ނިޝާނު މުލީގެ ޝަރަފްގެ އިއްޒަތް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމަށް މިރޭ އަރުވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެއް ބާނީ ކަމަށްވާ ނަސީމަށް ނިޝާނު މުލީގެ ޝަރަފްގެ އިއްޒަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވާފައި މިރޭ ބޭއްވި ގައުމީ އިނާމު ދިނުމުގެ ޖަލްސާގައެވެ. އޭނާއަށް އެ ޝަރަފް އެރުވީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމަށް ކުރެއްވި މަސައްކަތްޕުޅުގެ އިތުރުން ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވާފައިވާތީއެވެ.

ދިވެހި ދައުލަތަށް 37 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ނަސީމް ސަރުކާރުގައި އަދާ ކުރައްވާފައިވާ އިސް މަގާމުތަކުގެ ތެރޭގައި ފޮރިން މިނިސްޓަރުކަމުގެ އިތުރުން ޚާރިޖީ ދާއިރާގެ އެހެން މަގާމުތައް ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ ނަސީމް ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގައި ފައްޓަވައިދެއްވުމުގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތް ފެށިގެންއައި އެންމެ ދަތިދުވަސްވަރުވެސް ނަސީމް އެކަމުގެ ތެރޭގައި ވަރަށް ބުރަކޮށް މަސައްކަތްކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

މި ސިނާއަތުގެ އިތުރުންވެސް އެކި ރޮނގުރޮނގުން ނަސީމް ހިދުމަތްތައް ކުރައްވާފައިވާ ކަމަށާއި އެކަންކަމަށް ބަލައި ނަސީމުގެ ޚިދުމަތްތައް ގައުމީ ފެންވަރެއްގައި ފާހަގަކުރަން ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ދެވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވިއިރު ނަސީމް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެއް ބާނީގެ ހައިސިއްޔަތުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ނުކުރެވޭނޭކަމަށް ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކުން ބުނި ނަމަވެސް ނަސީމް ވަނީ އެކަން ގަބޫލު ނުކުރައްވައި ރާއްޖޭގައި ފަތުރުވެރިކަން ތައާރަފްކުރެވޭނޭ ގޮތްތައް ހޯއްދަވައި އެމަސައްކަތުގައި ކާމިޔާބީ ހޯއްދަވާފައެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕް ޒިޔާރަތްކުރިއިރު، އެމަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ ނަސީމެވެ.

މީގެ އިތުރުން އޭނާ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ނައިބުކަމުގެ މަގާމުވެސް ފުރުއްވާފައެވެ. ފިޝަރީޒް މިނިސްޓްރީގައި އުޅުއްވިއިރު ނަސީމް ވަނީ ރާއްޖޭގެ ދޯނި ފަހަރުތަކުގައި އިންޖީނުއެޅި އިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވާފައެވެ.