ރޮބަޓް ލެވަނޑޮސްކީގެ ފުޓްބޯޅަ ކެރިއަރުގައި ޖެހި 600 ވަނަ ލަނޑާއެކު ވިޔަރެއާލް އަތުން ބާސެލޯނާ މޮޅުވެއްޖެއެވެ.

ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުނު މިމެޗު ވިޔަރެއާލްގެ މައްޗަށް ބާސާ ކުރިހޯދީ 0-3 ކުންނެވެ. މެޗުގައި ބާސާއަށް ގޯލް ހުޅުވާލަދިނީ 31 ވަނަ މިނެޓްތެރޭގައި ރޮބަޓް ލެވަނޑޮސްކީއެވެ. އޭގެ ތިން މިނެޓް ފަހުން އިތުރު ލަނޑެއް ޖަހައި ލެވަނޑޮސްކީ ވަނީ ކެރިއަރުގައި އޭނާ ޖެހި ގޯލުގެ އަދަދު 600 ހަމަކޮށްފައެވެ.

މި ލަނޑާއެކު ލެވަނޑޮސްކީ ހިމެނިފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި މެސީއަށްފަހު މި ޤަރުނުގައި 600 ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓްގައެވެ.

މެޗުގައި ފެނިގެންދިޔަ ބާސެލޯނާގެ އެންމެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ 38 ވަނަ މިނެޓް ތެރޭގައި އަންސޫ ފަޓީއެވެ.

މެޗަށް ފަހު ލަލީގާ ޕޮއިންޓް ތާވަލްގެ މިހާރު އޮތްގޮތަށް ބަލާއިރު 28 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އުޅެނީ ރެއާލް މެޑްރިޑެވެ. ދެވަނައިގައި އުޅޭ ބާސެލޯނާއަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. ވިޔަރެއާލް އުޅެނީ 15 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައިގައެވެ.