21 Oct 2022, 13:20
އިސްލާމް ދީނުގެ ތަނބު ކަމުގައިވާ ނަމާދު، ގާއިމް ކޮށްފި މީހާ ދީން ގާއިމް ކޮށްފި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ނަމާދަކީ ދީނުގެ ތަނބެވެ،" މި މައުޞޫއަށް މިއަދު ކީ ހުކުރު ޚުތުބާގައި ބުނީ، އީމާންކަމުގެ ރިވެތި ހެއްކެއް ކަމުގައާއި، އާޚިރަތުގައި، މުއުމިނާގެ ނޫރު ކަމުގައި ނަމާދު ލެއްވިކަމަށެވެ. އަދި ނަމާދު ދޫކޮށްލައިފި މީހާ ދީން މުގުރާލައިފި ކަމަށެވެ.
"ފަރުޞު ފަސް ނަމާދާ ބެހޭގޮތުން ވާރިދުވެގެން އައިސްފައިވާ އަޘަރުތައް ގިނަ މީހުނަށް ރަނގަޅަކަށް ނޭންގެއެވެ. ނަމާދުގެ ޤަދަރާއި، ހުކުމްތަކާއި، ހިކުމަތްތަކާއި ދޭންޖެހޭ ސަމާލުކަމާމެދު ގިނަ މީހުން ވަނީ ޣާފިލްވެފައެވެ،" ޚުތުބާގައި ބުންނެވެ.
ނަމާދަކީ ހިތަށް ހަމަޖެހުން ގެނުވައިދޭ އަޅުކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ރަސޫލާ ކަންބޮޑުވެ ވަޑައިގަންނަވާ ކޮންމެ ފަހަރެއްގައިމެ، ނަމާދު ކުރެއްވުމަށް އަވަސްވެ ވަޑައިގަންނަވާކަމަށް ވާރިދުވެފައިވާ ކަމަށެވެ.
ނަމާދަކީ ރަށުގައި ގާއިމްވެ ހުންނަ މީހާގެ މައްޗަށާއި، ދަތުރުވެރިޔާގެ މައްޗަށާއި، ބަލިމަޑުކަމުގެ ހާލަތުގައިވާ މީހާގެ މައްޗަށް ވެސް ފަރުޞުކުރައްވާފައިވާ އަޅުކަމެކެވެ. އަދި ހަނގުރާމާގެ ހާލަތްތަކުގަ އާއި ބިރުވެރިކަމުގެ ހާލަތްތަކުގައި ވެސް ނަމާދުކުރުމަށް ވަނީ އަންގަވާފައެވެ.
"ކޮޅަށް ހުންނަވައިގެން ނަމާދު ކުރައްވާށެވެ! އެކަމަށް ކުޅަދާނަފުުޅުވެގެން ނުވާނަމަ، އޮށޯވެ އޮންނަވައިގެން ނަމާދު ކުރައްވާށެވެ،" ކީރިތި ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ.
އިދާރާތަކުން ހިންގާ އެކިއެކި ހަރަކާތްތައް އިންތިޒާމު ކުރުމުގައި ނަމާދު ވަގުތައް ފަރުވާތެރިވެ، އެ ހަރަކާތުގެ ބައިވެރިންނަށް ނަމާދު ކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ޚުތުބާގައި ގޮވާލިއެވެ. އަދި ބަންގި ގޮވާ، ނަމާދު ކުރާ ވަގުތު، ނަމާދު ނުކޮށް ކުޅިވަރާ އެހެން ހަރަކާތްތަކުގައި ދަރީން ގެންގުޅުމަކީ އެކުދިންގެ ތަރުބިއްޔަތަށް ނުބައި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
"މިއަދުގެ ޒުވާނުން ދުވަހެއް ދުވަހަކަށް ނަމާދާ ދުރުހެލިވަމުންދާކަން ފާހަގަކުރެވޭކަމީ ހިތާމަހުރި ކަމެކެވެ،" ޚުތުބާގައި ބުންޏެވެ.