20 Oct 2022, 19:05
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް މަގާމާ ހަވާލުވެވަޑައިގަތްތާ އެންމެ ހަ ހަފުތާ ފަހުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން އިއުލާންކުރައްވައިފިއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައި މިއަދު ޓްރަސް ދެއްވި ތަގުރީރެއްގައި ވިދާޅުވީ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވާދަކުރެއްވި އިރު އޭނާ ވެވަޑައިގަތް ވައުދުތައް ފުއްދައި ނުދެވުނު ކަމަށާއި ޕާޓީން އޭނާއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.
"ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް އިންތިޚާބުވި މެންޑޭޓު މިހާލަތުގައި އަޅުގަނޑަށް އަދާނުކުރެވޭނެކަން އަޅުގަނޑު ގަބޫލުކުރަން. އެހެންކަމުން ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދޭން ނިންމާފައިވާކަން އަޅުގަނޑު ވަނީ ރަސްގެފާނަށް ދަންނަވާފަ،" ޓްރަސް ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ކޮންޒަވޭޓިވް ޕާޓީއަށް އާ ލީޑަރަކު ހޮވަން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވޯޓެއް ނަގާނެ ކަމަށެވެ. އަދި އާ ބޮޑުވަޒީރަކު އައްޔަން ކުރަން ދެން މަގާމުގައި ހުންނަވާނެ ކަމަށް ޓްރަސް ވިދާޅުވިއެވެ.
ޓްރަސް އިސްތިއުފާ ދެއްވުމާއެކު އިދިކޮޅު ލޭބާ ޕާޓީން ވަނީ އާންމު އިންތިޚާބެއް ބޭއްވުމަށް ގޮވާލާފައެވެ. އަދި އިނގިރޭސި ރައްޔިތުންގެ ރުހުމަކާ ނުލައި، އަނެއްކާވެސް ޕާޓީގެ އިސް ވެރިން ބަދަލުކޮށް، ގައުމުގެ ވެރިޔާ ހޮވަން ކޮންޒަވޭޓިވް ޕާޓީއަށް ފުރުސަތު ދީގެން ނުވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ޓްރަސްގެ އިސްތިއުފާއާއެކު އޭނާ ވެފައި ވަނީ އިނގިރޭސި ތާރީޚުގައި ވެސް އެންމެ ކުރު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޮޑުވަޒީރަށެވެ.
މަގާމުން އިސްތިއުފާ ދެއްވަން ޓްރަސްްއަށް މަޖުބޫރުވީ، އެކަމަނާގެ އިގުތިސާދީ ސިޔާސަތުގެ ސަބަބުން އިނގިރޭސިވިލާތުގެ ފައިސާގެ އަގާއި ހިއްސާގެ ބާޒާރުގައި އިނގިރޭސި ކުންފުނިތަކުގެ ހިއްސާގެ އަގުތައް އާދަޔާ ޚިލާފަށް ދަށަށް ދިޔުމުންނާއި އިންފްލޭޝަން މަތިވާތީ އޭނާ މަގާމުން ދުރުކުރުމާ ބެހޭ ވާހަކަތައް ކޮންޒަވޭޓިވް ޕާޓީގެ އެތެރޭގައި ދައްކަން ފެށުމުންނެވެ.
މިދިޔަ މަހުގެ ހަޔެއްގައި ޓްރަސް ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ އެ މަގާމުގައި ކުރިން ހުންނެވި ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވުމުންނެވެ.
މިދިޔަ ޖުލައި މަހުގެ ހަތެއްގައި ޖޯންސަން ބޮޑުވަޒީރު ކަމުންނާއި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ސަރުކާރުގެ 60އަށް ވުރެ ގިނަ މެންބަރުން ދެ ދުވަސް ތެރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ފަހުންނެވެ.
އެ އޮފިޝަލުން އިސްތިއުފާ ދެއްވީ، ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ޕާޓީ މެންބަރަކު ސަރުކާރުގެ މަގާމަކަށް އިސްކުރުމާ ބެހޭ ގޮތުން އުފެދުނު މައްސަލައަކާ ގުޅިގެންނާއި ކޮވިޑް ބަލިމަޑުކަމުން ފެތުރިފައި އޮތް ދުވަސްވަރު ބޮޑުވަޒީރުގެ އޮފީހުގައި ޕާޓީތަކެއް ބޭއްވި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
މީގެ އިތުރުން ގައުމުގެ މާލީ ހާލަތު ގޯސްވެ، އިގުތިސާދީ އަނދަވަޅުން އަރައި ނުގަނެވުމުގެ ސަބަބުން ވެސް ޖޯންސަންގެ ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވިއެވެ.