21 Oct 2022, 11:09
މަޝްހޫރު ފޮޓޯގްރަފީ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ޕޯސްޓު ކުރާ ފޮޓޯތަކާއި ވީޑިއޯތައް ޝެޑިއުލްކޮށް ވަކި ވަގުތެއްގައި ޕޯސްޓު ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް އިންސްޓަގްރާމުން ކުރަމުން އެބަދެއެވެ.
އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި "މެޓާ"ގެ ސްޕޯކްސްޕާސަން އެއް ފާހަގަކުރިގޮތުގައި އެކުންފުނިން އަންނަނީ އިންސްޓަގްރާމަށް އާ ފީޗާއެއް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން އިންސްޓަގްރާމްގައި ޕޯސްޓުތައް ޝެޑިއުލް ކުރެވޭ ފީޗާއެއް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ސްޕޯކްސްޕާސަން ފާހަގަކުރިއެވެ. މި ފީޗާ މިހާރު ބީޓާ މަރުހަލައިގައި ބައެއް ޑިވެލޮޕަރުންނަށް ދީގެން ޓެސްޓު ކުރަން ފަށާފައިވާއިރު އާންމުންގެ ބައެއް މީހުންނަށް ވެސް މި ފީޗާ ވަނީ ފެންނަން ފަށާފައެވެ.
މި ފީޗާއާއެކު އިންސްޓަގްރާމަށް ޕޯސްޓެއް ލުމުގެ ކުރިން އެ ޕޯސްޓު ލާން ބޭނުންވާ ވަގުތެއް ކަނޑައެޅޭނެއެވެ. އެއާއެކު އެ ވަގުތަކަށް ޕޯސްޓު އަމިއްލަ އަށް ޓައިމްލައިނަށް އަޕްލޯޑް ވާނެއެވެ. މި ފީޗާއާއެކު ޕޯސްޓުކުރާ ދުވަހުގެ އިތުރުން ވަގުތުވެސް ސެޓުކޮށްލެވޭނެއެވެ.
އިންސްޓަގްރާމް އިން މީގެކުރީން ވަނީ ލައިވް ވީޑިއޯ ޝެޑިއުލް ކުރެވޭ ފީޗާއެއް ތައާރަފުކޮށްފައެވެ. އެ ފީޗާއާއެކު 90 ދުވަސް ކުރީން ވެސް ލައިވް ވީޑިއޯއެއް ޝެޑިއުލް ކޮށްލެވޭނެއެވެ.
އިންސްޓަގްރާމް އިން އަލަށް ޓެސްޓް ކުރާ ފީޗާ ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް އެ ފީޗާ އާންމުންނަށް ލިބެން ފަށާނެ ކަމަށް ވަނީ އިންސްޓަގްރާމުން ބުނެއެވެ.