ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު، ފެބްރުއަރީ 7، 2011ގައި ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ދައުލަތާ ދެކޮޅަށް ހިންގި ކަންތައްތައް މިނިވަން މުއައްސަސާތަކުން ތަހުގީގު ކުރަމުންދާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިއަދު ނިންމައިފި އެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމެޓީގެ މުގައްރިރު ކުޅުދުއްދުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހު ހިންގައި ދިޔަ ކަންތައް ތަހުގީގު ކުރާ މުއައްސަސާތައް ކޮމެޓީ އަށް ހާޒިރު ކުރާނެ ކަމަށެވެ. އަދި އެ މުއައްސަސާތައް ކޮމެޓީ އަށް ހާޒިރު ކުރާނީ ވެރިކަން ބަދަލުވި ދުވަހު ހިނގައި ދިޔަ ކަންތައްތަކާ މެދު ޑީއާރްޕީ އާއި އެމްޑީޕީ އިން ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ ސަލާމަތީ ބާރުތަކުން ދިވެހި ރައްޔިތުންނަށް ކުރި އަނިޔާގެ މައްސަލަ ތަހުގީގު ކުރަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ކަމަށާއި ނަމަވެސް އެކަން ތަހުގީގު ކުރަމުންދާ ގޮތުގެ އެއްވެސް މައުލޫމާތެއް އަދި މިހާތަނަކަށް ނުލިބޭ ކަމަށެވެ. އެ މައްސަލާގައި އެޗްއާރުސީއެމުން ކޮމެޓީ އަށް ހާޒިރު ކުރުމަށް ހަމްޒާ ހުށަހެޅުއްވި އެވެ. ނަމަވެސް އެޗްއާރްސީއެމް ކޮމެޓީ އަށް ހާޒިރު ކުރުމަށް ވޯޓަކަށް އަހާފައެއް ނުވެ އެވެ.

"ކޮމިޝަނަރު ރިޔާޒް ވިދާޅު ވަނީ ފުލުހުން ކުރި އަނިޔާގެ ކަންތައްތައް ތިމަންނަ މެންނަކަށް ނުބެލޭނެއޭ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ބަލަނީ އެޗްއާރްސީއެމުން. އެ މީހުން އެކަން ބަލާ ގޮތް އެނގެން އެބަޖެހޭ. އަޅުގަނޑު ހުށަހަޅަން އެ މީހުން މިތަނަށް [ކޮމެޓީއަށް] ހާޒިރު ކުރުމަށް،" ހަމްޒާ ވިދާޅުވި އެވެ.

ވެރިކަން ބަދަލުވި މައްސަލަ ތަހުގީގު ކުރަމުންދާ ގޮތް ބަލަން ނިންމި ނަމަވެސް އިނދިކޮޅު މެންބަރުން އެކަމަށް ދެކޮޅު ހައްދަވަ އެވެ. ޑީއާރްޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ވިދާޅުވީ އާ މައްސަލައެއް ކޮމެޓީ އަށް ފެންމަތި ކުރުމުން ކޮމެޓީން ކުރިން ކުރަމުން އައި މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އެގޮތުން ހެއްކާ ބެހޭ ބިލު ދިރާސާ ކުރެވި އަދިވެސް ނުނިމިވާ ކަމަށް ވިސާމް ވިދާޅުވި އެވެ.

ވިސާން ދެއްކެވި ވާހަކަފުޅަށް ތާއިދު ކުރައްވަމުން ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ސިޔާސީ ބަހުސްތަކެއް ކުރި ނަމަވެސް ކޮމެޓީތަކުގައި އުފެއްދުން ތެރި މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި މިހާރު ކޮމެޓީގެ މަސައްކަތް އެނބުރިގެންދާ ގޮތުން އެތަން ނުފެންނަ ކަމަށް އޭނާ އިޝާރާތް ކުރެއްވެވި އެވެ.

އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ކޮމެޓީގެ މުގައްރިރު ނަޝީދު ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހުގެ މައްސަލާގައި ކޮމެޓީ އަށް ހާޒިރު ކުރާ މުއައްސަސާތަކާ ސުވާލު ކުރުމުގައި ކޮމެޓީން ކުރިން ބަލާފައިވާ މައްސަލަތަކަށް ވެސް ސުވާލު ކުރައްވާނެ ކަމަށެވެ.

މިއަދު ކޮމެޓީ ނަޝީދު ނިންމަވާލެއްވީ އަންނަ ހޯމަ ދުވަހު ބާއްވާ ބައްދަލުވުމުގައި ކޮމެޓީ އަށް ހާޒިރު ކުރާނެ މުއައްސަސާތަކާއި އެ މުއައްސަސާތަކާ ކުރާނެ ސުވާލުތަކުގެ ދާއިރާތަކުގެ މައުލޫމާތު ކޮމެޓީއާ ހިއްސާ ކުރެއްވުމުގެ ފުރުސަތު ދެއްވަމުންނެވެ.