21 Oct 2022, 11:22
'ޑްރިޝްޔަމް 2'ގެ ޓްރެއިލާ އެއް މި ހަފުތާގައި ނެރެފިއެވެ.
ތަމަޅަ ފިލްމެއްގެ ރީމޭކް 'ޑްރިޝްޔަމް' 2017ގައި ނެރުމަށްފަހު އެ ފިލްމުގެ ސީކުއެލްއެއް މިހާރު ވަނީ އުފައްދާފައެވެ. މި ފިލްމުގެ ޓްރެއިލާއެއް މި ހަފުތާގައި ދޫކޮށްލާފައިވާއިރު އަޖޭ ދޭވްގަން އާއި ތައްބޫގެ އިތުރުން، މަޝްހޫރު ތަރި އަކްޝޭ ކަންނާ ފިލްމުގެ މައި ރޯލަކުން ފެނެއެވެ.
ޓްރެއިލާގައި ފެންނަނީ، ތައްބޫގެ ދަރިފުޅުގެ މަރުގެ މައްސަލަ އަލުން ނިއުޅާލައި އެ ކޭސްގެ މަސައްކަތް އަލުން ފަށާ މަންޒަރެވެ. ފުރަތަމަ ފިލްމާ ހިލާފަށް ދެވަނަ ފިލްމުގައި މި ކޭސް ހައްލު ކުރުމަށް އަކްޝޭ ކަންނާ، ތައްބޫ އާއެކު މަސައްކަތް ކުރާތަން ފެނެއެވެ.
އަކްޝޭ އަކީ މީގެ ކުރިންވެސް އިންވެސްޓިގޭޓަރ ޕޮލިސްގެ ވަރުގަދަ ރޯލުތައް ކުޅެފައިވާ ތަފާތު އެކްޓިން އެއް ދައްކާ ފަންނާނެކެވެ. މި ފިލްމުގައި ވެސް އޭނާ އާއި އަޖޭ ދޭވްގަންގެ ކުރިމަތިލުންތަކެއް ޓްރެއިލާއިން ފެނެއެވެ.
ޓްރެއިލާ ލޯންޗިން އިވެންޓުގައި ވާހަކަދައްކަމުން އަޖޭ ބުނީ، 2ވަނަ ފިލްމު ތަމަޅަ ފިލްމާ ތަފާތު ވާނެ ކަމަށާއި މި ފިލްމުގައި ހިމަނާފައިވާ އަކްޝޭ ކަންނާގެ ކެރެކްޓާ ތަމަޅަ ފިލްމުގައި ނުހިމެނޭ ކަމަށެވެ.
ފިލްމު އަޅުވާ ފުރަތަމަ ދުވަހަށް 18 ކްރޯރް ރުޕީސް ބޮކްސް އޮފީހުން ލިބޭނެ ކަމަށް ފިލްމުގެ ޓީމުން އަންދާޒާ ކުރެއެވެ. ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ޑްރިޝްޔަމްގެ ސީކުއެލް ނެރެން ހަމަޖެހިފައިވަނީ އަންނަ މަހު 18ގައެވެ.
ޑްރިޝްޔަމް2 ޕްރޮޑިއުސް ކޮށްފައި ވަނީ ބުޝަން ކުމާރު އާއި ކުމާރު މަންގަތު ޕަތަކް، އަބީޝޭކް ޕަތަކް އަދި ކްރިޝަން ކުމާރުއެވެ. ޑްރިޝްޔަމްގެ ފުރަތަމަ ފިލްމަށް ގިނަ ކްރިޓިކުންނާއި ބެލުންތެރިންގެ ލޯބި ލިބުނު އިރު ދެވަނަ ފިލްމަށް ކުރެވޭ އުއްމީދު ބޮޑު ކަމަށް ފޭނުން ބުނެއެވެ.