04 Apr 2012, 12:29
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފޮނުއްވި ދެ ބޭފުޅެއްގެ ނަންފުޅު ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ކޮމެޓީ އަށް ފޮނުއްވީ، ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ހަމަޖެއްސުމަށް ރައީސް ފޮނުއްވި، ހ. ކާނޭޝަންވިލާ މުހައްމަދު ރަޝީދާއި ސްރީލަންކާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު، މ. ކަލީ ހުސެއިން ޝިހާބު ސްރީލަންކާގައި ހުންނަވާ ސަފީރުގެ އިތުރުން ފިލިޕީންސަށާއި އޮސްޓްރޭލިޔާ އަށް ކަނޑައަޅައި ރާއްޖޭގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް ހަމަ ޖެއްސުމަށް މަޖިލީހުގެ ރުހުން ހޯދުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބޭފުޅުން ސަފީރުކަމަށް ހަމަޖެއްސެވުމަށް، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު އަމީން އާއްމު މަޖިލީހަށް އިއްވެވުމުން ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވީ އެ ނަން ފުޅުތައް ދިރާސާކުރުމަށް ޓަކައި ކުރިން ކަން ކުރެވިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުއްވީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެން ކުރިއަށް ގެންގޮސްފައި ވަނީ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ހުށަހަޅުއްވާފައިވާ މެޑިކަލް ޑިވައިސަސްއާ ބެހޭ ބިލުގެ ބަހުސެވެ. ނަމަވެސް އެ ބިލުގެ ބަހުސްގެ ވަކި ހިސާބަކުން ޖަލްސާގެ ކޯރަމް ގެއްލިގެން ޖަލްސާ ވަނީ މެދުކަނޑުއްވައި ލައްވައިފަ އެވެ.
މިއަދުގެ ޖަލްސާގައި ކުރިއަށް އެޖެންޑާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ދިރާސާކުރި ރިޕޯޓަށް ބަހުސް ކުރުމާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މެންބަރަކު ހުށަހަޅުއްވާފައިވާ އިސްލާހު ދިރާސާކޮށްފައިވާ ރިޕޯޓަށް ބަހުސް ކުރުން ހިމެނެ އެވެ.