20 Oct 2022, 22:37
ދިވެހި ޤައުމިއްޔަތަށް ކުރިމަތިވެފައި އޮތް އެންމެބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަކަމަށާއި މިއަދު ޤައުމިއްޔަތާ ދެކޮޅަށްދޭ ހަމަލާތައް އަމާޒުކުރަނީ ޖިސްމާއި ފުރާނައަށް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިއަދު ވިސްނަންވީ ދިވެހި ޤައުމިއްޔަތާ ދެކޮޅަށްދޭ ހަމަލާތައް ހުއްޓުވަންކަމަށާއި، އެ ހަމަލާތަކުގެ ހަތިޔާރަކީ ކަނޑި ބަޑިއާ ސިލޭހަ ނޫންކަމަށެވެ. އަދި އެ ހަމަލާތައް މިއަދު އަމާޒުކުރަނީ ޖިސްމާއި ފުރާނައަށް ނޫންކަމަށާއި، އެ ހަމަލާތައް އަމާޒުކުރަނީ އަޅުގަނޑުމެންގެ ވިސްނުމަށާއި ފިކުރަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤައުމިއްޔަތަށް މިއަދު ކުރިމަތިވެފައި އޮތް އެންމެބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ ކަމަށާއި، މި ހަނގުރާމައިން ދިފާއުވެ ގައުމިއްޔަތު ދިރުވުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އުފައްދަންވީ ޤައުމީ ލޯބި ކަމަށެވެ.
"ޅަދަރިންގެ ހިތްތަކުގައި އަށަގަންނުވަންވީ ހުއްބުލް ވަތަން. ޤައުމުދެކެ ތިމާ ލޯބިވާންވީ އެ ޤައުމުން ތިމާއަށްލިބޭ މަންފާއަކަށްޓަކައި އެކަނި ނޫން. ޤައުމުދެކެ ލޯބި ވާންވީ އެބިމަކަށް ތިމާ އުފަންވީތީ. އެ ފަސްގަނޑަށް ތިމާ ނިސްބަތްވީތީ. އަދި އެ ވަޒަނެއްގައި ތިމާގެ ވަންހަ އާއި ނަސްލު ދެމިއޮތަތީ.،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޤައުމިއްޔަތު ދިރުވުމަކީ އެ ޤައުމެއްގެ އެންމެހާ ސިފަތަކާއި އަގުތަކަށް ލޯބިކުރުން ކަމަށެވެ. ހަމައެހެންމެ ޤައުމިއްޔަތު ނެގެހެއްޓުމަކީ އެޤައުމެއްގެ ކީރިތިކަމާއި ހައިބަތުވަންތަކަން ޤަބޫލުކުރުމާއި، ޤައުމިއްޔަތުގެ އެންމެހާ ރުކުންތައް ދަމަހައްޓައި ނެގެހެއްޓުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެބައެއްގެ ޤަބޫލުކުރުންތަކާއި ހަމަތަކަށް އިހުތިރާމުކުރުން. އެބަޔަކާއި ލާމެހިފައިވާ ހުރިހާ ކަންކަމަކަށް އަގަލާއި ކުލުނު އުފެއްދުން. މި ހަމައިން ޤައުމަކާމެދު ދެކެން ފަށައިފިނަމަ އެޤައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ޤައުމިއްޔަތަށްވުރެ އަގުމާތް ޖައުހަރެއް ނޯންނާނެ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤައުމިއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ އެބައެއްގެ މެދުގައި އޮންނަ ސުލްހަމަސަލަސްކަމާއި ހަމަޖެހުން ކަމަށާއި، އަޅުގަނޑުމެން އުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައިކަމުން އެހެން ޤައުމުތަކާ މެދުގައި ހަރުދަނާ ގުޅުމެއް އުފެއްދުމަކީ ޤައުމިއްޔަތު ދިފާއުކުރުމަށްޓަކައި ނުހަނު ބޭނުންތެރިކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މެދުގައި ޤައުމީ ވަންތަކަމައި ޤައުމިއްޔަތުގެ ރޫހު ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް ކަމަށާއި އަޅުގަނޑުމެން އެންމެން އުޅެމުން އަންނަނީ ފުރިހަމަ މިނިވަންކަމާއި ހައްޤުތައްވެސް ލިބިގެން ކަމަށެވެ. ހުޅުވާލެވިފައިވާ ޑިމޮކްރަޓިކް ޖައްވެއްގައި ޑިމޮކްރަސީއެއް ދެމެހެއްޓުމަށްޓަކައި އެންމެ މުހިއްމު ކަމަކީ ޤާނޫނީ އިމުގެ ތެރެއިން ކަންކަންކުރުންކަން ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.
"ޤާނުނު ތަކާއި ޤަވާއިދުތައް ހެދިފައި ހުންނަނީ އެންމެހާ ފަރުދުންގެ ހައްޤުތައް ރައްކާތެރިކުރުމަށް. މުޖުތަމައުގެ ހަމަޖެހުމަށް. މުޅިޤައުމުގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް. ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް. މުޖުތަމައުގާ އުފެދޭ މައްސަލަތަކާއި ދެބަސްވުންތައްވެސް ހައްލުކުރުމަށް،" ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެއް ބާނީ ކަމަށްވާ ހެލްތު މިނިސްޓަރު އަޙްމަދު ނަސީމަށް ނިޝާނު މުލީގެ ޝަރަފްގެ އިއްޒަތް އަރުވާފައެވެ. ނަސީމަށް އެ އިއްޒަތް އަރުވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނާއި ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.