14:30


5.8 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގެ ދަށުން ޓެލެމެޑިސިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް މީހުން ބިނާ ކުރުމާ ބެހޭ އެއްބަސްވުމެއްގައި ހެލްތު މިނިސްޓްރީ އާއި ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.


ހެލްތު މިނިސްޓްރީގައި މިއަދު އޮތް އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް ވިދާޅުވީ ދުބާއީގެ ޚަލީފާ ބިން ޒައިދު އަލް ނަހްޔާން ފައުންޑޭޝަންގެ ދަށުން ކުރިއަށްގެންދާ އެ ޕްރޮޖެކްޓްގައި ދެ ބައެއް ހިމެނޭ ކަމަށެވެ. އެއީ ރާއްޖޭން ބޭރުން ދޭ ޓްރޭނިން އާއި ރާއްޖޭގައި ކުރިއަށްގެންދާ ޓްރޭނިންގެ ބައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭން ބޭރަށް ފޮނުވާނީ ރާއްޖޭން ދެވެން ނުހުންނަ ޓްރެއިނިން ތަކަކަށް ކަމަށެވެ. ރާއްޖޭގައި ކުރިއަށް ގެންދާ ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނާ ގުޅިގެން ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވި އެވެ.


ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން 50 ނަރުހުން ޑިޕްލޮމާ ފެންވަރަށް އަދި 20 ނަރުހުން ޑިގްރީ ފެންވަރަށް ތަމްރީން ކުރެވޭނެ ކަމަށެވެ. އެގޮތުން 70 ނަރުހުން ތަމްރީން ކުރެވުމުން އަތޮޅުތެރޭގެ ރަށްރަށުގައި މަސައްކަތް ކުރުމަށް ފެންވަރު ރަނގަޅު ނަރުހުން ލިބުމުގެ އިތުރުން އަތޮޅުތެރޭގައި މަސައްކަތް ކުރާ 60 ޕަސެންޓް ބިދޭސީ ނަރުހުންގެ ތެރެއިން 70 ނަރުހުން މަދުވެގެން ދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.