ދަ އައިލެންޑް ޕްރެސިޑެންޓް" އެމެރިކާގައި ޕްރިމިޔާ ކުރުމަށް ބޭއްވި ހަފުލާގައި ބައިވެރިވެވަޑައި ގަތުމަށް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މާލެ ވަޑައިގެންފި އެވެ.

ނަޝީދު އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ އެންމެ ސީނިއާ ޕޮލިޓީޝަނަކާ ބައްދަލު ކުރެއްވީ އެސިސްޓެންޓްސް ސެކްރަޓަރީ އޮފް ސްޓޭޓް ވެންޑިޝް ޝެއާމަންއާ އެވެ.

ޖީއެމްއާރު، އިބްރާހީމް ނާސިރު އިންނަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ވެންޑިޝް ޝެއާމަން އަރިހު ރާއްޖޭގެ ސިޔާސީ މަޝްރަހަށް "ފިނިކަމެއް" ގެނެވޭނީ އަވަސް އިންތިހާބެއް ބާއްވައިގެން ކަމަށް ދަންނަވާފައިވާނެ ކަމަށާއި އަދި އެ ބޭފުޅުން ވެސް އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އަދި ގުޅިފައިވާ ސަރުކާރެއް ބޭއްވުމަކީ ބޭނުންތެރި ކަމެއްގެ ކަމަށް އެމެރިކާ އިން މީގެ ކުރިން ބުނެފައިވާތީ ގުޅިފައިފައިވާ ސަރުކާރެއް ބޭއްވިދާނެ ކަމަށް އެމަނިކުފާނު ދެކިވަޑައިނުގަންނަވާކަން އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓަށް ދަންނަވާފައި ވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް ]އެމެރިކާ އަށް[ އެންމެ ފުރަތަމަ ދެކުނީ ގުޅިފައިވާ ސަރުކާރެއް އުފެދެއްވުމަކީ މުހިންމު ކަމެއްގެ ގޮތުގައި. އެހެން ނަމަވެސް އޭރުގައި އަޅުގަނޑުމެނަށް އެކަން އެ ގޮތަށް ކުރައްވަން ނުފެނުނު. އަޅުގަނޑުމެން އަބަދުވެސް ބުނަމުން އައީ އިންތިހާބެއް ބޭއްވުމަށް. މިހާރު ވެސް އެދެމުން ދަނީ އިންތިހާބެއް ބޭއްވުމަށް. ގުޅިފައިވާ ސަރުކާރެއް މި ރާއްޖޭގައި މި ވަގުތު ބޭއްވި ދާނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އަދި އަޅުގަނޑުމެން ތަރައްގީ ކުރަން އުޅޭ ސިޔާސީ ނިޒާމަށް ބަލާ އިރު ވެސް އެއީ ބުއްދި ވެރިކަމެއް ކަމަށް ނުދެކެން. އަޅުގަނޑުމެން އެކަންކަން އެ ބޭފުޅަށް ފާހަގަކޮށް ދިނިން." ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި އަވަސް އިންތިހާބެއް ބޭއްވުމަށް ކުރާ މަސައްކަތުގައި ސްޓޭޓް ޑިޕާންޓްމަންޓް ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން މި ދަތުރުފުޅަށް ފަހު ލިބިވަޑައިގެންފި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި އެމެރިކާ އިން މިހާރު ސަރުކާރު ބަލައިގެންފައިވީ ނަމަވެސް އަވަސް އިންތިހާބަކަށް ދިއުމަށް އެމްޑީޕީ އިން ކުރާ މަސައްތަކާ ދެކޮޅު ހައްދަވަނީ ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.