21 Oct 2022, 21:27
ރާއްޖޭގެ ރަށްރަށުގައި ރީބްރޯޑްކާސްޓް ކުރާ ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވާގޮތަށާއި ވާދަވެރި ވިޔަފާރި މާހައުލު ނެތިގެންދާ ގޮތަށް ބައެއް ފަރާތްތަކުން އަމަލު ކުރަމުންދާ ކަމަށް ބުނެ، އެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.
ރީބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ އޭދަފުށީ ކޭބަލް ނެޓްވާކްއިން ބުނީ މި ސަރުކާރުން ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، މެދު ފަންތީގެ ފެންވަރުގައި ކުރަމުންދާ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.
ނަމަވެސް ބައެއް ކުންފުނިތަކުން ރީބްރޯޑްކާސްޓް ކުރާ ކުދި ވިޔަފާރިތަކުގެ ވާދަވެރިކަމަށް ހުރަސް އެޅޭގޮތަށް ހިންގަމުންދާ ވިޔަފާރީގެ ހަރަކާތްތައް މަޖިލީހުގެ ސަމާލު ކަމަށް ގެންނަން ޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ސިޓީގައި ވަނީ ބްރޯޑްކޮމްއިން ރީބްރޯޑްކާސްޓިންގެ ގަވާއިދަށް ގެނައި ބައެއް އިސްލާހުތަކުގެ ސަބަބުން މަޖިލީހުގެ ގަވާއިދު ކޮމިޓީން މައްސަލަ ބަލަމުންދާއިރު އެ މައްސަލައާ ގުޅުންހުރި އެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކުގެ ޝަކުވާތަކަށް ވެސް ހައްލެއް ލިބޭނެ ގޮތަށް މައްސަލަ ދިރާސާ ކޮށް ނިންމުމަށް އެދޭ ކަމަށެވެ.
އޭދަފުށީ ކޭބަލް ނެޓްވާކްއިން ބުނީ ރީބްރޯޑްކާސްޓިން ސިނާއަތުގެ ވާދަވެރިކަން ގެއްލި އެއް ކުންފުންޏެއްގެ ބާރުގެ ދަށަށް މުޅި ސިނާއަތް ދިޔުމުގެ ބިރު މިއަދު އެބައޮތް ކަމަށެވެ.
"އެއް ކުންފުނީގެ ސަބަބުން ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް އަތޮޅުތެރޭގައި އެކިއެކި ރަށްރަށުގައި ފޯރުކޮށްދިނުމުގެ ޚިދުމަތް މިހާތަނަށް ދެމުންއައި އެރަށްރަށުގެ ކުންފުނިތަކަށް ވާދަ ނުކުރެވޭފަދަ ގޮތަކަށް މުޅި ސިނާއަތުގެ ވާދަވެރިކަން އެކީ ގެއްލިފައިވެއެވެ. އެކަމާ ގުޅިގެން އެ ޚިދުމަތްދޭ ކުދި ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ 100 އަށް ވުރެ ގިނަ ކޭބަލް އޮޕަރޭޓަރުން ވަނީ ސަރުކާރަށް ހުށަހަޅާފައެވެ." އޭދާފުށީ ކޭބަލް ނެޓްވާކް އިން ފޮނުވި ސިޓީގައިވެއެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރު ރީބްރޯޑްކާސްޓް ކުރާ ކުދި ވިޔަފާރިވެރިން ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ވެސް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ވެސް އެއް ކުންފުނީގެ ސަބަބުން އެހެން، ކުދި ވިޔަފާރިތަކަށް ގެއްލުންވާ ކަން ފާހަގަ ކޮށް، އެކަމަށް ހައްލެއް ގެނެސްދިނުމަށް ވަނީ އެދިފައެވެ.
ރައީސަށް ފޮނުވި ސިޓީގައި ބުނީ ރީބްރޯޑްކާސްޓިން ވިޔަފާރިތަކުން މިއަދާ ހަމައަށް ވެސް ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަނީ މީޑިއާނެޓާއެކު ވެފައިވާ ޕާޓްނާޝިޕް އެއްބަސްވުންތަކެއްގެ ދަށުން ދެ ފަރާތަށް މަންފާވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން ރަށްރަށުގައި އަމިއްލައަށް އިންވެސްޓް ކޮށްގެން ގާއިމު ކޮށްފައިވާ ކޭބަލް ނެޓްވާކްތައް މެދުވެރިކޮށް ދުނިޔޭގެ ބޮޑެތި ޗެނަލްތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން ދަނީ އެއިން އެއްވެސް ޗެނަލެއް ދެއްކުމުގެ ގޮތުން ޗެނަލް ލައިސަންސް ފީއެއް ދެއްކުމަކާ ނުލައި މީޑިއާނެޓް މެދުވެރިވެގެން ކަމަށް އެ ވިޔަފާރިތަކުން ފާހަގަކުރިއެވެ. އަދި އެކަން ކުރަނީ އިތުރު އެއްވެސް އަގަކާ ނުލައިކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެ ސިޓީގައި ބުނީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑު ކުންފުންޏަކުން ކޭބަލް ޓީވީގެ ޚިދުމަތް އިންޓަނެޓް މެދުވެރިކޮށް ދޭން ފެށުން ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެފައި ވަނީ މުޅި ސިނާއަތުގެ ވާދަވެރިކަން އެކީ އެކަށް ގެއްލި މުޅި ސިނާއަތް އެ ކުންފުނީގެ މުށުތެރެއަށް ލެވިގެން ދިޔުން ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.
ރާއްޖެއިން ބޭރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރީބްރޯޑްކާސްޓް ނުކުރެވޭ ގޮތަށް ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އިސްލާހެއް ގެނެސްފައެެވެ. އެ އިސްލާހުތަކާ ގުޅޭގޮތުން ކަމާ ގުޅުން ހުރި ބޮޑެތި ކުންފުނިތަކާ ބައްދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ވަނީ ނިންމާފައެވެ.