އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތަށް މެޗަށް އަރަން ރޮނާލްޑޯ ބޭނުންނުވިކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

ޓެން ހާގް މީޑިއާތަކާ ވާހަކަދައްކަމުން ބުނީ އޭނާ އަކީ ޔުނައިޓެޑްގެ ކޯޗު ކަމަށާއި، އޭނާގެ ނިންމުންތަކަށް ކުޅުންތެރިން ތަބާވާން ޖެހޭނެކަމަށެވެ.

އެ މެޗުގައި ރޮނާލްޑޯއަށް ފުރުސަތު ނުލިބުމުން އޭނާ ވަނީ މެޗުގެ 89 ވަނަ މިނެޓުގައި ދަނޑުން ނިކުމުގެން ގޮސްފައެވެ.

އެ މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ޓެން ހާގް ބުނީ ރޮނާލްޑޯ ދަނޑުން ނިކުމެގެން ދިޔަތަން އޭނާއަށް ފެނުނުކަމަށާއި، އޭނާ ދަނޑުން ނިކުމެގެން ދިޔައީ ކީއްވެކަމެއް ނޭނގޭކަމަށެވެ.

ރޮނާލްޑޯ އެގޮތަށް އަމަލުކުރުމުން ޓެން ހާގް ވަނީ ދެން ޔުނައިޓެޑު ޕްރިމިއާ ލީގުގައި ކުޅޭ މެޗުގެ ސްކޮޑަށް އޭނާ ނުނަގަން ނިންމާފައެވެ. އެ މެޗުގައި ޔުނައިޓެޑް ބައްދަލުކުރާނީ ޗެލްސީއާ ދެކޮޅަށެވެ.

އެ މެޗުގައި ރޮނާލްޑޯ ސްކޮޑަށް ނުނެގުމަކީ ޓީމަށް ވާނެ ގެއްލުކަމަށް ވީ ނަމަވެސް އެގޮތަށް އަމަލުކުރާ ކުޅުންތެރިންނަށް އަދަބު ދޭންޖެހޭނެކަމަށް ޓެން ހާގް ބުންޏެވެ.

ރޮނާލްޑޯ ސްކޮޑުން ބޭރުކުރުމުން އޭނާ ބުނީ މިވަގުތު އޭނާ ފުޓުބޯޅަ ކެރިއަރުގައި ކުރިއަށް ގޮސް އޭނާގެ ޓީމަށް އެހީތެރިވެދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ.

"ޓީމަށް ޕްރެޝާ ދިނުމަކީ އޮޕްޝަން އެއް ނޫން. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޓީމަށް ޕްރެޝާ ދިނުމަކީ ކޮށްގެން ވާނެކަމެއް ނޫން،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ ދެން އޮތް މެޗުތަކުން އޭނާ މިއަށްވުރެ ވަރުގަދަކޮށް ފެންނާނެކަމަށެވެ.