23 Oct 2022, 17:45
އެޕަލްގެ އިންޑަސްޓްރިއަލް ޑިޒައިންގެ ނައިބު ރައީސް އިވާންސް ހެންކީ އެ ކުންފުނިން ވަކިވާން އުޅޭކަން އެޕަލްއިން ބުނެފިއެވެ.
އެޕަލްގެ ކުރީގެ ޑިޒައިން ޗީފް ޖޯނީ އައިވްގެ މަގާމާ ހެންކީ ހަވާލުވީ މީގެ ތިން އަހަރު ކުރިންނެވެ. އެޕަލްއިން ޖޯނީ ވަކިވެފައިވަނީ އޭނާގެ އަމިއްލަ ކުންފުންޏެއް ފަށަން ކަމަށް އޭރު އޭނާ ވަނީ ބުނެފައެވެ.
އެޕަލްގެ އިންޑަސްޓްރިއަލް ޑިޒައިންގެ ގިނަ މަސައްކަތްތަކުގެ ޒިންމާ ހެންކީ އުފުލާފައިވާއިރު، އެޕަލްގެ ތަފާތު އުފެއްދުންތަކުގެ ބައްޓަމުން ފެށިގެން ގިނަ އަދަދަކަށް އާ ހާޑްވެއާ އުފެއްދުމުގައި އޭނާ ބައިވެރިވެފައިވެއެވެ.
އެފަދަ މަސައްކަތްތަކަށް ފަހުވެސް، ކުރީގެ ޑިޒައިނަރު 'އައިވް' ފަދައިން ހެންކީ މަޝްހޫރު ވެފައި ނުވާކަން މީޑިއާގައި ވަނީ ފާހަގަކޮށްފައެވެ. އަދިވެސް އާ ޕްރޮޑަކްޓްތައް ތައާރަފް ކުރުމަށް ފަހު މީޑިއާގައި ގިނައިން ހަވާލާދެނީ ކުރީގެ ޑިޒައިނަރު އައިވްއަށް ނުވަތަ އެޕަލްގެ ޑިޒައިން ޓީމަށެވެ.
އެޕަލްގެ އެއްވެސް އުފެއްދުމެއް ފަރުމާކޮށްފައި ވަނީ ސީދާ ހެންކީ ކަމަށް އޭނާ ބުނެފައެއް ނުވެއެވެ.
އައިވްއަކީ އެޕަލްގެ ބާނީ ސްޓީވް ޖޮބްސްއާ ގާތް ގުޅުމެއް އޮތް މީހަކަށްވީއިރު، އެކި ކަންކަމުގައި އޭނާ ވަނީ ސީދާ އެޕަލްގެ މިހާރުގެ ސީއީއޯ ޓިމް ކުކްއަށް ޖަވާބުދާރީވެފައެވެ. އެކަމަކު ރަސްމީ މަސައްކަތްތަކުގައި އޭނާ ޖަވާބުދާރީ ވަނީ އެޕަލްގެ ސީއޯއޯ ޖެފް ވިލިއަމްސް އަށެވެ.
އެޕަލްގެ ސޮފްޓްވެއާގެ ފަރުމާކުރުންތަކާ ބެހޭ ކަންކަން ހެންކީ ބެލެހެއްޓި ކަމަށާއި، އެޕަލްގެ ސޮފްޓްވެއާ އުފެއްދުމުގެ ދާއިރާގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެލަން ޑައިއާ އެކުވެސް ހެންކީ މަސައްކަތް ކުރި ކަމަށް މިޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރި ބްލޫމްބާގް ނޫހުން ބުނެއެވެ.
ބްލޫމްބާގް ނޫހުން ބުނާ ގޮތުގައި ހެންކީގެ ބަދަލުގައި އެމަގާމަށް ގެންނާނެ މީހެއްގެ ނަމެއް އެޕަލްއިން އަދި ހާމަނުކުރެއެވެ. ނަމަވެސް އެ ކުންފުނިން ސީއެންބީސީއަށް ދިން ބަޔާނެއްގައި ބުނީ އެމަގާމަށް މީހަކު ހަމަޖެހެންދެން ހެންކީ މަސައްކަތުގައި ހުންނާނެ ކަމަށެވެ.
އެޕަލްގެ ޑިޒައިން ޓީމުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެފަދަ ޑިޒައިނަރުންނަށް ގޮންޖަހާލެވޭފަދަ ކުޅާދާނަ ރީތި އުފެއްދުންތައް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެޓީމްގައި ތަޖުރިބާކާރު އުފެއްދުންތެރި އެތައްބަޔަކު ހިމެނޭއިރު، އެ އުފެއްދުންތައް ދުނިޔޭގެ ފެންވަރުގައި ގިނަބަޔަކު ބަލައިގަންނަނީ އެއް ނަމްބަރު އުފެއްދުމުގެ ގޮތުގައެވެ. އެޕަލްގެ ސީނިއާ ޑިޒައިން ޓީމުގައި ދިހަ ވަރަކަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ވަރުގަދަ ލީޑަރުން އެބަތިއްބެވެ.
"ޑިޒައިނަރު އިވާންސް ހެންކީ ނިންމާފައި ވަނީ ކުންފުންޏަށް ގެއްލުން ނުވާނެހެން އެމަގާމަށް މީހަކު ހަމަޖެހެންދެން މަސައްކަތުގައި ދެމިހުރުމަށް ކަމަށްވާތީ އޭނާއަށް ޝުކުރު އަދާކުރަން،" އެޕަލްގެ އިސް މަންދޫބަކު ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެޕަލްގެ އެންމެ ވަރުގަދަ އެއް ޑިޒައިނަރު މަގާމުން އިސްތިއުފާ ދޭން އުޅޭ މިދަނޑިވަޅުގައި އެކުންފުނީގެ ހިއްސާގެ އަގު ވަނީ 2.71 ޕަސެންޓް އިތުރުވެފައެވެ.