22 Oct 2022, 10:17
ހދ. ނާގޯށީގައި ތަރައްގީ ކުރާ ރިސޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ދެއްވައިފިއެވެ.
މިނިސްޓަރު އެ ޔަގީންކަން ދެއްވާފައިވަނީ ހދ. އަތޮޅަށް ކުރައްވަމުންދާ ދަތުތުރުފުޅުގައި ނެއްލައިދޫއަށް ވަޑައިގަތުމުން ތަފާތު ގޮތަކަށް އެރަށު ރައްޔިތުން މިނިސްޓަރަށް މަރުހަބާ ކިޔާފައިވަނިކޮށެވެ.
އެގޮތުން އެ އަތޮޅުގައި ރިސޯޓެއް ނެތުމަކީ އެ އަތޮޅުގެ ބޮޑު ކަންބޮޑުވުމަކަށްވާއިރު އެ ކަންބޮޑުވުން ދައްކުވައިދިނުމަށް އެ ރަށުގެ ރައްޔިތުން ވަނީ ރިސޯޓެއް ސިފަވާ ގޮތަށް ބަނދަރުމަތީގައި ތަކެތި ބަހައްޓަައި، މިނިސްޓަރަށް މަރުހަބާ ކިޔާފައެވެ.
އެ ރަށުގެ ރައްޔިތުން ދައްކުވައިދިން 'ރިސޯޓު'ގެ ބީޗް ގޮނޑިތަކުން ގޮނޑިއެއްގައި އިށީންދެވަޑައިން މިނިސްޓަރު ވަނީ އެ އިހުތިޖާޖުގެ ބައިވެރިންނާ ވާހަކަފުޅުދައްކަވައި، އެ މީހުންގެ ކަންބޮޑުވުން އަޑުއައްސަވާފައެވެ. އަދި އެއަށްފަހު އެ ރަށު ކައުންސިލާ މިނިސްޓަރު ވަނީ ބައްދަލު ކުރައްވާފައެވެ.

ނެއްލައިދޫ ރައްޔިތުން މިނިސްޓަރު މައުސޫމަށް މަރުހަބާ ކިޔަން ބަނދަރުގައި ހެދި 'ރިސޯޓް'ގައި މިނިސްޓަރު މައުސޫމް އަދި މެންބަރު ޒިޔާދު--- ފޮޓޯ/ މުޙައްމަދު ޝާކިރު، ފޭސްބުކް
އެ ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ޑރ. މައުސޫމް "ސަން"އަށް މިއަދު ވިދާޅުވީ މިހާރު ތައްޔާރު ވަމުންދަނީ އެ މަޝްރޫއު މޮބިލައިޒް ކުރުމަށެވެ.
"ނާގޮށީގައި ވެސް ޕްރޮޖެކްޓް މޮބިލައިޒޭޝަންގެ ހުއްދަތަކާ ހިސާބަށް އައިސްފަ ހުރި ވާހަކައާ އެއްޗިހި [ކައުންސިލަށް] ކިޔައިދިނިން. ދެން އޭގެ ޓައިމްލައިނާ އެއްޗިހި ވެސް ކިޔައިދިން. އަޅުގަނޑުމެން ބޮޑަށް މި ގެންގުޅޭ ޕޮލިސީ އަކީ ތާށިވެ ރައްޔިތުންނަށް މާބޮޑެތި ތާރީޚްތަކެއް ދީފަ މަސައްކަތް ކުރުމަށްވުރެ ބޮޑަށް އެ މަސައްކަތުން ފިކުރުބޮޑުވުމަށް ތަސައްލީއެއް ހޯދައިދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.
ދުބާއީ ކުންފުންޏެއް ކަމުގައިވާ ރޯ ގަލަދާ އާ ހަވާލު ކޮށްގެން ކުރުމަށް ނިންމާފައިވާ އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފެށޭނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ވެސް ވަނީ ބުނެފައެެވެ. އެމްޓީޑީސީން ބުނީ އެ މަސައްކަތް 2024 ވަނަ އަހަރުގެ ތެރޭގައި ނިމި، އެ އަހަރުގައި ރިސޯޓު ވެސް ހުޅުވިގެންދާނެ ކަމަށެވެ.

ހދ. ނާގޯށި ތަރައްގީކުރުމަށް އެމްޓީޑީސީއާ އަލުން ހަވާލުކުރުން -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ
ތިން އަހަރު ތެރޭގައި ނާގޯށީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް އެ ރަށް އޮޕަރޭޝަނަށް ގެންދިޔުމަށް އެމްޓީޑީސީއާ ހަވާލު ކުރީ މިދިޔަ 2020 ވަނަ އަހަރުގައެވެ.
ނާގޯށިި ތަރައްގީކުރަން އެކި ފަހަރު މަތިން އެމްޓީޑީސީއާ ހަވާލު ކުރިނަމަވެސް އެ ކުންފުނިން އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެ ރަށް ހަދަން ދިން މުއްދަތުގައި ރަށް ހަދައި އޮޕަރޭޝަނަށް ގެނެސްފައި ނުވާތީ އެމްޓީޑީސީ އިން ރަށް ނެެގުމަށްފަހު އިންވެސްޓަރަކަށް ދޭންވެސް މީގެ ކުރިން ސަރުކާރުން ނިންމިއެވެ.
ނަމަވެސް ފަހުން އަނެއްކާވެސް އެރަށް 50 އަހަރަށް އެމްޓީޑީސީއަށް ދިނެއެވެ. ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462.6 މިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާ ނާގޯށީގެ މަސައްކަތް ނުނިމި ލަސްވުމުން އެމްޓީޑީސީއާއެކު ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރިއެވެ. އަދި އަލުން އެ ރަށް ސަރުކާރުން އެ ކުންފުންޏާ 50 އަހަރަށް ހަވާލުކުރީ 2017 ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު އެމްޓީޑީސީ އިން ވަނީ ރަނގަޅު އަގެއް ހުށަހަޅާ އިންވެސްޓަރަކަށް ރަށް ވިއްކާލަން ވެސް ނިންމައިފައެވެ.
އެޓާނީ ޖެނެރަލްގެ ލަފަޔާ އެއްގޮތަށް ކުރީގެ އެގްރިމެންޓު ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން އެމްޓީޑީސީއާއެކު 2020 ވަނަ އަހަރު ސޮއިކުރި އާ އެއްބަސްވުމުގެ ދަށުން އެމްޓީޑީސީއަށް ނާގޯށި ދިނީ އަނެއްކާވެސް 50 އަހަރަށެވެ. އެއްބަސްވުމުގައި ބުނާގޮތުން 36 މަސްތެރޭ ރަށް ހަދައި އޮޕަރޭޓުކުރަން ފަށަން ޖެހެއެވެ.