24 Oct 2022, 08:38
ޓެކްނޮލޮޖީއާއި އިންޓަނެޓަށް ބަރޯސާވެފައިވާ މިޒަމާނުގައި ސޯޝަލް މީޑިއާގެ ދައުރުވެސް އަންނަނީ ވަރަށް ފުޅާވަމުންނެވެ. ޚާއްސަކޮށް ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުގެ އަޑު ގަދަވަމުން މި އަންނަނީ ހީވެސް ނުކުރާހާ ހަލުވި މިނެއްގައެވެ. އެފަދަ ޕްލެޓްފޯމްތަކުގެ ޒަރީއާއިން ދިރިއުޅުމުގެ ވައްޓަފާޅިއަށާއި، އާދަކާދައަށް އަދި ދޭދޭ ފަރުދުންގެ ގުޅުމަށްވެސް ކުރާ އަސަރުތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެއީ ހަމައެކަނީ ގޯސް ނުވަތަ ނުރަނގަޅު އަސަރުތަކެކޭވެސް ނުބުނެވޭނެއެވެ. މަދުން ނަމަވެސް ބޭނުންތެރި މައުލޫމާތު ތަކާއި، އަގުކުރުންތައް ފޭސްބުކާއި ޓްވިޓާ ފަދަ މީސްމީޑިއާގެ ވަސީލަތްތަކުން ލިބެމުންދާ ކަމީވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
ޒަމާން ބަދަލުވަމުން ގޮސް މީސްމީޑިއާގެ ވަސީލަތްތަކުން މިއަދު ފެންނަނީ އެންމެ ދެކެން ބޭނުންވާ މަންޒަރުތަކާއި އަޑުތައް ނޫންކަމަށް ގަބޫލުކުރާ މީހުންވެސް މިހާރަކު މަދެއްނޫނެވެ. އެގޮތުން ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުން އިތުރުވުމުން ޓްވިޓާއާއި، ފޭސްބުކާއި އެނޫންވެސް ބައެއް ޕްލެޓްފޯމްތަކުގެ ޒަރީއާއިން އޮންލައިންކޮށް މީހުންނާ ގުޅި، އެކި ކަންކަމުގައި ރަނގަޅު މަޝްވަރާތައް ކުރުމުން ލިބެމުންދިޔަ އުފާވެރިކަމާއި ހިތްހަމަޖެހުން މިއަދު ގެއްލިފައިވާ ކަމަށް އެފަދަ ފަރާތްތަކުން ގަބޫލުކުރެއެވެ. އެހެންކަމުން އެފަދަ މާހައުލެއްގެ ތެރޭގައި، ކޮންމެކޮންމެ މީހަކު އަބަދު ހުންނާން ބޭނުން ނުވެދާނެއެވެ. ބްރޭކެއް ނެގުމަށް ފަހު ދުވަސްކޮޅަކަށް މީޑިއާއާ ދުރަށް ޖެހިލަން ބޭނުންވާ ފަރާތްތައްވެސް މިހާރު ތިބޭނެއެވެ.
ޓްވިޓާއިން ބްރޭކެއް ނަގާނެ އެއް ގޮތަކީ ޓްވިޓާ އެކައުންޓް ދާއިމީކޮށް ޑިލީޓް ކުރުމެވެ. ނަމަވެސް އެކަމުގައި ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. އެމީހަކު ބޭނުންވިޔަސް ސީދާ ޓްވިޓާ އެކައުންޓް ވަގުތުން ޑިލީޓް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި ފުރަތަމަ ޖެހޭނީ އެކައުންޓް ޑީއެކްޓިވޭޓް ކުރާށެވެ. އެކައުންޓް ޑިއެކްޓިވޭޓް ކޮށްލާތާ 30 ދުވަހުގެ ތެރޭގައި އެކައުންޓް ރީއެކްޓިވޭޓް ނުކޮށްފިނަމަ ޓްވިޓާއިން އޮޓޮމެޓިކުން އެކައުންޓް ދާއިމީކޮށް ޑިލީޓް ކުރާނެއެވެ. އެއަށްފަހު އެމީހެއްގެ ޔޫޒާނޭމްއަކާ އެމީހެއްގެ އެކައުންޓާ އެއްވެސް ގުޅުމެއް ނޯންނާނެއެވެ. އޭގެ މާނައަކީ އެ އެކައުންޓަށް ދެން ނުވަދެވޭނެއެވެ. އަދި ޓްވިޓާ ޑޮޓްކޮމް އާއި ޓްވިޓާގެ އައިއޯއެސް އާއި އެންޑްރޮއިޑް އެޕުން ވެސް އެ ޕްރޮފައިލް ދެން ނުފެންނާނެއެވެ.
ތިރީސް ދުވަހުގެ މުއްދަތު ހަމަވުމުން، ޔޫޒަރުންނަށް އެމީހުންގެ ކުރީގެ ޓްވީޓްތަކާއި އެކައުންޓްތަކުގެ އެއްވެސް މައުލޫމާތެއް ހޯދޭނެ ގޮތެއް ނޯންނާނެއެވެ. ކުރީގެ އެކައުންޓްތައް އަލުން އެކްޓިވޭޓްވެސް ނުކުރެވޭނެއެވެ.
ޓްވިޓާ އެކައުންޓް ޑިލީޓް ކުރުމުންވެސް ގޫގުލް ނުވަތަ ބިންގް ފަދަ ސާޗް އިންޖީންތަކުން އެ މީހެއްގެ މައުލޫމާތު ޑިލީޓް ނުވާނެކަމެވެ. ޓްވިޓާއިން ބުނާ ގޮތުގައި "އެ ކުންފުނީގެ ޕްލެޓްފޯމާއި ޓްވިޓާ ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޑިއެކްޓިވޭޓް ކުރާ އެކައުންޓުތަކުގައި ހުންނަ ބައެއް މައުލޫމާތުތައް ޓްއިޓާއިން ރައްކާކޮށްފާނެ" އެވެ.
ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓް ކުރާނެ ގޮތް
1. ޕީސީއިން ނުވަތަ ފޯނުން ޓްވިޓާ ހުޅުވާލާށެވެ.
2. "މޯ" އައިކޮން އަށް ކްލިކްކޮށްލުމަށް ފަހު ޑްރޮޕް ޑައުން މެނޫއިން ސެޓިންސް އެންޑް ޕްރައިވެސީ އޮޕްޝަންއަށް ކްލިކް ކުރާށެވެ.
3. "ޔުއާ އެކައުންޓް" ޓެބުން "ޑިއެކްޓިވޭޓް ޔުއާ އެކައުންޓް" އޮޕްޝަނަށް ފިތާލާށެވެ.
4. އެކައުންޓް ޑިއެކްޓިވޭޓް ކުރުމާ ބެހޭ މައުލޫމާތު ކިޔައިލުމަށްފަހު ޑިއެކްޓިވޭޓްއަށް ފިތާލާށެވެ.
5. އެންމެ ފަހުން ޕާސްވޯޑް ޖަހަން އެރުމުން ޕާސްވޯޑް ޖަހައި، ޑީއެކްޓިވޭޓް އެކައުންޓް ބަޓަންއަށް ފިތާލާށެވެ.
ޓްވިޓާ އެކައުންޓް އަލުން އެކްޓިވޭޓް ކުރާނެ ގޮތް
1. ޕީސީއިން ނުވަތަ ފޯނުން ޓްވިޓާ ހުޅުވާލާށެވެ.
2. ލޮގިން މައުލޫމަތުތައް ލިޔެލާށެވެ.
3. ސައިން އިން ކުރުމުގެ ކުރިން އެކައުންޓް އަލުން އެކްޓިވޭޓް ކުރަން ބޭނުންތޯ ކޮންފާމް ކުރުމަށް އެދި ނޯޓިސްއެއް އަރާނެއެވެ. އެ ކޮންފާމް ބަޓަންއަށް ފިތާލުމުން އެކައުންޓް އަލުން އެކްޓިވޭޓް ކުރެވޭނެއެވެ.