Last Updated:
3 year 1 month ago

ގައުމީ އިނާމު ދިނުމުގެ ޖަލްސާގެ ލައިވް ކަވަރޭޖް

    ބުލޮގު ޚުލާސާ

    މިރޭ ދަރުބާރުގޭގައި ބާއްވާ ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު, ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށް ދެއްވާނެއެވެ.

    22:49

    މަސައްކަތްތެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު މ. ކަނޑޫކުރި، އާބިދާ އިސްމާއީލް އަލީއަށް އަރުވައިފި

    އޭނާއަކީ ފެހުމުގެ މަސައްކަތް އަމިއްލައަށް ދަސްކުރައްވައިގެން އުމުރުން 13 އަހަރުގައި މަސައްކަތް ފެއްޓެވި ބޭފުޅެއް. މިހާރު އޭނާގެ މަސައްކަތް ހާއްސަ ކުރައްވާފައި ވަނީ ދިގު ހެދުމަށް. އޭނާ ފެހުމުގެ ރޮނގުން މީހުން ތަމްރީނު ވެސް ކުރައްވާ.

    22:40

    ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު މ. ޝުވާޒް، މުހައްމަދު ޞާލިޙަށް އަރުވައިފި

    އޭނާ ވަނީ ވިޔަފާރީގެ ދާއިރާއިން ތަފާތު ޚިދުމަތްތަކަށް ކުރައްވާ، 1983 ވަނަ އަހަރު ޑިމްސްގެ ނަމުގައި ވިޔަފާރި ފެއްޓެވި. އަދި ފާނައާއި ހުއިފިލަނޑާގެ މަސްވެރިކަން އާ ޓެކްނޮލޮޖީގެ އެހީގައި ދިރުވާ އާލާ ކުރައްވާ އެ މަސައްކަތަށް ދިވެހިން އަހުލުވެރި ކުރެއްވި.

    22:37

    އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ގ. ވިޔަވަތި، އަހުމަދު އަލި މަނިކަށް އަރުވައިފި

    އިޖުތިމާއީ ޚިދުމަތުގެ ދާއިރާގައި އުޅުއްވާތާ 35 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. މި ދާއިރާއިން، ޚާއްސަކޮށް ސްކައުޓް ހަރަކާތް ކުރިއަށްގެންދެވުމުގައާއި އެ ހަރަކާތް ރާއްޖޭގައި ތަރައްގީ ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވޭ.

    22:25

    އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އައްޑޫ ސިޓީ ފޭދޫ ގުމުންޒާނިގޭ، ޒައީނާ އަހުމަދު ދީދީއަށް އަރުވައިފި.

    އޭނާ ވަނީ 1977 ވަނަ އަހަރުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން ފޫޅުމައިކަން ކުރައްވާފަ. މާލެއާއި އަތޮޅު ތެރޭގައި 500އަށް ވުރެ ގިނަ މީހުން ވިއްސައި ބޭސް ފަރުވާ ކޮށްދެއްވި. ފޭދޫގައި އަންހެނުންގެ ކޮމިޓީ އުފެދުނު އިރުން ފެށިގެން ކޮމިޓީގައި ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ.

    22:17

    ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު މ. ކިނާރާހައުސް، މުހައްމަދު ޒާހިރު (މޒ)އަށް އަރުވައިފި

    އޭނާ ވަނީ 1986 ވަނަ އަހަރުން ފެށިގެން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ހަވީރު ނޫހުގައި ތިމާވެއްޓާ ބެހޭ ގޮތުން ލިޔުންތައް ލިޔުއްވާފަ. 1990 ވަނަ އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހު ޔުނެޕުން ބޭއްވި ޖަލްސާގައި އޭނާއަށް ވަނީ ގްލޯބަލް 500 ރޯލް އޮފް އޮނާގެ ޝަރަފު ދެއްވާފަ. އަދި ތިމާވެއްޓާ ބެހޭ ހޭލުންތެރިކަން އުފެއްދެވުމުގެ ރޮނގުން 1987 ވަނަ އަހަރު އޭނާއަށް ވަނީ އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އަރުވާފަ

    22:12

    ސިއްހީ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހ. ރަންރިނބުދޫ، އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު)އަށް އަރުވައިފި

    ނާޝިދަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އަމިއްލަ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލްގެ ބާނީ އަދި ޗެއާމަން. ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކޮށްދެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ނާޝިދަށް 2001 ވަނަ އަހަރު ވަނީ އާންމު ޚިދުމަތުގެ އިނާމު އަރުވާފަ

    22:05

    ތައުލީމީ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ސ. މީދު ހަސަންކާރީގޭ، ޑރ. އަހުމަދު އަންވަރަށް އަރުވައިފި

    މަތީ ތައުލީމުގެ ދާއިރާގައި މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ގާސިމް އިބްރާހީމްގެ ވިސްނުންފުޅާ އެއްގޮތަށް ދިވެހިރާއްޖޭގެ ފުރަމަތަ އަމިއްލަ ކޮލެޖު، ވިލާ ކޮލެޖު އުފެއްދެވީ ޑރ. އަންވަރު އިސްވެ ހުންނަވައިގެން. އޭނާއަށް 2011 ވަނަ އަހަރު، ތައުލީމީ ދާއިރާއިން ތައުލީމު އުނގަންނައިދިނުމާއި ތަރައްގީ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވަނީ އަރުވާފަ

    21:57

    ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ގދ. ތިނަދޫ އާރުޒޫ، އަބްދުﷲ (ކަލޯބެއްޔާ)އަށް އަރުވައިފި.

    އަބްދުﷲ އަކީ ދިވެހި އިހުގެ ފަންނުތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް. އަބްދުﷲގެ އެންމެ ހާއްސަ ފަންނަކީ ރާއެރުން. އުމުރުން އެންމެ 15 އަހަރުގައި ދިރިއުޅުމަށް އާމްދަނީ ހޯއްދެވުމަށްޓަަކައި ފެއްޓެވި މަސައްކަތް މެދުކެނޑުމެއް ނެތި މިއަދާ ހަމައަށް ވެސް ގެންދަނީ ކުރައްވަމުން. އޭނާ ދިވެހި ހަކުރު އުފައްދަވައި އޭގެ ވިޔަފާރިވެސް ކުރައްވާ.

    21:48

    ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރުފުވެރިކަމުގެ ގައުމީ އިނާމު ހ. ހުދުފިނިފެންމާގޭ ހަސަން ޝާކިރު މުހައްމަދަށް އަރުވައިފި.

    އަދަބިއްޔާތުގެ ދާރިއާއިން ޝާކިރުގެ އެންމެ ހާއްސަ އެއް ރޮނގަކީ ޅެންވެރިކަމުގެ ރޮނގު. އޭނާ އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ 1980 ވަނަ އަހަރު އަދި އެންމެ ގިނައިން ހައްދަވާފައި ވަނީ ގައުމީ ޅެމާއި މަދަހަ. އޭނާއަށް 1998 ވަނަ އަހަރު ވަނީ ދިވެހި ޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމުދެއްވާފަ. އަދި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރެއްވުމުގެ ދާއިރާއިން ދިވެހި ބަހުން ވާހަކަ ދެއްކުންތެރިކަމުގެ ރޮނގުން އޭނާއަށް 2007 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމު ވެސް ވަނީ އަރުވާފަ.

    21:45

    ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން 1992 ވަނަ އަހަރު ޝާހިދަށް ވަނީ އާންމު ޚިދުމަތުގެ އިނާމު އަރުވާފަ. ޝާހީދަކީ ދިވެހި ބަހުގެ އެކެޑަމީއަށް ރައީސް އައްޔަން ކުރައްވާފައިވާ މެންބަރެއް އަދި އެކެޑަމީގެ ގަވައިދު ކޮމިޓީގެ ނައިބު ރައީސް.

    21:41

    ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު މ. ޑައިމަންޑުވެލީ މުހައްމަދު ޝާހިދު ހަލީމަށް އަރުވައިފި

    އޭނާ ވަނީ ދިވެހި ބަހާއި އަދަބިއްޔާތަށް 56 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފަ. އޭނާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ގަވާއިދާއި އަދަބިއްޔާތުގެ ބައިތައް ކިޔަވައިދެއްވުމާއި ޅެން ހެއްދެވުމާއި ދިވެހި ބަހުގެ ގަވާއިދާއި ހަމަތަކާއި އިސްތިއުމާލުގެ މައްޗަށާއި ބަހުގެ އެކި ކަންކަމާ މެދު ދިރާސީ މަޒުމޫނުތައް ލިޔުއްވުމާއި ސަމާސާ އަދަބާއި ދަތުރުނާމާއާއި ތަމްސީލާއި ކުރު ވާހަކަ ލިޔުއްވުން ހިމެނޭ

    21:36

    މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް ދެއްވާއިރު އޭގެ ތެރެއިން ފަސް ބޭފުޅުންނަކީ މީގެ ކުރިން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވަނީ 19 ބޭފުޅަކަށާއި ކުންފުންޏަކަށާއި ޖަމިއްޔާއަކަށާއި މިއުޒިކް ބޭންޑަކަށް

    21:33

    ގައުމީ އިނާމު އެންމެ ފުރަތަަމަ ދޭން ފެށީ 1979 ވަނަ އަހަރު އެ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި މަހުގެ 27 ވީ ހުކުރު ދުވަހުގެ ރޭ ދާރުލްއުލޫމްގައި ބޭއްވި ރަސްމީ ޖަލްސާގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

    މިރޭގެ މި ޖަލްސާއަކީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ނޫނަސް ގައުމީ ދުވަހާ ގުޅުންހުރި ޖަލްސާއެއް އެހެންކަމުން މިފަދަ ކޮންމެ މުނާސަބަތެއްގައި ވެސް އަޅުގަނޑުމެންގެ ގައުމިއްޔަތާ މެދު ވިސްނާ ފިކުރުކުރުމަކީ ކުރަން ޖެހޭނެ ކަމެއް. ގައުމިއްޔަތު ދިރުވާ އާލާ ކުރުމަށްޓަކައި މިހާރު ކުރަން ޖެހެނީ ކޮން ކަމެއްތޯ ބަލަން ޖެހޭ
    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

    [މިނިސްޓަރު ނަސީމަކީ] އެވަގުތަކު ހުންނެވި ވެރިޔަކު ހަވާލުކުރެއްވި ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާތެރިކަމާއި އިޚުލާސްތެރިކަމާއެކު ކުރައްވާ ބޭފުޅެއް.
    21:24

    ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް މިނިސްޓަރު ނަސީމް 37 އަހަރު ދުވަހުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވި. އެގޮތުން ފޮރިން މިނިސްޓަރުގެ މަގާމާއި ޚާރިޖީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރެވޭ ކަމަށް ރައީސް ވިދާޅުވި.

    21:16

    މިނިސްޓަރު ނަސީމު ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި ޝަރަފުގެ ޕްލާކާއި ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް އަރުވާފައިވާކަން ރައީސް ފާހަގަކުރެއްވި

    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

    މިނިސްޓަރު ނަސީމަކީ، ރާއްޖޭގެ ފަތުރުވެރިކަން އުފަންކުރެއްވި އެއް ބާނީ. ދިވެހި ފަތުރުވެރިކަން މިއަދު މިއޮތް މިންވަރަށް ކުރި އަރައިގެން ހިނގައި ދާނެ ކަމުގެ އެއްވެސް އަލިމަގެއް އަދި އުއްމީދެއް ފެންނަން ނެތް ދުވަސްވަރެއްގައި އެކަމަށް ޚިޔާލު ކުރައްވާ ފަތުރުވެރިކަމަކީ ރާއްޖޭގައި ކުރިއަށްގެންދެވިދާނެ އަދި ވަރަށް ބޮޑަށް ފުޅާކުރެވިދާނެ ސިނާއަތެއްކަން އަމިއްލަ ދެކެވަޑައިގެން މަސައްކަތް ފެއްޓެވި ބޭފުޅެއް
    ރައީސް ޞާލިޙް ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

    މިރޭގެ މި ޖަލްސާގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ ދެންމެ ދިވެހި ދައުލަތުގެ އިއްޒަތް އާދެ، ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް އެރުވުނު މިނިސްޓާ އޮފް ހެލްތު އަހުމަދު ނަސީމަށް ދިވެހި ދައުލަތުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚުލާސްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކުބާދީ ދެންނެވުން
    21:08

    ދިވެހި ދައުލަތުން ދެއްވަމުން ގެންދަވާ އިއްޒަތް ދެއްވަނީ ދިވެހިރާއްޖޭގެ ޢިއްޒަތުގެ ގާނޫނުގެ ދަށުން. ދިވެހި ދައުލަތުން މީހުންނަށް ދިނުމަށް އެހެނިހެން އިއްޒަތާއި މެޑެއްޔާއި ލަގަބާއި ކުލަ ކަނޑައެޅުމާއި އެ އިއްޒަތާއި މެޑެއްޔާއި ކުލަ ދިނުމުގެ އިޚްތިޔާރު ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ހަވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ

    20:53

    ދިވެހި ދައުލަތުގެ ނިޝާން މުލީގެ އިއްޒަތުގެ ލަގަބު ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަރުވައިފި

    ހެލްތު މިނިސްޓަރު އަޙްމަދު ނަސީމަށް ރައީސް ޞާލިޙް އިއްޒަތް އަރުވަނީ --- ފޮޓޯ/ ހޯމް މިނިސްޓްރީ
    20:49

    އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ފުރިހަމަ މިނިވަންކަމާއި އިސްތިގުލާލާ އެކު އަންނަން އޮތް ޖީލުތަކަށް ގައުމު ފޯރުކޮށްދެވޭނީ އަމިއްލަ ފަރުދީ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން، މުޅި މުޖުތަމައުގެ ފައިދާއަށް ޓަކައި އެންމެން ގިނަގުނަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި އިސްލާމް ދީން މަގުދައްކައިދެނީ އެގޮތަށް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި

    ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

    އަޅުގަނޑުމެންގެ މި ލޮބުވެތި ވަތަން މާތްވެގެންވާ އިސްލާމް ދީނުގެ މަތީ ސައްހަ އަގީދާގެ މަތީގައި ފުރިހަމަ މިނިވަންކަމާއި އިސްތިގުލާލާ އެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ގައުމީ ޒިންމާއެއް އަދި ވާޖިބެއް
    ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ހޯމް މިނިސްޓްރީ
    ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

    ގައުމީ ދަރިން ގައުމަށް ހޯދައިދޭ ރީތި ނަމަށް، ގައުމަށް ޓަކައި ކޮށްދޭ ބޮޑެތި ޚިދުމަތްތަކަށް ގައުމަށް ހޯދައިދޭ ޝަރަފާއި އިއްޒަތުގެ އަގު ވަޒަންކޮށް ގައުމީ ފެންވަރުގައި ފާހަގަކޮށް ދައުލަތުގެ އެންމެ އިސްވެރިޔާގެ އަތްޕުޅުން އިނާމު ލިބުމީ ގައުމީ ދަރިއެއްގެ ހަޔާތުގައި ލިބޭނެ އެންމެ ފުރިހަމަ އެންމެ ޝަރަަފުވެރި ކާމިޔާބު
    20:36

    ގައުމީ އިނާމު ދިނުމުގެ ރަސްމީ ޖަލްސާގައި މިހާރު ވާހަކަދައްކަވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

    20:31

    މިއަހަރުގެ ގައުމީ އިނާމު ދިނުމުގެ ޖަލްސާ ފަށައިފި