ރިބްރޯޑްކާސްޓްކުރުމާ ބެހޭ ގަވާއިދު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އާއްމުކޮށްފި އެވެ. އަދި އެ ގަވާއިދަށް އިއްޔެ އިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ގެޒެޓްކޮށްފައިވާ އެ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ކުރީގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗާ އިން 2001 ވަނަ އަހަރު ނެރެފައިވާ ގަވާއިދާއި 2007 ވަނަ އަހަރު އެ މިނިސްޓްރީ އިން ނެރެފައިވާ ގަވާއިދުތައް ބާތިލްވާނެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ޑިރެކްޓަރުގެ ޖެނެރަލް އަހުމަދު ނާސިހު ވިދާޅުވީ އެ ގަވާއިދު އަލުން އެކުލަވާލީ ކުރިން އޮތް ގަވާއިދު ބްރޯޑްކާސްޓިން ގާނޫނާ ތައާރަޒު ވާތީ ކަމަށާއި އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން އެ ހިދުމަތް ލިބޭ ފަރާތްތަކާއި ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ލައިސަން ހިފެހެއްޓޭނެ ހާލަތްތަކާއި ލައިންސަންސް ބާތިލްކުރެވޭނެ ހާލަތްތައް ބަޔާންކުރެވިފައިވާނެ." ނާސިހު ވިދާޅުވި އެވެ.