެ ނަން މަޝްހޫރު މުއައްސަސާއެކެވެ. އިމްރާން ޚާން ސިޔާސީ މަސްރަހުން އެއްފަރާތް ކުރުމަށްޓަކައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް އޭނާ ޖަލަށް ލެވޭތޯވެސް ސަރުކާރުން ދާދިފަހުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ޕާކިސްތާނުގެ ޝަރުޢި ދާއިރާއިންވަނީ އެކަން ހުއްޓުވާފައެވެ.

އިމްރާން ޚާން ސިފަކުރައްވާ ގޮތުގައި ކުރިއަށްއޮތް ފަސްއަހަރު ޕާކިސްތާނުގައި ބާއްވާ އެއްވެސް އިންތިޚާބެއްގައި ވާދަ ކުރުމުގެ ފުރުސަތާ އަދި ސިޔާސީ އެއްވެސް މަގާމެއް އަދާކުރުމުގެ ފުރުސަތުން އިމްރާންޚާނު މަހުރޫމު ކުރުމަށް އެގައުމުގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން ނިންމި ނިންމަކީވެސް ސަރުކާރުގެ ނުފޫޒުން ނިންމި ނިންމުމެކެވެ. އެކިމިޝަނުން އެގޮތަށް ނިންމީ ބޮޑުަވަޒީރު ކަމުގައި އިމްރާން ޚާން ހުންނެވިއިރު ލިބިވަޑައިގެންނެވި ހަދިޔާތަކުގެ ތަފްސީލު އޭނާގެ ފަރާތުން ދައުލަތަށް ހާމަނުކުރާ ކަމަށް ބުނެފައެވެ.

މިނިންމުމާ ދެކޮޅަށް އިސްލާމް އާބާދާއި ފައިސަލް އާބާދާއި މުލްތާން އާއި ޕިޝާވަރާއި ކަރާޗީ އަދި ކުއެޓާއާއި ލާހޯރު އަދި ސިޔަލްކޯޓު ފަދަ އެތަށް ސިޓީއެއްގައި އެތަށް ހާސް ބަޔަކު ގެންދަނީ މުޒާހަރާކޮށް ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.